ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ޕްރޮޖެކްޓުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގައި ހަދާ އާ ސެކްޝަންގެ މަސައްކަތްތައް މާދަމާ ފެށިގެންދާނެ ކަމަށާއި އޭގެ އިތުރުން ވެސް އެ ޕްރޮޖެކްޓުގެ ދަށުން މިއަހަރު ގިނަ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިދިޔަ 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިރޭގެ ދަންފަޅީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ތެރެއިން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ތައުލީމީ ވުޒާރާގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ.

"ޒަމާނުއްސުރެ އޮތް މުސްކުޅި ބައެއް ކަންތައް ކަނޑުވާލައި ބަދަލުކޮށް، އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން ވީހާވެސް ޒަމާނާ ގުޅޭގޮތަށް، އަދި ސްކޫލުތަކަށް ބޭނުންވާ އިރުޝާދާއި ލަފާ، ފަންނީ އެހީތެރިކަން ދެވާ ފަދަ މިންވަރަކަށް އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީ ހަރުދަނާކޮށްގެން މެނުވީ އެކަށީގެންވާ ނަތީޖާއެއް އަޅުގަނޑުމެންނަށް ހާސިލެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތުން އެންމެ ބޮޑު ބަދަލެއް، އެންމެ ފުރަތަމައަށް ވެސް ގެންނަ އެއް ސެކްޝަން ނުވަތަ ޑިވިޝަނެއްގެ ގޮތުގައި ސްކޫލު އެޑްމިނިސްޓްރޭޝަން ޑިވިޝަން ކަނޑައަޅާފައިވާނެ ކަމަށެވެ.

"ޕޭ ކޮމިޝަންގެ ތެރެއިން އެކުލަވާލި އާ މެޓްރިކްސްއާ އެއްގޮތަށް ސުޕްރިންޓެންޑެންޓުންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މާދަމާ އިން ފެއްޓިގެން ކުރިއަށް ހިނގަމުންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުންނަށް ދެވޭ ހިދުމަތް ރަނގަޅުނުކޮށް މޮޅު ނަތީޖާއެއް ނުހޯދޭނެ ކަމަށާއި ހިތްހަމަޖެހޭ ސްކޫލުގެ ވެއްޓެއް ވެސް ގާއިމެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން 2024 އަހަރަށްވުރެ 2025 ވަނަ އަހަރުގެ ތައުލީމީ ބަޖެޓަށް ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާ އިތުރުކުރެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

"ދަރިވަރުންނަށް ދޭންޖެހޭ ވަސީލަތްތައް ދެނެގަތުމާއެކުގައި، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ އެކިއެކި ޕްރޮގްރާމުތައް، މިސާލަކަށް ކޫލް ސްކޫލު ޕްރޮޖެކްޓުގައި ކަމުގައިވިޔަސް، އަދި އެއީ ޓެކްނޮލޮޖީ އިންޓެގްރޭޝަން ކަމުގައިވިޔަސް، އަދި އެއީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމު ކަމުގައިވިިޔަސްމެ، މި ހުރިހާ ކޮމްޕޯނަންޓްތަކެއް ޝާމިލުވާގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ބަޖެޓުގައި ވެސް މި ކަންތައްތައް ތަންފީޒުކުރުމަށްޓަކައި އެކަށީގެންވާ އަދަދެއް ހިމަނަނާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރިވަރެއްގެ ބޮލަކަށް ނިސްބަތުން ޖެހޭ މިންވަރު މަތިނުކޮށް ތައުލީމީ ފެންވަރު މަތިނުކުރެވޭނެ ކަމަށާއި އެހެންކަމުން ދައުލަތުގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ ރަނގަޅު ބަދަލެއް މިދިޔަ އަހަރުގައި ވެސް އައިސްފައިވަނީ ތައުލީމީ ދާއިރާއަށް ކަމަށެވެ.