ގެދޮރުވެރިޔާ މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ފުލެޓު ނިމެމުން އަންނަ ވަރަކަށް އަންނަ މަހުން ފެށިގެން ފުލެޓުތައް ދޫކުރަމުންދާނެ ކަމަށާއި ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފުލެޓުތަކެއް ހަވާލުކޮށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު އެ މަސައްކަތް ބައްލަވައިލެއްވުމަށް، މަސައްކަތް ކުރިއަށްދާ ހުޅުމާލެ ދެވަނަ ފޭސްއަށް ވަޑައިގެންނެވުމަށްފަހު، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކޮށްފައި ހުރި މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރު އަދާކުރާ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ޖުލައި މަސް ތެރޭގައި އެގްރިމަންޓު ހެދުމުގެ މަސައްކަތާއި ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް. މިއީ އެއްފަހަރާ ކުރިއަށްގެންދެވޭ ކަމަކަށްވުރެ ބޮޑަށް މަސައްކަތް ނިމެމުންދާ ވަރަކަަށް ހަވާލުކުރަމުން ގެންދެވޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އުންމީދު މި ކުރަނީ މިހާރު ގޮސްފައި ހުރި މިންވަރަށް ބަލާ އިރުގައި، ސެޕްޓެމްބަރުގެ ނިޔަލަށް އަޅުގަނޑުމެންނަށް 4000 ފުލެޓު ލިބޭ ފަރާތްތަކަށް އެ ފުލެޓުތައް ހަވާލުކޮށް، އެ ތަންތަނުގައި އެބޭފުޅުން ދިރިއުޅެން ފަށާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

20 އޭޕްރިލް 2025، ފަހި ދިރިއުޅުން ފްލެޓް ހުޅުމާލެ ފޭސް 2 --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މުއްތަލިބު ވިދާޅުވީ ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ހިމެނިފައި ނުވާ ކަމަށާއި މިހާރު ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ވީހާވެސް އަވަހަކަށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.

މަސައްކަތްތައް ނިމިފައި ހުރި ޓަވަރުތަކަށް މީހުން ވެއްދޭ ހިސާބަށް ދާންވާއިރަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްތައް ގުޅިފައި ހުންނާނެ ކަމަށާއި އަދި އެއަށްފަހު ޓަވަރުތަކުން ފުލެޓުތައް ލިބިފައި ހުރި ފަރާތްތަކާ އެގްރިމަންޓުކޮށްގެން އެ ފަރާތްތަކަށް ފުލެޓުތަކަށް ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރު ނިމެނިކޮށް ފުލެޓު ލިބޭ މީހުން ލިސްޓު އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެގެން މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައިފައެވެ. އަދި އެ މައްސަލަތައް ބަލައި، މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނެވެ.

ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފުލެޓު ދިނުމަށެވެ.