ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ މަހުގެ 26 ގައި ހުޅުވުމަށްފަހު ފުރަތަމަ ބޭނުންކުރާނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓުތައް ކަމަށާއި ޓޫރިޒަމްގެ ސީޒަނަށް ހުރިހާ ފުލައިޓުތަކާއެކު މުޅި ޓާމިނަލް ބޭނުންކުރެވޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ އާ ޓާމިނަލަށް ހުރިހާ އޮޕަރޭޝަނެއް އެއްފަހަރާ ބަދަލުކުރުމުގެ ބަދަލުގައި ބޭނުންކުރާނީ އެހެން ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް (އޮޕަރޭޝަނަލް ރެޑިނަސް، އެކްޓިވޭޝަން އެންޑް ޓްރާންސިޝަން) އުސޫލުތައް ކަމަށާއި އެކަމަށް ހާއްސަ ކޮންސަލްޓަަންޓެއް ނަގައިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިތަނަށް ފުރަތަމަ ޖައްސާ ބޯޓަކަށް، މޯލްޑިވިއަންގެ ބޯޓެއް ވާނީ. މޯލްޑިވިއަންގެ ބޯޓު ޖެއްސުމަށްފަހު އަޅުގަނޑުމެންގެ އޮރެޓް ކޮންސަލްޓަންޓް ބަލާނެ ކިތައް ދުވަހުތޯ މޯލްޑިވިއަން ގެންގުޅޭނީ، ހަމައެކަނި މޯލްޑިވިއަން. އެ ވެދާނެ ހަފުތާއެއް، އެ ވެދާނެ 8 ދުވަހަށް، ދިހަ ދުވަހަށް ނުވަތަ 15 ދުވަހަށް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މޯލްޑިވިއަންގެ ފުލައިޓުތަކަށްފަހު ދެން ޓާމިނަލަށް ގެންނާނީ ނެރޯބޮޑީގެ ހުރިހާ އެއާކްރާފްޓުތަކެއް ކަމަށާއި އަދި އެ އެއާކްރާފްޓުތަކެއް ޓްރާންސްފާކޮށް ނިމުމުން ދެން ގެންނާނީ ވައިޑްބޮޑީ އެއާކްރާފްޓުތައް ކަމަށެވެ.
"އެހެންވީމާ އޮރެޓް ކޮންސަލްޓަންޓް ދެއްވާ އިރުޝާދާއި ލަފަޔާއި އޮރެޓް ސްޓްރެޓެޖީ ބޭނުންކޮށްގެން އަޅުގަނޑުމެން އާ ޓާމިނަލަށް ހުރިހާ މަތިންދާބޯޓުތަކެއް ގެންނާނީ. ޔަގީންކުރައްވާ! ސީޒަންގައި އަޅުގަނޑުމެން މުޅިން އާ ޓާމިނަލް ބޭނުންކުރާނީ. އަޅުގަނޑުމެންގެ މި އެއާޕޯޓުގެ ޓާމިނަލްގެ ޓްރާންސްފާ ސްޓްރެޓެޖީއަކީ އޮރެޓް ކޮންސަލްޓަންޓުގެ ދަށުން ގެންދާ ސްޓްރެޓެޖީއެއް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތްތައް ކޮންޓްރެކްޓަރާ ހަވާލުކުރި އިރު، ޑިއުޓީ ފްރީ އާއި އެފްއެންބީ ފަދަ އެއްވެސް ކޮމާޝަލް ސަރަހައްދެއް ނުހިމެނޭ ކަމަށާއި ނަމަވެސް ކޮމާޝަލް ސަރަހައްދު ތަރައްގީކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. އެހެންކަމުން އާ ޓާމިނަލް ހުޅުވޭ އިރު، ލައުންޖާއި ޑިއުޓީ ފްރީ ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އެކަމަކު ފުލްފްލެޖް ކޮމާޝަލް އޭރިއާ އޮޕަރޭޝަނަލް ވާނީ ސެޕްޓެމްބަރު ހިސާބުގައި. އެއީ އެނގިވަޑައިގަންނަވާނެ މެއިން ކޮންސްޓްރަކްޝަން ކޮމްޕެނީއެއް އެތަނުގައި މަސައްކަތްކުރަނިކޮށް، އިތުރު ކޮންސްޓްރަކްޝަން ކުންފުންޏެއް އެތަނަށް ވެއްދުމަށް މެއިން ކޮންޓްރެކްޓަރަށް ހުންނާނެ ދަތިތަކެއް. ނުވަތަ ލަޔަބިލިޓީތަކެއް ސަލާމަތްކުރުމަށްޓަކައި އޭނާގެ ހުންނާނެ ހިފެހެއްޓުންތަކެއް،" އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކޮމާޝަލް ސަރަހައްދުގެ މަސައްކަތްވެސް ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި އާ ޓާމިނަލަކީ ހުރިހާ ދިވެހިން ވެސް ފަހުރުވެރިވާ ފަދަ ރަނގަޅު ޓާމިނަލަކަށް ވާނެ ކަމަށެވެ.
އާ ޓާމިނަލްގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ހަވާލުކުރީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާއެވެ. އާ ޓާމިލަކަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމެއް އަދި އެޑްވާންސްޑް ސެކިއުރިޓީ ސްކްރީނިން ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް