ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމަންޓް ސްކީމަކީ، މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ޕިރަމިޑް ސްކީމެކެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދައްކާ ސްކީމެކެވެ. އެ ސްކީމަށް ދިވެހީންގެ ތެރެއިން 41000-47000 އާ ދެމެދުގެ އަދަދެއްގެ ދިވެހިން ފައިސާ ޖަމާކުރަމުންދާކަން ޖެމްކިއުގެ ރަސްމީ ޓެލެގްރާމް ގްރޫޕުން ސާފުވެއެވެ. ބައެއް މީހުން ވަނީ މިލިއަނުން އެ ސްކީމަށް އިންވެސްޓްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ ގޮތުން ޖެމްކިއު ފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ޖެމްކިއުއަކީ އެފަދަ ހުއްދައަކާ ނުލައި ހިންގަމުންދާ ޕިރަމިޑް ސްކީމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުން، ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައެވެ. މިސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެކެވެ،" ބަޔާނުގައި ބުނެފައިވެއެވެ،
އެ ބަޔާނުގައި ވަނީ، އެ ފަދަ ސްކީމްތައް ހިންގައި ޕްރޮމޯޓުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައެވެ. އަދި އެ ފަދަ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ފުލުހުންގެ ބަޔާނާއެކު، އެތައް ދިވެހީނެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވިއެވެ. އެއީ އެ ސްކީމުގައި އެތައް ސަތޭކަ ފުލުހުންނެއްވެސް އިންވެސްޓްކޮށް ފައިދާ ނަގާތީއެވެ. އެ މޭރުމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.
އެމްޑީއޭ ތަމްސީލު ކުރައްވާ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް އެކްސްގައި ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ 70 ޕަސަންޓް ބޭފުޅުންނާއި ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސިފައިންނާއި ޕޮލިހުންގެ 80 ޕަސަންޓް ބޭފުޅުންނާއި ޖުމުލަ 70 ވަރަކަށް ހާސް ރައްޔިތުން ޖީއެމްސީއީ ބޭނުންކުރެއެވެ. އެކަން ކުރަނީ އެއިން ނަފާ ލިބޭތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ގިނަ ބަޔަކު އެއަށް އިންވެސްޓްކުރުމަށްވެސް އޭނާ ހިތްވަރު ދެއްވިއެވެ.
ފުލުހުންގެ ބަޔާނާއެކު އުފެދުނު ނުތަނަވަސްކަމުގައި ޖެމްކިއުއަށް އިންވެސްޓްކޮށްގެން ތިބި އެތައް ހާސް ބަޔަކަށް މާޔޫސްވިއިރު، އެކަން ބަދަލުކޮށްލަން ޖީއެމްސީއިން ފެށީ "ޕްރޮމޯޝަން"އެކެވެ. ހަތަރު ވަރަކަށް ދުވަހަށް ކުރިއަށްގެންދާނެ ކަމަށް ބުނި އެ ޕްރޮމޯޝަންގެ ދަށުން އިންވެސްޓްމެންޓުގެ ފައިދާ ދެ ގުނަވެއެވެ. އެކަން ކުރުމަށް އެތައް ހާސް ބަޔަކު އަވަސްވެގަތްއިރު، މިލިއަނުން އެއަށް ވެސް ފައިސާ ޖަމާކުރިއެވެ. ޕްރޮމޯޝަންގައި ބުނި ގޮތަށް އެ ފައިސާ ވޮލެޓުންވެސް ފެންނަން ހުއްޓެވެ. އެ ފައިސާ ނުގެނޭނެކަން އެކަކަށްވެސް ވިސްނިފައެއް ނެތެވެ.
ޖެމްކިއުގެ ފައިސާ ނުނެގޭކަން ފާހަގަވީ ފައިސާ ޖަމާ ނުވެ 72 ގަޑިއިރަށްވުރެވެސް ގިނަ ވަގުތު ދިއުމުންނެވެ. ބައެއް މީހުންނަށް ހަތަރު ދުވަސްވެސް ވެއްޖެއެވެ.
