ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އިން އިއްޔެ ނެރުނު އިއުލާނުގައިވާ ގޮތުން 100 ހައުސިން ޔުނިޓަށް 253 މީހަކު ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން ޝަރުތު ހަމަވީ 246 މީހެކެވެ.

އަދި އެ މީހުންގެ ތެރެއިން ދެމަފިރިންނަށް ހައުސިން ޔުނިޓް ލިބިފައިވާ ނަމަ، ހައުސިން ޔުނިޓް ދޫކޮށްލާ ފަރާތުގެ މައުލޫމާތު ދެ ފަރާތުން ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި ލިޔުމުން އެކަން ބަޔާންކޮށް މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ސިޓީއަކުން ހުށަހަޅަން ބުނެފައިވެ އެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަބްދުއްﷲ ނަދީމް މިއަދު 'ވަން' އަށް ވިދާޅުވީ، އުންމީދަކީ މި މަހުގެ ނިމޭހިސާބުގައި ނުވަތަ އަންނަ މަހުގެ ތެރޭގައި ހައުސިން ޔުނިޓުތައް މީހުންނަށް ހަވާލުކުރުން ކަމަށެވެ.

ނޮޅިވަރަންފަރުގައި ހަދަމުން އަންނަ 100 ހައުސިން ޔުނިޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަން ފެށި ޔުނިޓްތަކެކެވެ. ނަމަވެސް އެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައި އޮތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ޔުނިޓްތައް ނިންމަން 2021 ވަނަ އަހަރު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެއީ 54 މިލިއަން ރުފިޔާއަށެވެ.