ސަލްމާން ޚާން އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ކުރީން ނޭނގޭ ގިނަ ވާހަކަތަކެއް ހިއްސާ ކޮށްފިއެވެ. ސަލްމާން މި ވާހަކަތައް ދައްކާފައިވަނީ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ" ގެ އާ ސީޒަންގެ ފުރަތަމަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. މި ޝޯގައި ސަލްމާން ވަނީ އޭނާއަށް ޖެހިފައިވާ ބަލިތަކާއި އެކަމުގެ އުނދަގޫތަކުގެ ވާހަކަ ދައްކާފައެވެ.
ސަލްމާން ބުނެފައިވާ ގޮތުގައި އޭނާއަށް ޖެހިފައިވާ ބައްޔަކީ ޓްރައިޖެމިނަލް ނިއުރަލްޖިއާ އެވެ. އެއީ ވަރަށް ރިހުން ގަދަ، މޫނުގެ ނާރުތަކަށް ޖެހޭ ބައްޔެކެވެ. އޭގެ ސަބަބުން މޫނުގައި ރިއްސުމާއި މޫނަށް އިލެކްޓްރިކް ޝޮކެއް ލިބޭ ކަހަލަ ގޮތެއްވުން ހިމެނެއެވެ. މި ބަލި ކުދިކުދި ކަންކަމުން ވެސް ޓްރިގާ ވާކަމަށާއި އޭގެ ތެރޭގައި ދަތް އުނގުޅުން، އެއްޗެއް ހެފުން އަދި ވައި ޖެހުންވެސް ހިމެނެއެވެ. މިއާއެކު އޭނާގެ ބައެއް ބަދަތައްވެސް ބަލިކަށިވެފައިވާ ކަމަށާއި ސިކުނޑިއަށް ޖެހޭ އެނޮރީސަމް ކިޔާ ބައްޔެއްވެސް ޖެހިފައިވާކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ކުރިން ޓްރައިޖެމިނަލް ނިއުރަލްޖިއާގެ ވާހަކަ ދައްކާފައިވަނީ 2017 ގައި ދުބާއީގައި ބޭއްވި "ޓިއުބްލައިޓް" ފިލްމުގެ އިވެންޓެއްގައެވެ. މިއީ މޫނުގެ ނާރުތަކުގެ ވޭންދެނިވި ބައްޔެއް ކަމަށާއި، މި ބަލީގެ ސަބަބުން ބަލިމީހުން އަމިއްލައަށް މަރުވާން މަސައްކަތްކުރާތީ "ސުއިސައިޑް ޑިޒީޒް" ގެ ނަމުންވެސް މަޝްހޫރު ކަމަށް އޭނާ ބުނެފައިވެއެވެ.
އެނޮރީސަމް އަކީ ސިކުނޑީގެ ނާރުތައް ބަލްޖް ވުން ނުވަތަ ފުއްޕުމެވެ. މި ބަލި ޖެހިގެން އުޅޭއިރު އާންމުކޮށް އެއްވެސް އަލާމާތެއް ނުފެނި ހުރެ ނާރު އެކީ ފަޅައިގެންދާ ހިސާބުން ސިކުނޑިއަށް ލޭ އެޅި ސްޓްރޯކްޖެހުން ފަދަ ފުރާނައަށް ނުރައްކާވާ ހާލަތަށް ދެއެވެ.
ހަމަ އެއާއެކު ސަލްމާން ވަނީ އޭނާއަށް އޭވީ މެލްފޯމޭޝަންވެސް ޖެހިފައިވާކަމަށް ބުނެފައެވެ. އެއީވެސް ލޭނާރުތަކަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ސިކުނޑި ނުވަތަ މައިބަދައިގައި ހުންނަ ނާރުތަކަށެވެ. މި ބަލީގެ ސަބަބުން ފިޓް ޖެހުމާއި ނާރުގެ އެކި ކަހަލަ މައްސަލަތައް ދިމާވެއެވެ. މި ހުރިހާ މައްސަލަތަކާ އެކުވެސް އޭނާ މަސައްކަތްކުރަމުން އަންނަ ކަމަށް ސަލްމާން ބުނެފައިވެއެވެ.
މިހާރު 59 އަހަރުގައި އަލުން އާ ކަންކަން ފެށުމުގެ ބާރު ނެތްކަމަށާއި، އެހެންކަމުން ކައިވެނި ކޮށްފިނަމަ އަނބިމީހާ ވަރިވެގެން ދާއިރު މުދަލުގެ ދެބައިކުޅަ އެއްބައި ގެންދިއުމުގެ ބިރު އޮތް ކަމަށްވެސް ސަލްމާން ބުނެފައިވެއެވެ. އޭނާ މިހެން ބުނީ ސަމާސާ ރާގެއްގައެވެ.
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން
ސަލްމާން ޚާން