މި އަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ އިވެންޓް، ރާއްޖޭގައި މިހާތަނަށް ބާއްވަމުންދާ އެންމެ ދުވަސްވީ ބޮޑީބޯޑިން އިވެންޓް، ބުރުނު ޝިކާރު މާދަމާ ހެނދުނު ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ ބުރުނު ޝިކާރު ބާއްވާނެ ހަތްވަނަ ފަހަރެވެ. ބުރުނު ޝިކާރަކީ ރާއްޖޭގައި ބާއްވަމުންދާ އެންމެ ޒަމާންވީ ބޮޑީބޯޑިން އިވެންޓެވެ. އިވެންޓް މިއަހަރުވެސް ތާވަލު ކޮށްފައި ވަނީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބޭއްވުމަށެވެ.

ފުރަތަމަ ކޯލް މާދަމާ ހެނދުނު 10:00 އަށް ތާވަލު ކޮށްފައިވާ އިރު، މިއަހަރު މުބާރާތުގައި ކުރިއަށް ދާނީ ފިރިހެން އޯޕަން ކެޓަގަރީއާއި ޖޫނިއާ ކެޓަގަރީ އަދި ޑްރޮޕް-ނީ ކެޓަގަރީގެވެ.

ޖުމުލަ 23 އެތުލީޓުންނާއެކު ބުރުނު ޝިކާރު ފަށަން ތައްޔާރުވެފައިވާ އިރު، އޯޕަން ބައިގައި މިއަހަރު 23 އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރެއިން ޖޫނިއާ ބައިގައި ނުވަ އެތުލީޓުން ވާދަކުރާ އިރު، ޑްރޮޕް ނީ ކެޓަގަރީގައިވެސް ނުވަ އެތުލީޓުން ވާދަކުރާނެއެވެ.

މާދަމާ ފުރަތަމަ އޮންނާނީ އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓްތަކެވެ. ރޭންކިންނަށް ބަލައި ފުރަތަމަ ހީޓްތަކަށް އެތުލީޓުން ކަނޑައަޅާފައިވާ އިރު، ރޭންކިންގައި އެންމެ ވަރުގަދަ އަށް އެތުލީޓުން ވާދަކުރާނީ ދެވަނަ ބުރުން ފެށިގެންނެވެ.

ބުރުނު ސީރީސްއަކީ ބުރުނު ނަކަތާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. އެ ނަން ދީފައިވާ މުބާރާތް އާއްމުކޮށް ބާއްވަމުން ދަނީ ރާއްޖޭގެ ބޮޑީބޯޑިން އެންމެ ޕީކް ދުވަސްކޮޅާ ދިމާކޮށެވެ. އެއީ ހުޅަނގު މޫސުމާވެސް ދިމާކޮށް، ރާޅުތައް ރަނގަޅު ދުވަސްކޮޅާ ދިމާކޮށެވެ.

އެންމެ ފުރަތަމަ ބުރުނު ސީރީސްގެ އިވެންޓް ބާއްވާފައި ވަނީ 2013 ވަނަ އަހަރުއެވެ. އެއީ ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފުރަތަމަ ވުޖޫދުވެގެން އައި ދުވަސް ކޮޅުގައެވެ.

މިއަހަރުގެ ބޮޑީބޯޑިން ލީގަށް ޕޮއިންޓް ގުނާނީ ތިން މުބާރާތަކުންނެވެ. އެ ތިން މުބާރާތުން ޕޮއިންޓް ގުނުމުގެ ސަބަބުން މިފަހަކަށް އައިސް ބޮޑީބޯޑިން ލީގު އަބަދުވެސް ފެނިގެން ދަނީ ފޯރިގަދަކޮށެވެ.

އެންމެފަހުން ބޭއްވި ބުރުނު ޝިކާރުގެ ފިރިހެން ޗެމްޕިއަނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ފުވައްމުލަކު ސިޓީގެ މުހައްމަދު އަޒާން އަހުމަދު ހޯދި އިރު، އޭނާއަކީ މިވަގުތު ޖޫނިއާ ޗެމްޕިއަނެވެ. އެންމެފަހުން ބޭއްވި ބުރުނު ޝިކާރު އިވެންޓްގެ ޑްރޮޕްނީ ޗެމްޕިއަނަކީވެސް ކުޑަ އައްޔައެވެ.