މިއަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ބައި ޗެމްޕިއަންކަން އާމިން އުމަރު މޫސާ އަދި ޖޫނިއާ ޗެމްޕިއަންކަން އިޔާން އަހުމަދު ހޯދައިފިއެވެ.

ވަރުނުލާ ރާޅުގަނޑުގައި މިދިޔަ އަންގާރަ ދުވަހު ފެށި ބުރުނު ޝިކާރުގެ ފަހު އިވެންޓުތައް މިއަދު ވަނީ ކުރިއަށްގެންގޮސް ނިންމާލައިފައެވެ. އެގޮތުން މިއަދު ވަނީ ފިރިހެނުންގެ އޯޕަން ބައި އަދި ޖޫނިއާ ބައިގެ އިވެންޓުތައް ކުރިއަށްގެންގޮސްފައެވެ.

20 ޖޫން 2025، މާލެ، ބުރުނު ޝިކާރުގެ އޯޕަން ބައިގެ ފައިނަލުގައި އާމިން ވާދަކުރަނީ -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޖުމުލަ 21 އެތުލީޓުން ވާދަކުރި ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން ހޯދާފައިވަނީ މިއަދުގެ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބަލިކޮށްގެންނެވެ. ފައިނަލުގައި އާމިން 13.76 ގެ ސްކޯއެއް ހެދި އިރު، ކުޑަ އައްޔައަށް ހެދިފައިވަނީ 13.50 ގެ ސްކޯއެކެވެ.

އޯޕަން ބައިގެ ތިންވަނަ ހޯދީ އަހުމަދު ނަޒްމީނާއި އަލީ ޖާވިދެވެ. އެ ދެ އެތުލީޓުން ވެސް ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ސެމީގައި އާމިން އަތުން ޖާވިދު ބަލިވި އިރު، ސެމީގައި ނަޒްމީން ބަލިވީ ކުޑަ އައްޔަ އަތުންނެވެ.

20 ޖޫން 2025، މާލެ، ބުރުނު ޝިކާރުގެ އޯޕަން ބައިގެ ފައިނަލުގައި ކުޑަ އައްޔަ ވާދަކުރަނީ -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އަށް އެތުލީޓުން ވާދަކުރި ޖޫނިއާ ބައިގެ ޗެމްޕިއަންކަން އިޔާން ހޯދީ ފައިނަލުގައި މުހައްމަދު އަޒާން އަހުމަދު ބަލިކޮށްގެންނެވެ. ފައިނަލުގައި އިޔާން 13.00 ގެ ސްކޯއެއް ހެދި އިރު، އަޒާނަށް ހެދިފައިވަނީ 10.67 ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގެ ތިންވަނަ ހޯދީ ނޫހު މުހައްމަދު ދުނައިމް އިރުޝާދާއި މުހައްމަދު ލިބާންއެވެ. ސެމީ ފައިނަލުގައި ލިބާން ބަލިވީ އަޒާން އަތުންނެވެ. އަދި ސެމީގައި ނޫހު ބަލިވީ އިޔާން އަތުންނެވެ.

20 ޖޫން 2025، މާލެ، ބުރުނު ޝިކާރުގެ ޖޫނިއާ ބައިގެ ޗެމްޕިއަން އިޔާން(ކ) -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޯޕަން ބަޔާއި ޖޫނިއާ ބައިގެ ކުރިން މުބާރާތުގައި ޑްރޮޕް ނީގެ ބައި ވެސް ކުރިއަށްދިޔައެވެ. އޯޕަން ބައެކޭ އެއްގޮތަށް ޑްރޮޕް ނީ ބައިގެ ފައިނަލުގައި ވެސް ފެނުނީ އާމިން އާއި ކުޑަ އައްޔަގެ ކުރިމަތިލުމެކެވެ. ނަމަވެސް ޑްރޮޕް ނީގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔައެވެ. ފައިނަލުގައި ކުޑަ އައްޔަ 11.00 ގެ ސްކޯއެއް ހެދި އިރު، އާމިންއަށް ހެދިފައިވަނީ 4.67 ގެ ސްކޯއެކެވެ.

20 ޖޫން 2025، މާލެ، ބުރުނު ޝިކާރުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަން ކުޑައައްޔަ(ކ) -- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޑްރޮޕް ނީ ބައިގެ ތިންވަނަ ހޯދީ ދާއިން އަބްދުލް ފައްތާހާއި މުހައްމަދު އަޒާން އަހުމަދެވެ. ސެމީގައި ކުޑަ އައްޔަ އަތުން އަޒާން ބަލިވި އިރު، ދާއިން ބަލިވީ އާމިން އަތުންނެވެ.