އެމެރިކާއިން އީރާނުގެ އަސްކަރީ ތިން މަރުކަޒަކަށް ބޮން އަޅައި ހަމަލާދީފައިވާ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިއީ މިގޮތަށް އިޒްރޭލު - އީރާނު ހަނގުރާމައިގައި އެމެރިކާ ބައިވެރިވި ހަމަލާއެއް ދިން ފުރަތަމަ ފަހަރެވެ. ހަމަލާތަކަށްފަހު ޓްރަމްޕް ދެއްވި ހިތޯބުގައި ވިދާޅުވިގޮތުގައި އެ ތިން މަރުކަޒަކީ ފޯޑޯ، ނަތަންޒް އަދި އިސްފަހާން އެވެ. އެތަންތަނަށް ހަމަލާ ދިނުމަށް ބަންކާ ބަސްޓާގެ ހަ ބޮމާއި 30 މިސޭލް ފޮނުވާލާފައިވާ ކަމަށާއި ބީ-2 ސްޓެލްތް ބޮމްބަރުތައް ބޭނުންކޮށްގެން ދިން ހަމަލާތައް ކާމިޔާބުވެ އެމެރިކާގެ ހުރިހާ މަތިންދާބޯޓެއް އީރާނުގެ ވައިގެ ސަރަހައްދުން ރައްކާތެރިކަމާއެކު ނުކުމެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އެ އަސްކަރީ މަރުކަޒުތައް އެއްކޮށް ސުންނާފަތިކޮށްލެވިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އީރާނުގެ އޮފިޝަލުންވެސް އެ ހަމަލާތައް ދީފައިވާކަން ޔަގީންކޮށްދީފައިވެ އެވެ. ގޮއާމްގެ ގާނޫނު ހަދާ މަޖިލިސް މެންބަރެއް ކަމަށްވާ މުހައްމަދު މަނަމް ރައީސީ ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި އެ ހަމަލާގައި ފޯޑޯއަށް މާބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.
އީރާނުގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި އެމެރިކާއިން ހަމަލާދިން އަސްކަރީ މަރުކަޒުތައް ހުސްކޮށްފައި ހުންނަތާ އެތައް ދުވަސްތަކެއްވަނީ ވެފަ އެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެމެރިކާގެ އެ ހަމަލާ އާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ. އީރާނުން ކުރީން ވަނީ އެމެރިކާ މިފަދަ ކަމެއްގައި ބައިވެރިވެއްޖެ ނަމަ އެކަން ބޮޑު ހަނގުރާމައަކަށް ވެގެންދާނެ ކަމުގެ އިންޒާރުދީފައެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި މިއީ އީރާނުން ސުލްހައިގެ އެއްބަސްވުން ހަދަން ވީ ވަގުތެވެ. އަދި އެއްބަސްވުމަށް ދެކޮޅު ހަދައިފިނަމަ ނުރައްކާތެރި އެތައް ހަމަލާތަކެއް ތެހެރާނަށް ދޭނެ ކަމުގެ އިންޒާރުވަނީ ދެއްވައިފައެވެ.
އާއިޝަތު މާހާ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