އީރާނާއި އިޒްރޭލުގެ ހަގުރާމަ ފެށުނުފަހުން އެމެރިކާގެ ރިޔާސީ ކިއްލާ ވައިޓް ހައުސްގައި މަސްރަހު ދިރާސާކޮށް ކަންކަން ނިންމުމާބެހޭ ކޮޓަރިއެއް ނުވަތަ އޮފީހެއް ވަނީ ގާއިމު ކުރެވިފައެވެ. އެކޮޓަރީގައި ރައީސް ޓްރަމްޕާއި ގައުމީ ސަލާމަތާބެހޭ މުޝީރުންނާއި އަސްކަރިއްޔާގެ އެކި ގޮފިގޮފީގެ ވެރިންނާއި ދެންވެސް މިކަމުގައި ބަސްބުނާންޖެހޭ އެކިފަންތީގެ ވެރިން ކޮންމެ ދުވަހަކު ބައްދަލު ކުރައްވައި މަޝްވަރާތަކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރައްވައެވެ. އެކަމަކު ހަގުރާމަޔަކީ މިހާތަނަށް ރަސްމީގޮތުން އެމެރިކާ ވަދެފައިވާ ހަގުރާމައެއް ނޫނެވެ. ރަސްމީކޮށް ވަނުމަކީ އެކަން އިއުލާނު ކުރުމެވެ. ހަގުރާމައިގެ ތެރެއަށް ވަދެއްޖައީމޭ ބުނެ އަދި އިއުލާނެއް ނުކުރެއެވެ. އެކަން ނުކުރަންޏާ ބަލަންޖެހެނީ އަދި ނުވަންނަ ކަމުގައެވެ. އެކަމަކު މުޅި ދުނިޔެއަށް ކަށަވަރުވެ ޔަގީންވާ ހަގީގަތެކެވެ. އެމެރިކާގެ ބައިވެރިވުމެއްނެތި، އެމެރިކާގެ ހަތިޔާރާއި މުދަލާއި ފައިސާޔާނުލައި މިޒާތުގެ ހަގުރާމައެއް އިޒްރޭލަކަށް ނުކުރެވޭނެއެވެ.

ޓްރަމްޕު ހުންނެވީ ފަހުވަގުތުގެ އިންތިޒާރުގައި

ހަގުރާމައިގެ ވާހަކަ ދައްކަމުންގޮސް ކިތަންމެ ފަހަރަކު އިޒްރޭލަށް ނިސްބަތްކޮށްފައި އަހަރެމެންނޭ ރައީސް ޓްރަމްޕު ވިދާޅުވެއްޖެއެވެ. އެ ނަޒަރިއްޔާތުން ވިސްނީމާ އެމެރިކާ އޮތީ ކިތަންމެ ބޮޑަކަށްވެސް ހަގުރާމައިގެ ތެރެއަށް ވަދެފައެވެ. ކުރިން ދެންނެވިހެން ނުކުރާ ކަމަކީ އިއުލާން ކުރުމެވެ. އެކަމުގެ ބާރާއި އިޚުތިޔާރު ލިބިފައިވާ ފަރާތަކީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އިތުބާރުހުރި މަސްދަރުތަކުން ލިބޭ މައުލޫމާތަށް ރިއާޔަތްކުރާއިރު މި ނިންމުން ނިންމައި އިއުލާން ކުރުމަކީ ދެން މާދުރުގައިއޮތް ކަމެއް ނޫނެވެ. މިކަމާމެދު ރައީސް ޓްރަމްޕު ވިދާޅުވަނީ ކީކޭ ބާވައެވެ. އޭނާ އިއްޔެ ވިދާޅުވިއެވެ. އަދި ގޮތެއް ނުނިންމަމެވެ. ގޮތް ނިންމާނީ އެންމެ ފަހު ވަގުތުއެވެ. މިހިސާބުން ނޭނގޭ ކަމަކީ އެވިދާޅުވާ ފަހުވަގުތަކީ ކޮބައިކަމެވެ. ހަގުރާމަ އެދަނީ ހިގަމުންނެވެ. ހަގުރާމަޔަށް ހަފުތާއެއްވަނީއެވެ. އެހެންވީމާ ފަހުވަގުތެެއް އިސްވަގުތެއް ލަފާކުރާކަށް ނޭނގެއެވެ. ޓްރަމްޕަކީ އެއްވާހަކައެއް ދެފަހަރަކު އެއްގޮތަކަށް ވިދާޅުވާ އަދި ވިދާޅުވެވޭ ބޭފުޅެއް ނޫނެވެ. ކަންކަން ނިންމަވައި އެކަން އިއުލާނުނުކޮށް ހުންނެވޭ ބޭފުޅެއްވެސް ނޫނެވެ.

