އެމްޑީޕީގެ ތެރެއިން މާޒީގައި ވެގެންދިޔަ ގޮތްތަކަށް ބަލަން ތިބެވެން ނެތް ކަމަށް އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ސަލްޓަން ޕާކުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ޝާހިދު ވިދާޅުވީ މިރޭ މި ފެނިގެންދަނީ އެމްޑީޕީގެ ސަފުތައް އަލުން ބަދަހިވެގެންދާ ތަން، ރުކުރުވާލެވެމުންދާ ތަން ކަމަށާއި އަތުގުޅާލަނީ މި ސަރުކާރު ޒިންމާދާރުކުރުވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މާޒީއަށް ބަލަން ތިބެއްޖެ ނަމަ، ހަމައެކަނި އޮންނާނީ އެ މާޒީގެ ފަސްބާޑި ޖަހަން ތިބުން. މާޒީއަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫން. ކުރިއަށްދެވޭނީ ހަމައެކަނި މުސްތަގުބަލަށް އުންމީދުކޮށްގެން، މުސްތަގުބަލަށް އަޅުގަނޑުމެން ފޯކަސްކޮށްގެން،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓްސް އިން ގުޅުނު މެންބަރުންނާއެކު އެމްޑީޕީ އޮތީ ހިތްވަރުގަދަކޮށް ކަމަށާއި ކުރިމަތީގައި މިއަދު މިއޮތީ ލޯ މަރާލައިގެން، ކަންފަތަށް އަޑުނީވޭ ކަމަށް ހަދައިގެން ތިބެވެން އޮތް މަންޒަރެއް ނޫން ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިރެއަކީ ތާރީހީ، އުފާވެރި އަދި އުންމީދީ ރެއެއް ކަމަށާއި ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެން ޕާޓީ އާއި މި ގައުމު ހެޔޮ މަގަށް އެޅުވުމަށް މިއީ ވަރަށް ބޮޑު އުންމީދެއް ލިބިގެންދާ ރެއެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފަހަތަށް ބަލަން ތިބެވޭކަށް ނެތް. ފަހަތަށް ބަލަން ތިއްބައި އަޅުގަނޑުމެންނަށް މި ގައުމު ގެއްލިގެންދާ ތަން މި ފެންނަނީ. ތިބޭފުޅުން އަޅުގަނޑުމެންގެ އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރެވިފައިވަނީ މި ގައުމުގައި ރައްޔިތުންގެ ބާރުވެރިކަން ހޯދުމަށްޓަކައި. އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން ރައީސް ނަޝީދު، އީވާ، އިންތި، މިހެން ގޮސް އަޅުގަނޑުމެންގެ ކުރިމަތީގައި މި ތިއްބެވީ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ފަހަތަށް ބަލަން ތިބެފި ކަމަށްވަންޏާ، އުމުރުގެ ބޮޑު ތަނުގައި މިންނެތް މަސައްކަތްކޮށްގެން ހޯދި ހައްގުތައް ނިގުޅައިގަނެގެންދާ ތަން ލޯ ކުރިމައްޗަށް އެ ދަނީ ފެންނަމުން ކަމަށާއި އެހެންކަމުން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު އެ ޕާޓީއާ ވަކިވެވަޑައިގެންނެވީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި "އެމްޑީޕީ ފުނޑާލާނެ" ކަމަށް ވިދާޅުވެ، ރައީސް ނަޝީދު މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށެވެ. ޝާހިދާއި ފައްޔާޒް މަސައްކަތްކޮށްދެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވުމަށްޓަކައެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރިއެވެ.