މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކުރާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްވަލައިލައްވައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ހައުސިން ޔުނިޓުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް މިއަދު ހުޅުމާލެ ދެވަނަ ފޭސްއަށް ރައީސް ވަޑައިގެންނެވި އިރު، އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ އެ ޒިޔާރަތުގައި އެފްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ރައީސަށް އެ މަސައްކަތް މިހާތަނަށް ކުރިއަށްގޮސްފައިވާ ގޮތާއި އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެފްޑީސީން އެންމެ ފަހުން ދީފައިވާ މައުލޫމާތުގައިވާ ގޮތުގައި 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިންމައިފައެވެ. އެ ޔުނިޓުތަކުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށްވެސް ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ މަހުގެ 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ، 4،000 ފްލެޓުގެ ތެރެއިން މިހާތަނަށް އަދި ނިމިފައިވަނީ 1،000 ފްލެޓް ކަމަށެވެ. ނަމަވެސް، އެ ތަންތަނަށް ފެނާއި ކަރަންޓް ގުޅައި ނިމޭނީ ޖުލައި މަސް ތެރޭގައި ކަމަށާއި ހުރިހާ ފްލެޓެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިދިޔަ ސަރުކާރު ނިމެނިކޮށް ފުލެޓު ލިބޭ މީހުން ލިސްޓު އާންމުކޮށްފައިވާ އިރު، އެ ލިސްޓުގައި ގިނަ މައްސަލަތަކެއް ފާހަގަވެގެން މި ސަރުކާރުން ވަނީ އެ މައްސަލަތައް ބަލައިފައެވެ. އަދި އެ މައްސަލަތައް ބަލައި، މި ސަރުކާރުން ވަނީ ކުރީގެ ލިސްޓް މުރާޖައާކޮށް 27 ފެބުރުއަރީގައި ލިސްޓެއް ނެރެ ޝަކުވާއަށް ހުޅުވާލައިފައެވެ. އެ ލިސްޓުގައިވާ ގޮތުން ޝަރުތު ހަމަވެފައިވަނީ 1،820 މީހުންނެވެ.
ނަމަވެސް މި ސަރުކާރުން ފަހުން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފުލެޓު ލިސްޓުގައި ހިމަނާފައި ހުރި ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމަށްފަހު އެ ލިސްޓުގައި ބާކީ ތިބި މީހުންނަށް ފުލެޓު ދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު