މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ޕޭމަންޓް މޯލްޑިވްސް" ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށް ރާއްޖެއިން ބޭރުގެ ޕޭމަންޓް މެތަޑުތައް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން، އެމްއެމްއޭއިން އެ ކޮމިޓީއަށް ފޮނުވި ޖަވާބު ސިޓީގައި ބުނީ ރާއްޖޭގައި ޕޭމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ދަނީ ކުރަމުން ކަމަށެވެ.

އެމްއެމްއޭއިން ބުނީ އެ އިދާރާއިން ވަނީ 2023 ވަނަ އަހަރުގެ ތެރޭގައި "ފަވަރަ" ތައާރަފުކޮށްފައި ކަމަށެވެ. އަދި މިހާރު އެމްއެމްއޭއިން ދަނީ "ޕޭމެންޓް މޯލްޑިވްސް" ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ކުންފުނީގެ މަގުސަދަކީ ވެސް ރާއްޖޭގައި ޕޭމަންޓް މެތަޑުގެ ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުން ކަމަށެވެ.

"ޕޭމަންޓް މޯލްޑިވްސް" ހިންގާނީ ވަކި މެނޭޖުމެންޓެއްގެ ދަށުންކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެ ކުންފުނި ހިންގުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ މަސްއޫލިއްޔަތުތަކާވެސް މުޅިން ވަކިން ކަމަށެވެ.

އަދި ބުނީ "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް ގުޅާލުމުގެ ރަސްމީ މަޝްވަރާތައް އިންޑިއާގެ މަރުކަޒީ ބޭންކާއެކު އިކްނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ.

މަޝްވަރާތައް ކާމިޔާބު ކުރެއްވިއްޖެނަމަ، ރާއްޖެއިން ސީދާކޮށް އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވެން ހުންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.