ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބާއްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަނުޖައްސައިދީފި ނަމަ، އެ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ދަ ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުން ވަނީ ނަޝީދު ހިމެނޭހެން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމައިފައެވެ. އެކަމަށް އެމްޑީޕީގެ އިސްވެރިން ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ފައްޔާޒް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް، މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެކި އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންގެންދާތީ، އެ ހަފުލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާ ކަމަށެވެ.

"މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ..،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 9:00 ގައި މުލިއާގެ ކަންމަތީގައި ކަމަށާއި އެމްޑީޕީއަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެ ހަފުލާއަށް ދައުވަތު އަރުވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމާފައިވަނީ، 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ބައެއް އިސް މެންބަރުންނަށް ދާދި ފަހުން މެސެޖެއް ފޮނުއްވާފައިވަނިކޮށެވެ.

ނަޝީދު ރާއްޖެ ވަޑައިގެން ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ ވެސް ބައްދަލުކުރައްވައިފައެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ތެރެއިން ނަޝީދު ވަނީ 2023 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އެމްޑީޕީގައި އިސްކޮށް މަސައްކަތްކުރެއްވި ނަޝީދުގެ އަރިސް ބޭފުޅުންނާއެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ވެސް އުފެއްދެވިއެވެ.