އެމެރިކާ އިން އެންމެފަހުން އީރާނަށް ހަމަލާދީފިއެވެ. އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއަށް އަމަލީ ގޮތުން ވަދެއްޖެއެވެ. ކުރިންވެސް އޮތީ ނުސީދާކޮށް ވަދެފައެވެ. ގާތްގަނޑަކަށް ހަފުތާއެއްގެ މުއްދަތަށް އެމެރިކާ އޮތީ ފަރުދާގެ ފުރަގަހުގައެވެ. ފަރުދާގެ ކުރިމައްޗަށް ނުކުމެ ރޭގެ ފަތިހުގެ ވަގުތެެއްގައި އެމެރިކާ ވަނީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ހަމަލަދީފައެވެ. ބޮންއަޅައިފައެވެ. ފޯޑޯއަށާއި ނަތާންޒް އަދި އިސްފަހާނަށެވެ. މި މަގުން މި ހަމަލާދިނުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދުނިޔެއަށް އިއުލާން ކުރެއްވިއެވެ. އީރާނަށް ހަމަލަދީފީމެވެ. ވަރަށް ކާމިޔާބު ހަމަލާތަކެކެވެ. މިހެން ވިދާޅުވެފައި އޭނާ އީރާނަށް އިންޒާރު ދެއްވިއެވެ. ނަމަނަމަ ބަދަލުހިފުމުގެ ނިޔަތުގައި އަހަރެމެންގެ ތަނަކަށް ހަމަލާ ނުދެއްޗެވެ. ހަނދާންކުރާށެވެ. އަހަރެމެން ހަމަލަދޭންޖެހޭ އިތުރު ތަންތަން އަދިވެސް އީރާނުގައި އެބަ ހުއްޓެވެ. މީގެ ޖަވާބުގައި އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވިއެވެ. އިޒްރޭލާ ބައިވެރިވެގެން އެމެރިކާ އިން އެންމެފަހުން ހަމަލާ އެ ދިނީ ސުލްހަވެރި ބޭނުންތަކާ ގުޅިފައިވާ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށެވެ. އޭގެ ނަތީޖާ ދާއިމަށް ދެމިގެންދާނޭކަން ކަށަވަރެވެ.

އެމެރިކާގެ ހަމަލައިގެ ބާވަތަކީ ކޮބާ؟

އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް އެމެރިކާ އިން ހަމަލަދިން ކަމަށް ބެލެވެނީ ބީ-ޓޫ މަރުކާގެ ބޮންއަޅާ ބޯޓު ފަހަރުގައި އުފުލި ބިންގަރާސް ތޮރުފާ ބިޔަ ބޮމުންނެވެ. މިއީ ބިމުގެ އަޑިން ވަރަށް ފުނުގައި ގާއިމުކުރެވިފައިވާ ތަންތަނަށް ހަމަލަދިނުމަށް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ ބޮމެކެވެ. އެމެރިކާ ނޫން ބައެއްގެ އަތުގައި ހުރި އެއްޗެއްވެސް ނޫނެވެ. މި ހަތިޔާރުން ހަމަލަ ދިނުމަށްފަހު އިތުރު ރާޅެއްގެ ހަމަލައެއް އެމެރިކާއަކުން ނުދެއެވެ. ނުވަތަ ދިންކަން އެނގޭކަށް ނެތެވެ. އީރާނުގެ އަސްކަރީ އަދި އިގްތިސާދީ އަމާޒުތައް ހިމެނޭ ގޮތުން އިތުރު ތަންތަނަށް ހަމަލަދެމުން ދަނީ އިޒްރޭލުންނެވެ. އެ ބައި އަދިވެސް ދަނީ ކުރިއަށެވެ. އެމެރިކާ އިން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ބޭނުމަކީވެސް ކުރިން ދެންނެވި ޚާއްސަ ހަތިޔާރު ބޭނުންކޮށްގެން އީރާނުގެ ނިއުކުލިއަރ ރިއެކްޓަރުތައް މުޅިން ހަލާކުކުރުމެވެ. މިއީ ވަރަށް ކާމިޔާބު ހަމަލާތަކެއް ކަމަށް ރައީސް ޓްރަމްޕު ވިދާޅުވުމުގެ މާނަޔަކީ މަގުސަދު ފުރިހަމަ ވެއްޖެއެވެ. އެކަން ކުރެވުނީމާ އިތުރު ހަމަލާތަކެއް ދިނުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. އެފަދަ ހަމަލާތަކެއް އައުންގާތީ ސީދާ އެމެރިކާއަށް އީރާނުގެ ރައްދެއް އަތުވެއްޖެނަމައެވެ.

