އެމެރިކާއިން މިއަދު އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާ އާ ގުޅިން އިޒްރޭލާއި އީރާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެ، ދެ ގައުމުން އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިޒްރޭލުން އީރާނުގެ އިސްފަހާން އެއާޕޯޓާއި އެހެނިހެން އަސްކަރީ ތަންތަނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ އިޒްރޭލުގެ 10 ސްޓްރެޓެޖިކް ތަނަކަށް ހަމަލާދީފައެވެ.

އިޒްރޭލުގެ ޑިފެންސް ފޯސްއިން ބުނެފައިވާ ގޮތުގައި އެ ގައުމުން އީރާނަށް ދިން ހަމަލާތަކުގައި 20 ހަނގުރާމަ ޖެޓް ބައިވެރިވިއެވެ.

އިޒްރޭލަށް އީރާނުން ދިން ހަމަލާތަކުގައި 13 މީހުން ޒަހަމްވެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކުގެ ހާލަތު ވަރަށް ސީރިއަސް ކަމަށް ބުނެފައިވެއެވެ. އީރާނުގެ ހަމަލާތައް އަމާޒުކުރީ ބެންގޯރިއަން އެއާޕޯޓާއި އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި އަސްކަރީ މަރުކަޒުތަކަށެވެ.

އީރާނުގެ ތަސްނިމް ނިއުސް އެޖެންސީން ހާމަކުރި ގޮތުގައި، ހަމަލާތައް އަމާޒުކުރެވުނު ސިޓީތަކުގެ ތެރޭގައި ހައިފާ، ތެލްއަވީވް އަދި ކާމަލް ހިމެނެއެވެ. މި ހަމަލާތަކުގައި މިސައިލްތަކާއި ތޫނު ވިހަ ދިޔާ ގޭސް ބޭނުންކޮށްފައިވެއެވެ.