ދުވާލަކު 1،000 ޓަނުގެ ފެން އުފައްދާ ޕްލާންޓެއް މާލެ ވޯޓަ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބަހައްޓައިފިއެވެ.
މާލޭ ސަރަހައްދުގައި ފޯރުކޮށްދޭ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 2016 ވަނަ އަހަރު ފެށި މަޝްރޫއުގެ މުހިންމު ބައެއް މަސައްކަތްތައް، ތަފާތު އެކިއެކި ސަބަބުތަކާ ހުރެ ގިނަ ދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، އެމްޑަބްލިޔުއެސްސީން ވަނީ މިދިޔަ އަހަރު އެ މަސައްކަތްތައް އަލުން ފަށައިފައެވެ.
އެމްޑަބްލިޔުއެސްސީން އިއްޔެ ބުނީ، ދުވާލެއްގެ މައްޗަށް 1000 ޓަނު އުފެއްދޭނެ އާ ރިވާސް އޮސްމޯސިސް ޕްލާންޓެއް މާލޭ އޮޕަރޭޝަން ސެންޓަރުގައި ބަހައްޓައި، އެ ޕްލާންޓް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެނުގެ އުފެއްދުންތެރިކަން އިތުރުވެ، އާބާދީއަށް ރައްކާތެރި ފެނުގެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށާއި އެ އެންހޭންސްމަންޓްގެ ސަބަބުން އެމްޑަބްލިޔުއެސްސީއަށް މާލެ ސަރަހައްދުގެ އިތުރުވަމުންދާ ފެނުގެ ބޭނުންތައް މިހާރަށްވުރެ ރަނގަޅަށް ފުއްދައިދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މިއަދު ވިދާޅުވީ، ހުޅުމާލޭގައި ޕްރޮޓެކްޝަން ކެޕެސިޓީއާއި އަދި ސެވަރޭޖު ކެޕޭސިޓީ (ފެން ރައްކާ ކުރާ މިންވަރާއި އަދި ފެން އުފައްދާ މިންވަރު) އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 10،000 ޓަނުގެ ތާންގީގެ އަމަލީ މަސައްކަތް ނިންމައި އޭގެ ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
"އެ މަސައްކަތުގެ އަމަލީ މަސައްކަތް ހުރީ ނިމިފައި، ބޭނުންކުރެވޭ ވަރަށް ނިމިފައި. ހުޅުމާލޭގައި 10،000 ޓަނުގެ ތާންގި ބޭނުންކުރެވޭވަރުވާނެ މި އަންނަ ހަފުތާގެ ތެރޭގައި. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ،" މަތީން ވިދާޅުވިއެވެ.
އޭގެ އިތުރުން ހުލުމާލޭގައި 10،000 ޓަނުގެ ޕްރޮޓެކްޝަން ކެޕޭސިޓީ ފެން އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެ މަސަކަތް ވަނީ އިންޓާނޭޝަނަލް ބިޑިންގެ ތެރެއިން "ހިޓާޗީ" ކުންފުންޏަކާ ހަވާކޮށްފައި ކަމަށެވެ. އެ ޕްރޮޓެކްޝަން ފެސިލިޓީ އިންސްޓޯލް ކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށާއި އަމާޒަކީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މަސައްކަތުގެ ތެރެއިން މާލެއާއި ހުޅުމާލެއާ ފެނުގެ ވިއުގަ ގުޅާލެވި، ވަގުތީގޮތުން ބޭނުންކުރަން ފަށާފައިވާކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ އަމާޒަކީ ދާއިމަށް ބޭނުންކުރެވޭ މިންވަރަށް މާލެއާއި ހުޅުމާލެއާ ޕަމްޕު ސްޓޭޝަނުގެ މަސައްކަތްތައް އަވަސް މުއްދަތެއްގައި ނިންމުން ކަމަށެވެ.
"ދާއިމީ ގޮތެއްގައި އެ މަސައްކަތް ނިމުނީމަ 20،000 ޓަނު އުފުލޭނެ. މާލެއިން ހުލުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ބޭނުންވެއްޖެ ހިނދެއެއްގައި،" މަތީން ވިދާޅުވިއެވެ.
ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަޝްރޫއު ނިމުމުން، މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަމްޕުކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުވެގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން މީގެ ކުރިން ބުނެފައިވެއެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