ޓްރަމްޕުގެ ނިންމުން ލަސްވަނީ ކީއްވެ؟

ދޭތެރެދޭތެރެއިން އަރާ ޒީލަޔަކުން ވަގުތުން ވަގުތަށް ކަންކަން އިއުލާން ކުރެއްވުމަކީ އޭނާގެ އާދައެވެ. އެކަމަކު އީރާނުގެ މައްސަލައިގައި ސީދާގޮތެއްގައި ހަގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖައީމޭ ވިދާޅުނުވެ، ގޮތް ނިންމާނީ އެންމެ ފަހު ވަގުތުގައޭ ވިދާޅުވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ގޮތްނިންމާނީ އެންމެފަހު ވަގުތުގައޭ އެވިދާޅުވާ ވިދާޅުވުމުގެ މާނަޔަކީ އިޒްރޭލާއި އެމެރިކާގެ ގުޅިފައިވާ މަގުސަދެއް އެބައޮތެވެ. އެ މަގުސަދު ހާސިލްކުރުމަށްޓަކައި މި ހަގުރާމަޔަކީ ދެ ގައުމު ގުޅިގެން އެއްބައިވެގެން އެއްބާރުލުން ދީގެން ކުރިއަށް ގެންދާ ހަގުރާމައެކެވެ. އިޒްރޭލު އޮތީ ފަރުދާގެ ކުރިމަތީގައެވެ. އެމެރިކާ އޮތީ ފަރުދާގެ ފުރަގަހުގައެވެ. ފަރުދާގެ ފުރަގަހުން ނުކުމެ ކުރީސަފަށް ޖެހިނުލައި މަޑުކުރުމުގެ ތިން ބޭނުމެއް އޮތްކަމަށް ފެނެއެވެ. ފުރަތަމަ ސަބަބަކީ ހަގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަކީ ގަލްފުގެ އަރަބި ގައުމުތަކުން ދެކޮޅުހަދާ ކަމަކަށްވުމެވެ. ގަތަރާއި އެމިރޭޓްސްއާއި ސައޫދީއަރަބިޔާއެވެ.

ގަލްފުގެ ގައުމުތަކުގެ ވިސްނުމަށް ރިއާޔަތްކުރުން

މިދެންނެވި ގައުމުތަކުގައި އެމެރިކާގެ މަރުކަޒުތައް އެބަހުއްޓެވެ. ސިފައިން އެބަތިއްބެވެ. އެހެންވީމާ އެގައުމުތަކުގައި ތިބެފައި އީރާނަށް ހަމަލަދޭން ފެށީމާ އީރާނުން އެތަންތަނަށް އަމާޒުކޮށް މިސައިލް ފޮނުވަން ފަށާނެއެވެ. އޭގެ މާނައަކީ މުޅި ގަލްފަށް ހަގުރާމަ ފެތުރިގެން ދިއުމެވެ. ދެވަނަ ސަބަބަކީ ފަރުދާގެ ކުރިމައްޗަށް އެމެރިކާ ނޭރިއަސް އެއްހަފުތާގެ ތެރޭގައި އިޒްރޭލާއި އެމެރިކާގެ މަގުސަދު ފުރިހަމަވެދާނެ ކަމަށް ގަބޫލުކުރާ ގަބޫލު ކުރުމެވެ. އެ މަގުސަދަކީ އީރާނުގެ ޔުރޭނިއަމް ފައްކާކުރާ ރިއެކްޓަރުތައް މުޅިން ހަލާކު ކުރުމެވެ. ޚާއްސަކޮށް ފޯޑޯގައިވާ ނިއުކުލިއަރ މަރުކަޒެވެ. މިއީ ބިމުގެ ގާތްގަޑަކަށް ސަތޭކަ މީޓަރު އަޑީގައި ގާއިމުކުރެވިފައިވާ ތަނެކެވެ. ކޮންމެ ދުވަހަކުވެސް މިތަނަށް އެކި ފެންވަރުގައި އެކި ހަތިޔާރުތަކުން ދަނީ ހަމަލަދެމުންނެވެ. އެންމެފަހު އަދި ތިންވަނަ ސަބަބަކީ މި ހަގުރާމައިގައި އެމެރިކާ ބައިވެރިވުމަކީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަބަޔަކު ދެކޮޅުހަދާ ކަމަކަށްވުމެވެ. އެތެރެއިންވެސް ދެކޮޅެވެ. ބޭރުންވެސް ދެކޮޅެވެ.

