މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރުގެ ޑްރޮޕް ނީ ޗެމްޕިއަންކަން އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.
ބުރުނު ޝިކާރުގެ ހީޓްތައް އިއްޔެ ފަށާފައިވާ އިރު، މިއަދު ކުރިއަށް ދިޔައީ ޑްރޮޕް ނީގެ ހީޓްތަކެވެ. ޖުމުލަ ނުވަ އެތުލީޓުންނާއެކު ޑްރޮޕް ނީ އިވެންޓް ފަށާފައިވާ އިރު، ފުރަތަމަ ބުރުގެ ހީޓްތަކުން ކުޑަ އައްޔަ، ދާވޫދު ފަޒީހު، މުހައްމަދު އަޒާން އަހުމަދު، އަލީ ޖާވިދު (ޖާއްޓެ)ގެ އިތުރުން އާމިން އުމަރު މޫސާ އަދި ނޫހު މުހައްމަދު ދުނައިމް އިރުޝާދު ސީދާ ކުއާޓާއަށް ދަތުރުކުރިއެވެ.
އޭގެފަހުން ރެޕޯ ހީޓުން އިތުރު ބައިވެރިން ކުއާޓާއަށް ގޮސްފައިވާ އިރު، ސެމީގައި ކުޑަ އައްޔަ ވަނީ އަޒާން ބަލިކޮށްފައެވެ. ކުޑަ އައްޔަ ސެމީގައި 11.83 ގެ ސްކޯއެއް ހެދި އިރު، އަޒާނަށް ހެދުނީ 3.70 ގެ ސްކޯއެކެވެ.
ސެމީގެ ދެވަނަ ހީޓްގައި އާމިން 6.94 ގެ ސްކޯއަކުން ފައިނަލަށް ދިޔަ އިރު، އޭނާ ވާދަކުރީ ދާއިން އަބްދުލް ފައްތާހާއެވެ. އޭނާގެ ސްކޯއަކީ 1.57 އެކެވެ.
ފައިނަލުގައި ކުޑަ އައްޔަ ވަނީ 11.00 ގެ ސްކޯއެއް ހަދައި، ބުރުނު ޝިކާރުގެ ޑްރޮޕް ނީ ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. އާމިންނަށް ފައިނަލުގައި ހެދުނީ 4.67 ގެ ސްކޯއެކެވެ.
މިއަދުގެ އެންމެ ވަރުގަދަ ރާޅެއް އެޅީވެސް އައްޔައެވެ. އެއީ ފުރުތަމަ ބުރުގައި އެޅި، 8.17 ގެ ސްކޯގެ ރާޅެކެވެ.
ޖުމުލަ 23 އެތުލީޓުންނާއެކު ބުރުނު ޝިކާރު ކުރިއަށްދާ އިރު، މާދަމާ ހެނދުނު ފަށާނީ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓްތަކެވެ.
މުޙައްމަދު ޝަމްޢޫން
ބުރުނު ޝިކާރު
ބުރުނު ޝިކާރު
ބުރުނު ޝިކާރު
ބުރުނު ޝިކާރު