ތައުލީމީ ދާއިރާއިން ދާން ބޭނުންވާ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެކަން ގަބޫލުކޮށްގެން ނޫނީ ނަތީޖާ ރަނގަޅު ނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ފަސް މާއްދާއިން ސީ ފާސް ހޯދުމަކީ އެޑިއުކޭޝަން މިނިސްޓްރީން ބަލާ އެންމެ ދަށް މިންގަނޑު ކަމަށެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ 50 ޕަސެންޓަށް ފަސް މާއްދާއިން ސީ ފާސް ވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"އެ ހިސާބަކަށް އަދި ވާސިލެއް ނުވެވޭ. 2023 އަދި 2024 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މި މަންޒަރު،" ތަފާސްހިސާބުތަކުގެ އަލީގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތައުލީމީ ދާއިރާއަށް ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހައި ރުފިޔާ ދައުލަތުން ހޭދަކުރާއިރު އަދި ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތުންވެސް ސަރުކާރުން އެންމެ ދާން ބޭނުންވާ މަންޒިލާ ހަމައަށް ވާސިލު ނުވެވޭ ކަމަށެވެ.

"އިތުރު ހަރުފަތަކަށް ދަރިވަރުންގެ ނަތީޖާ މައްޗަށް ޖައްސައިލެވޭނީ އެންމެން މި ހަގީގަތް ގަބޫލުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގްރޭޑް 3 ނިންމާ މަރުހަލާ ކަމަށްވާ ކީ ސްޓޭޖު 1 އަދި ގްރޭޑް 6 ނިންމާ މަރުހަލާ ކަމަށްވާ ކީ ސްޓޭޖު 2 ގެ ދަރިވަރުންނަށް އިނގިރޭސި، ހިސާބު އަދި ދިވެހި ފަދަ މުހިންމު މާއްދާތަކުން އެންމެ އެކަށީގެންވާ ވަރަށް ހާސިލު ކުރެވެމުން ނުދާކަން ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާއަށް ބެލުމުން އެނގޭ ކަމަށެވެ.

މި އަހަރު އޭ ލެވެލް ނިންމި ކުދީންގެ އޯ ލެވެލްގެ ނަތީޖާއާ އަޅައިކިޔާއިރު ވެސް 2021 އަދި 2022 ގައި އޯ ލެވެލް ނިންމި ކުދީންގެ ތެރެއިން ގަދަ 10 ގައި 840 އަށް ވުރެ ގިނަ ކުދިން ހިމެނުނަސް 64 ޕަސެންޓު ކުދީންނަށް އޭ ލެވެލްގެ ގަދަ 10 އާ ހަމައަށް ވެސް ނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭ ލެވެލްގެ ގަދަ 10 އަށް މި ރީޗު ވަނީ 36 އިންސައްތަ ދަރިވަރުން. އޯ ލެވެލް ޓޮޕް 10 ގެ ތެރެއިން އޭ ލެވެލްގެ ތެރެއަށް ވަދެގެން މިދަނީ 36 އިންސައްތަ ދަރިވަރުން،" ކަންބޮޑުވުމާ އެކު މިނިސްޓަރު ވިދާޅުވި އެވެ.