ލޯކަލް ކައުންސިލުތަކުގެ އެކައުންޓުތަކުގައި، އަހަރު ނިމޭ އިރު ބަޖެޓުން ހަރަދު ނުކޮށް ބާކީ ހުރި ފައިސާގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ހާމަކޮށްފިއެވެ.
ލޯކަލް ކައުންސިލުތަކުގެ ބަޖެޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ފިނޭންސް މިނިސްޓްރީން މައުލޫމާތު ހޯދިއިރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ހަރަދު ނުކޮށް ބާކީ ހުރި ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ މާޗް މަހު ފޮނުވި ސިޓީއެއްގައި ވަނީ މިދިޔަ އަހަރު ކައުންސިލްތަކުން ހަރަދު ނުކޮށް ބާކީ 2.1 ބިލިއަން ރުފިޔާ ހުރި ކަމަށް ފާހަގަކޮށްފައި ކަމަށެވެ. އަދި އެ ސިޓީގައި ހުރި އަދަދުތައް އޭނާއަށް ވަރަށް ބޮޑަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކައުންސިލުތަކުގެ ބޭންކު އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ބާކީ ހުރި ފައިސާގެ އަދަދު، ކޮންމެ އަހަރަކު 200 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީ ބުނެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކައުންސިލުތަކުގެ ބަޖެޓުން ފައިސާ ބާކީވާ އެއް ސަބަބަކީ ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ވެހިކަލް ފީތަކާއި އޭގެ އިތުރުން ވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ބައެއް ހަރަދުތައް ހަމަޖެއްސުމުން ކަމަށެވެ.
"ދެން މިހާރު އޮތް ލޯކަލް ގަވަމަންޓު އޮތޯރިޓީ ގާނޫނުގައި އޮތް އުނިކަމެއް މި ފައިސާ އިތުރަށް ހަރަދު ކުރެވޭނެ ގޮތެއް ނެތުމަކީ. ސަބަބަކީ މިހާ ބޮޑު އަދަދެއް އެއްވެސް ބަޔަކަށް އަތް ނުލެވޭ ގޮތަށް ހުރި އިރުގައި މިއިން މަންފާކުރަނިވި އެއްވެސް ކަމެއް ކުރެވޭކަށް ނެތް," ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް މި ފައިސާ ބޭނުން ކުރެވެން ޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ ބިލުތަކަށް ފައިސާ ދެއްކުމަށާއި ޓީ-ބިލު ވިއްކުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ވެސް މި ފައިސާ ބޭނުންކުރެވިދާނެ ކަމަށެވެ. މި ފައިސާ ބޭނުން ކުރެވޭނެ ގޮތަކަށް ލާމަޒުކަޒީ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ވިދާޅުވީ މި ފައިސާއަކީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކުން ބާކީ ވެފައިވާ ފައިސާ ކަމަށާއި މިއީ ގާތްގަނޑަކަށް އަށް ވަރަކަށް އަހަރު ދުވަހުގެ ފައިސާ ކަމަށެވެ. މި ފައިސާ އެހެން ކަންކަމަށް ބޭނުން ކުރަން ފެށުމުގެ ކުރިން މިކަމުގެ ފުރިހަމަ ދިރާސާއެއް ކުރަން ޖެހޭ ކަމަށާއި ބައެއް ރަށްރަށަށް އެކަށީގެންވާ ބަޖެޓު ނުލިބޭ ކަމުގެ ޝަކުވާ ވެސް އެބަ އޮތް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް