މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރައިގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރަށް ބައެއް އެތުލީޓުން ދަތުރުކޮށްފިއެވެ.
ޖުމުލަ 23 އެތުލީޓުންނާއެކު ބުރުނު ޝިކާރު މިއަދު ހެނދުނު ފެށީ ވަރުނުލާ ރާޅުގަނޑުގައެވެ. އޯޕަން ބައިގައި މިއަހަރު 23 އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރެއިން ޖޫނިއާ ބައިގައި ނުވަ އެތުލީޓުން ވާދަކުރާ އިރު، ޑްރޮޕް ނީ ކެޓަގަރީގައިވެސް ނުވަ އެތުލީޓުން ވާދަކުރާނެއެވެ.
ރަނގަޅު ރާޅުތަކެއް މިއަދުގެ ހީޓްތަކުގައި ފެނިގެން ގޮސްފައިވާ އިރު، އެންމެ ހެނދުނު ފެށީ ފުރަތަމަ ބުރުގެ ހީޓްތަކުންނެވެ. ރޭންކިންނަށް ބަލައި ފުރަތަމަ ހީޓްތަކަށް އެތުލީޓުން ކަނޑައަޅާފައިވާ އިރު، ރޭންކިންގައި އެންމެ ވަރުގަދަ އަށް އެތުލީޓުން ވާދަކުރީ ދެވަނަ ބުރުން ފެށިގެންނެވެ.
ފުރަތަމަ ބުރުގެ ހީޓްތަކުން އަސްވާން މުހައްމަދު (ދޫނި)، ނޫހު މުހައްމަދު ދުނައިމް އިރްޝާދު، ދާވޫދު ފަޒީހް، ނޫން މުހައްމަދު ދުނައިމް އިރްޝާދު، މުހައްމަދު ލިބާނާއި ދާއިން އަބްދުލް ފައްތާހު އަދި އަލީ މަމްނޫނާއި އަހުމަދު އަހްނަފް ދެވަނަ ބުރަށް ދަތުރުކުރިއެވެ.
ދެވަނަ ބުރުގެ ހީޓްތައްވެސް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ފުރަތަމަ ހީޓުން ތިންވަނަ ބުރަށް ދިޔައީ އާމިން އުމަރު މޫސާއާއި އަޝްރަފް ހަސަންއެވެ. އާމިން 11.86 ގެ ސްކޯއެއް ހޯދި އިރު، އަޝްރަފު ވަނީ 9.66 ގެ ސްކޯއެއް ހޯދާފައެވެ.
ދެވަނަ ބުރުގެ ދެވަނަ ހީޓްގައި އެންމެފަހުން ބޮޑީބޯޑިން ލީގު ޗެމްޕިއަން އަލީ ޖާވިދު (ޖާއްޓެ) ދެވަނައަށް ދިޔަ އިރު، އެއްވަނައިގައި ނިންމާލީ މުހައްމަދު ކައިފްއެވެ. ކައިފް 8.80 ގެ ސްކޯއެއް ހޯދި އިރު، ޖާއްޓެއަށް ލިބުނީ 8.73 ގެ ސްކޯއެކެވެ.
އެންމެފަހުން ބުރުނު ޝިކާރުގެ ޗެމްޕިއަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ތިންވަނަ ހީޓް ކާމިޔާބުކުރި އި، އޭނާގެ ސްކޯއަކީ 9.67 އެކެވެ. އެ ހީޓްގެ ދެވަނައިގައި ތިންވަނަ ބުރަށް ދިޔައީ ދޫންޏެވެ. އޭނާ ވަނީ 7.70 ގެ ސްކޯއެއް ހޯދާފައެވެ.
ހަތަރުވަނަ ހީޓުގެ އެއްވަނައިގެ ގޮތުގައި އަހުމަދު ނަޒްމީން (ލޯބި) ތިންވަނަ ބުރަށް ދިޔައީ 9.00 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓްގެ ދެވަނަ އަކީ އިޔަން އަހުމަދެވެ. އޭނާގެ ސްކޯއަކީ 7.17 އެކެވެ.
އެންމެ ފުރަތަމަ ބުރުނު ސީރީސްގެ އިވެންޓް ބާއްވާފައި ވަނީ 2013 ވަނަ އަހަރުއެވެ. އެއީ ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފުރަތަމަ ވުޖޫދުވެގެން އައި ދުވަސް ކޮޅުގައެވެ.
މިއަހަރުގެ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ގުނާނީ ތިން މުބާރާތަކުންނެވެ. އެ ތިން މުބާރާތުން ޕޮއިންޓް ގުނުމުގެ ސަބަބުން މިފަހަކަށް އައިސް ބޮޑީބޯޑިން ލީގު އަބަދުވެސް ފެނިގެން ދަނީ ފޯރިގަދަކޮށެވެ.
މިއަދު ކުރިއަށް ނުދިޔަ އެތުލީޓުން މާދަމާ ރެޕޯ ހީޓްތަކުގައި ވާދަކުރާ އިރު، މާދަމާ ޑްރޮޕް ނީގެ ހީޓްތައްވެސް ފަށާނެއެވެ.
މުޙައްމަދު ޝަމްޢޫން
ބުރުނު ޝިކާރު
ބުރުނު ޝިކާރު
ބުރުނު ޝިކާރު
ބުރުނު ޝިކާރު