ސިއްހީ ދާއިރާއިން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުފައްދަވައިފިއެވެ.

މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވިދާޅުވީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ ކުރައްވައިގެން، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފައްދަވާފައިވާ ކަމަށެވެ.

އެ ޖަމިއްޔާ އުފެއްދެވި ސަބަބެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ވަނީ ހިއްސާ ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ސައިބާ މެދުވެރިކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާއި ކުޑަކުދިންގެ އަދުލާއި ކުޑަކުދިން ގާނޫނާ ހިލާފުވާ މައްސަލަ އާއި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ހުރި ދަތިތަކާއި ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ އަމަލުތަކާމެދު ވާހަކަފުޅުދައްކަވަމުން ސާިޖިދާ ވިދާޅުވީ އޮންލައިންކޮށް ކުރާ މަލާމާތާއި ފުރައްސާރަ އަދި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލުތަކުގެ ސަބަބުން އެކުދިންނަށް ގެއްލުންދެނިވި އަސަރުތައް ކުރަމުންދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖޭގައި އަގުހެޔޮ، އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގުތައް ފަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ދިގުމުއްދަތުގެ ފަންނީ ގުޅުންތައް ދެމެހެއްޓުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.

އަދި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުން ހުރި ހިދުމަތްތައް ރަނގަޅު ކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރު ކުރުމަށް އެހީތެރިވާންޖެހޭ ކަން ވެސް އެ ފަސްޓް ލޭޑީ ސާޖިދާ ފާހަގަކުރެއްވިއެވެ.

ދަރިމައިނުވުމާއި މިންތީގެ ތަފާތުކުރުންތަކުން ލިބޭ އިހާނެތިކަމާއި އަންހެނުން ބާރުވެރިކުރުމާއި ހަކުރުބައްޔާއި ހައިޕާޓެންޝަން ފަދަ ބަލިތަކާއި އެފަދަ އެހެނިހެން މައްސަލަތަކަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށް މޭކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔަ މަސައްކަތްތައް ވެސް ފަސްޓް ލޭޑީ ހިއްސާ ކުރެއްވިއެވެ.