ބުޝް ހެއްދެވި ގޯސް ތަކުރާރުވުމުގެ ބިރު

އެހެންވީމާ އީރާނާ ދެކޮޅަށް ހަގުރާމަ އިއުލާނުކޮށް ފަރުދާގެ ކުރިމައްޗަށް ނުކުތުމަކީ ސިޔާސީގޮތުން އެމެރިކާއަށް ހެދޭނޭ ވަރަށް ބޮޑު ގޯހެކެވެ. މީގެކުރިންވެސް މިފަދަ ބޮޑު ގޯހެއް އޮތީ ހަދައިފައެވެ. ފަނާކުރަނިވި ނުރައްކާތެެރި ހަތިޔާރު އިރާގުގައި އެބަހުއްޓޭ ކިޔައިފައި އެމެރިކާ ވަނީ އިރާގާ ދެކޮޅަށް ހަގުރާމަކޮށް އެގައުމު ސުންނާފަތިކޮށްފައެވެ. އެބުނާ ނުރައްކާތެރި ހަތިޔާރެއް ނުފެނުނުތާގައި އެޒާތުގެ ހަތިޔާރު އުފައްދަން ނުވަތަ ތަރައްގީކުރަން އިރާގުން މަސައްކަތެއް ކުރިކަމުގެ ނިޝާނެއްވެސް ނުފެނުނެވެ. މި ނިންމުމެއް ނިންމީ އިރާގުގައި އެޒާތުގެ ހަތިޔާރު ހުރިކަމަށާއި ތަރައްގީކުރަން މަސައްކަތްކުރާ ކަމުގެ އިންޓެލިޖެންސް ރިޕޯޓުތައްވެސް އުފައްދައިގެން ރައީސް ޖޯޖް ޑަބްލިޔު ބުޝްއެވެ. އެފަހަރާ މިފަހަރުގެ މަސްރަހު ވަރަަށް ތަފާތެވެ. އީރާނުން ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ މިންގަޑުތަކުން ސައްހަ ނިއުކުލިއަރ ޕްރޮގްރާމެކެވެ. ހަކަތަ އުފެއްދުމަށްޓަކައެވެ. އީރާނުގައި ނިއުކުލިއަރ ހަތިޔާރު ނެތްކަމަށާއި އެފަދަ އެއްޗެއް އުފައްދަންވެސް މަސައްކަތް ނުކުރާކަމަށް އެމެރިކާގެ އަމިއްލަ ޖާސޫސީ އިދާރާއިން ވަނީ ބުނެފައެވެ. އެކަންއޮތީ ޔަގީންކޮށްދީފައެވެ.

