އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ތުރުކީއަށް ވަޑައިގެންފި އެވެ.

ހަލީލު ތުރުކީއަށް ވަޑައިގަތުމުން އެ ގައުމުން އޭނާއަށް މަރުހަބާ ވިދާޅުވީ ރާއްޖެ އިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) އަބްދުލް ރަހީމް އަބްދުލް ލަތީފެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުގެ 51 ވަނަ ސެޝަން ކުރިއަށްދާނީ މިއަދާއި މާދަމާ އެވެ. ސެޝަން ޗެއާކުރައްވާނީ ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން އެވެ.

ހަލީލު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެކުވެރި މެންބަރު ގައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަން ފެނުމުގެ ޝަރަފުވެރިވާ ކަމަށެވެ. އަދި މި ރޫހުގައި މިއަދު މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ވިދާޅުވިއެވެ.