ރޭޑިއޭޝަން ލީކުވުމުގެ ބިރު

އެމެރިކާ އިން ހަމަލަ ދިނީ އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށެވެ. އޭގެ ކުރިން އިޒްރޭލުންވެސް އައީ އެ ތަންތަނަށް ހަމަލަދެމުންނެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ސުންނާފަތި ވެގެންދިޔަ ނިއުކުލިއަރ މަރުކަޒުތަކުން ވިހަކަން ގަދަ ނުރައްކާތެރި ރޭޑިއޭޝަނުގެ ވިލާތައް ބޭރުވެގެން ފެތުރިގެން ނުދޭހެއްޔެވެ. އެހެނީ ނިއުކުލިއަރ ރިއެކްޓަރެެއް، އިންޖީނުގެއެއް ހަލާކުވެގެންދާއިރު ރޭޑިއޭޝަން ލީކުވުމަކީ އާންމު ކަމެކެވެ. މިކަން ޔުކްރޭނުގެ ޗެނޮބީލުން ވަނީ ފެނިފައެވެ. ޖަޕާނުގެ ފުކުޝީމާ އިން ވަނީ ފެނިފައެވެ. މިހާތަނަށް ކުރެވިފައިވާ އެއްވެސް ދިރާސާއަކުން އީރާނުގެ މިދެންނެވި ރިއެކްޓަރުތަކުން ރޭޑިއޭޝަން ލީކުވަމުންދާކަމުގެ ނިޝާނެއް ނުފެނެއެވެ. އީރާނުގެ ސަރުކާރުގެ އިދާރާތަކުގެ ދިރާސާތަކުންނެވެ. އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާގެ ދިރާސާތަކުންނެވެ. އަވަށްޓެރި ގައުމުތަކުގެ ތެރެއިން ކުވޭތާއި ގަތަރާއި ސައޫދީ އަރަބިޔާ ކަހަލަ ގައުމުތަކުގެ ދިރާސާތަކުންނެވެ. މީގެ މާނަޔަކީ ކޮބައި ހެއްޔެވެ. ރިއެކްޓަރުތައް ހަލާކުނުވަނީ ހެއްޔެވެ. ނިއުކުލިއަރ މާއްދާތައް ރައްކާތެރި އެހެން ތަންތަނަށް ގެންދިޔައީ ހެއްޔެވެ. މިހެންގޮސް ބައިވަރު ސުވާލުތަކެވެ. މި ސުވާލުތަކުގެ ޖަވާބެއް އީރާނު ފިޔަވައި އެހެން އެއްވެސް ބަޔަކަށް ނޭނގެއެވެ. މި ތަންތަނުން ރޭޑިއޭޝަން ލީކުވެ ފެތުރިއްޖެނަމަ މުޅި މެދުއިރުމައްޗަށް ވެށީގެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމު ނިމޭނެތަ؟

ޖަވާބަކީ ނޫނެކޭއެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ މިހާތަނަށްވެސް ހަކަތަ އުފެއްދުމާބެހޭ ސުލްހަވެރި ޕްރޮގްރާމެކެވެ. ޚުދު އެމެރިކާގެ ޖާސޫސީ އިދާރާއިންވެސް އޮތީ މިކަން ކަށަވަރު ކޮށްދީފައެވެ. އީރާނުން ނިއުކުލިއަރ ބޮން އުފައްދާކަށް މަސައްކަތެއް ނުކުރެއެވެ. އެފަދަ ބޮމެއް ނެތެވެ. އެހެންވީމާ ދެންވާނީ ކިހިނެއް ހެއްޔެވެ. ވަރަށްވެސް ސާފެވެ. ނިއުކުލިއަރ ހަތިޔާރު މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާނު ވަކިވާނެއެވެ. އެޓަމިކް ހަކަތަޔާބެހޭ ދުނިޔޭގެ އިދާރާއާ ގުޅުން ކަނޑައިލާނެއެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ދެން ބަދަލުވެގެންދާނީ މުޅިން ސިއްރު ޕްރޮގްރާމަކަށެވެ. އީރާނުގައި ތިބި ނިއުކުލިއަރ ސައިންސްވެރިންނާއި އެ މީހުންގެ ތަޖުރިބާއަށް ބަލާއިރު ނިއުކުލިއަރ ހަތިޔާރު އުފައްދަން ދިމާކޮށްފިނަމަ އެއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވިދާނޭ ކަމެކެވެ. އެހެންވީމާ އެމެރިކާގެ މި ހަމަލާތަކުން އީރާނުގެ ނިއުކުލިއަރ ކެރިކުޅަދާނަކަން ނައްތައެއް ނުލެވެއެވެ. އެކަމެއް ނުވެސް ކުރެވޭނެއެވެ. މި ހަމަލައިގެ ނަތީޖާއަކަށް ވާނީ އައު ކުރިމަތިލުންތަކެއްގެ ސިލްސިލާއެއް ފެށުމެވެ.