އެމެރިކާއިން ބަލަމުން ދަނީ ހުއްޖަތަކަށް

އެހެންވީމާ އީރާނާ ދެކޮޅަށް ހަގުރާމައިގެ ކުރީސަފަށް ނުކުތުމަށް އެމެރިކާއަށް ގާނޫނީ ހުއްޖަތެއްވިޔަސް އެނޫން ހުއްޖަތެއްވިޔަސް ނެތެވެ. އެމެރިކާއިން މިހާރު ބަލަމުން އިންތިޒާރު ކުރަމުންދާކަމަށް ފެންނަނީ އެޒާތުގެ ހުއްޖަތަކަށެވެ. ރައީސް ޓްރަމްޕާއި އޭނާގެ އެހީތެރިން ގަބޫލުކުރައްވާ ގޮތުގައި ލަސްތަކެއްނުވެ އެފަދަ ހުއްޖަތެއް ފެނިދާނެއެވެ. ލިބިދާނެއެވެ. ކޮންގޮތަކުން ހެއްޔެވެ. އޮޅިގެންވިޔަސް އަދި ގަސްތުގައިވިޔަސް އީރާނުގެ މިސައިލެއް އެމެރިކާގެ މަރުކަޒަކަށް އެރުމެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން އީރާނުގެ ވަށައިގެން އެހެރީ އެމެރިކާގެ މަރުކަޒުތަކެވެ. އިޒްރޭލަށް އީރާނުން ދެމުންދާ މިސައިލް ހަމަލާތަކުގައި އެމެރިކާގެ އެމްބަސީއަށް ނުވަތަ ކޮންސިއުލޭޓަކަށް ގެއްލުންވެ އެމެރިކާގެ ޑިޕްލޮމެޓަކަށް އަނިޔާވުމަކީވެސް ހުއްޖަތެކެވެ. އެމެރިކާ އުންމީދުކުރާ ބީދަޔަކުން މިކަން ދެންއޮތީ ދުރުގައި ނޫންކަމަށް ރައީސް ޓްރަމްޕު އެބަގަބޫލު ކުރައްވައެވެ.

ހަގުރާމައިގެ ތެރެއަށް ވަދެގެން އެމެރިކާ ކުރާނީ ކޮންކަމެއް؟

ފެންނަ ފެނުމުގައި އީރާނުން ގެންގުޅެމުންދަނީ އެމެރިކާގެ ބޭނުން ފުއްދައި ނުދިނުމުގެ ސިޔާސަތެކެވެ. ރޭވުމެކެވެ. ކޮންމެހެން އެމެރިކާދެކެ ބިރުގަންނާތީއެއް ނޫނެވެ. ދެންއޮތް ސުވާލަކީ ހަގުރާމައިގެ ތެރެއަށް އެމެރިކާ ވަދެގެން އިތުރު ކަމަކަށް ކުރާނީ ކޮންކަމެއް ބާވައެވެ. އެކަމަކީ އިޒްރޭލަށް ނުކުރެވިގެންއުޅޭ ކަންތަކެވެ. އީރާނުގެ ފޯޑޯވް ނިއުކުލިއަރ ބިންގަރާސް ގޮއްވައިލުމެވެ. މިކަން ކުރެވޭނޭ ހަތިޔާރު ހުރީ އެމެރިކާގެ އަތުގައި އެކަންޏެވެ. ދުނިޔޭގެ އެހެން އެއްވެސް ބައެއްގެ އަތުގައި ނެތް އެއްޗެކެވެ. ސިއްރިޔާތުގައި އެ ހަތިޔާރު އިޒްރޭލަށް ދެވޭކަށްވެސް ނެތެވެ. ބޭނުންކުރަން ޖެހެނީ އެމެރިކާ އަމިއްލައަށެވެ. އުފުލަން ޖެހެނީ ހަމައެކަނި އެމެރިކާގެ އަތުގައިހުރި މަތިންދާބޯޓެއްގައެވެ. ބީ-ޓޫ މަރުކާގެ ބޯޓުގައެވެ. ކޮންމެއަކަސް އެމެރިކާއިން ހަގުރާމަ އިއުލާންކޮށްގެން އެކަމުގެ ތެރޭގައި ގިނަދުވަސްތަކެއް ހޭދަކުރާނޭ ކަމަކަށް ނުބެލެވެއެވެ. މިކަންތައް ކުރެވުނީމާ މަގުސަދު ފުރިހަމަވީއެވެ. ދެން ބުނާނެއެވެ. މިހިސާބުން ނިމުނީއެވެ. ދެން ދުނިޔޭގެ މީސްތަކުން ދައްކަން ބޭނުންހާ ގޮތަކަށް ވާހަކަ ދައްކައިފާނެތާއެވެ. ރައީސް ޓްރަމްޕަށް ފަރުވާލެއް ނެތެވެ.