އެމެރިކާގެ ފަރާތުން ފެނުނީ ހީލަތްތެރިކަން

އިޒްރޭލުގެ އަސްކަރިއްޔާ އިން އީރާނަށް އެންމެ ފުރަތަމަ ހަމަލަދިނީވެސް އީރާނުގެ ލޮލުގައި މަކަރުވެރިކަމުގެ ޒާތެއްގެ އަނދުނެއް އެމެރިކާ އިން އަޅުވައިގެން ތިއްބައެވެ. ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ. ހަމަލައެއް އައުމުގެ ބިރު ކުޑަވެފައި ވަނިކޮށެވެ. އެހެންވީމާ ނިއުކުލިއަރ މަޝްވަރާތަކަކީ އެމެރިކާ އިން ކުރިއަށް ނެރުނު ހީލަތްތެރިކަމުގެ އުކުޅެކެވެ. ސީދާ އެމެރިކާ އިން އީރާނަށް ރޭގެ ވަގުތެއްގައި ހަމަލަދިނީވެސް އެކަން އެގޮތަށް މިދަނޑިވަޅުގައި ނުކުރާނޭ ކަމަށް ދުނިޔެއަށް ވިސްނިފައި ވަނިކޮށެވެ. ބައިނަލްއަގުވާމީ ޑިޕްލޮމަސީއަށް ދެ ހަފުތާގެ މުއްދަތެއް ދެނީ ކަމަށް ރައީސް ޓްރަމްޕު އިއުލާން ކުރައްވާފައި ވަނިކޮށެވެ. ޔޫރަޕުގެ ބާރުތަކާއި އީރާނާ ދެމެދު މަޝްވަރާތަކެއް ފެށިފައި ވަނިކޮށެވެ. ދުނިޔޭގެ ސުލްހައިގެ އިނާމަށް ރައީސް ޓްރަމްޕުގެ ނަން ހުށަހެޅުމަށް ޕާކިސްތާނުން ތައްޔާރުވަމުން ދަނިކޮށެވެ. ކޮންމެއަކަސް އެމެރިކާ އިން އީރާނަށް ހަމަލަ ދިނީ އީރާނުވެސް އަދި ދުނިޔެއިންވެސް އެންމެ ހީނުކުރާ ދަނޑިވަޅުގައެވެ. މިއީ އެހެން އިބާރާތަކުން ދަންނަވަންޏާ ފުރަގަހުން ވަޅިޖެހުމެކެވެ. މަކަރުވެރިކަމާއި ހީލަތްތެރިކަމުގެ ކޮޅުނެތްކޮޅެވެ. ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތައް މުގުރައިލުމުގެ މިސާލެކެވެ.

އީރާނުގެ ރައްދު ފެންނަނީ ކޮންގޮތަކަށް؟

ބުރަކައްޓަށް ވަޅިޖެހިޔަސް އަދި ކުރިމަތިން ޖެހިޔަސް އެ އޮތީ ވަޅިޖަހައިފައެވެ. އީރާނާ ދެކޮޅަށް އިސްވެ އެމެރިކާ އެ އޮތީ އުދުވާން ހިންގައިފައެވެ. ބައިނަލްއަގުވާމީ އެންމެހައި ގާނޫނުތަކާއި އުސޫލުތައް މުގުރައިފައެވެ. އެހެންވީމާ އެމެރިކާއަށް ރައްދު ދިނުމަކީ އީރާނަށް ލިބިގެންވާ ހައްގެކެވެ. އެކަމަކު އެ ރައްދު ދީފިނަމަ ދެންވާނެ ގޮތް އީރާނަށްވެސް އެނގޭނެއެވެ. އެހެންވީމާ އީރާނުން މިކަމުގައި ހިކުމަތްތެރިކަން އިސްކުރާނޭ ކަމަށް ފެނެއެވެ. އިސްކުރާކަމަށްވެސް ފެނެއެވެ. އީރާނުން ވަނީ އިޒްރޭލަށް ފޮނުވައިލާ ހަމަލަތަކުގައި އައު ބާވަތެއްގެ މިސައިލެއް މިއަދު ބޭނުންކުރަން ފަށައިފައެވެ. ޚޭބަރު ޝެކާން ނަމަކަށް ކިޔުނު ޒަމާނީ މިސައިލެކެވެ. ކުރިން ބޭނުން ނުކުރާ އެއްޗެކެވެ. ފެންނަ ފެނުމުގައި މިއީ އެމެރިކާގެ ހަމަލައިގެ ރައްދެކެވެ. އެކަމަކު އިޒްރޭލާ ދެކޮޅަށެވެ. މީގެ އައު ރާޅެއް، ދެރާޅެއް ވަނީ ފޮނުވައިލައިފައެވެ. މި ހަމަލާތަކުން ބައެއް އިޒްރޭލުގެ ހައިފާޔާއި ޓެލަވީވަށް އެރިކަން ވަނީ ކަށަވަރުވެފައެވެ. ވަރަށް ބޮޑެތި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިޒްރޭލުގެ ކަންކޮޅުތަކުން މިއަދު ވަނީ އިވިފައެވެ.