ޖެމްކިއު ސްކީމްގައި ބައިވެރިވާ ދިވެހިން ހިމެނޭ ޓެލްގްރާމް ގްރޫޕަށް ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ ދަށުން ހިންގަމުން އަންނަ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓްގެ ސިޓީއެއް ކަމަށް ބުނެ ސިޓީއެއް ވެސް ލައިފައެވެ. އެ ސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރު ޖޯންސް ގިބަންސް އަކީ އެ އިދާރާގައި މަސައްކަތް ވެސް ކުރާ މީހެއް ނޫންކަން އެކި މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ. އެހެންކަމުން މިއީ އިންވެސްޓަރުންނަށް އޮޅުވައިލުމަށް ހަދާފައިވާ ފޭކު ލިޔުމެއް ކަމަށް އިތުބާރު މަސްދަރުތަކުން މައުލޫމާތު ދެއެވެ.
ޖެމްކިއުގެ ފައިސާ ނުނެގޭތީ ގިނަ ބަޔަކު ޝަކުވާ ކުރުމުން ސްކޭމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ޓެލެގްރާމް ގްރޫޕްގައި މިއަދު ބުނެފައި ވަނީ ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށާއި ކަންކަން އާއްމު ހާލަތަކަށް އައުމުން އާންމު އުސޫލުން ފައިސާ ނެގޭނެ ކަމަށެވެ. އަދި ފައިނޭންޝަލް އޮތޯރިޓީން އޮޑިޓެއް ކުރުމަށް ޖެމްކިއުގެ އޮފީހަށް އަންނަން ނިންމާފައިވާ ކަމަށްވެސް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.
"ވަން" އިން ހޯދި އެއްވެސް މައުލޫމާތަކުން ޖެމްކިއުގެ މައްސަލައެއް ބަލާކަމެއް ސާފެއް ނޫނެވެ. އަދި ޖެމްކިއުގެ އޮފީހެއް އެމެރިކާގެ އެއްވެސް ތަނެއްގައި ހުރި ކަމަކަށް އެއްވެސް ރެކޯޑަކުން ނުދައްކައެވެ.
ޖެމްކިއު ސްކީމް ހިންގަނީ ހަމައެކަނި ރާއްޖޭގައި ކަމަށް ފުލުހުން ބުނެފައިވާއިރު، ޖީއެމްސީއީގެ ވިޔަފާރި ނަން ރަޖިސްޓަރީކޮށްފައިވަނީ މިލަދޫ މީހެއްގެ ނަން މައްޗަށެވެ. ނަމަވެސް އެ ނަން ރަޖިސްޓްރީކުރި މީހާއާ ޖީއެމްސީ ސްކީމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ކަށަވަރެއް ނޫނެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް އެނގިފައިވާ ގޮތުގައި ޖީއެމްސީއަށް ރާއްޖެއިން 100-120 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަނީ އިންވެސްޓްކޮށްފައެވެ.
ޖީއެމްސީގެ ބައެއް އިސްވެރިން ރާއްޖެ ދޫކޮށް ފުރާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމުގެ ހަގީގަތެއް ސާފެއް ނޫނެވެ. އެކަމަކު ސާފުވާ ކަމެއް އެބައޮތެވެ. ފާއިތުވި ދެތިން ދުވަސްތެރޭގައި، ދުވަހަކު އެ ސްކީމަށް އިންވެސްޓް ނުކުރާ ވަރަށް މީހުން އިންވެސްޓް ކުރި އެވެ. ލޯނުތައް ނަގައިގެންވެސް އެކަން ކުރި މީހުން މަދެއް ނޫނެވެ. ބޮޑު ޕްރޮމޯޝަނަކާއެކު މިލިއަނުން ފައިސާ ހޯދުމަށް ފަހު ފޭކް ލިޔުމެއް ދައްކައި، ފައިސާ ދޫނުކޮށް ސްކީމު ހުއްޓާލަނީ ހެއްޔެވެ؟ އެތައް ބައެއްގެ ފައިސާ ހިފައިގެން ޖީއެމްސީގެ ވެރިން ފިލަނީ ހެއްޔެވެ؟
ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ
ވެލިދޫ ދާއިރާގެ މެންބަޅު ޒިންމާ އުފުލަންޖެހޭ، އާންމު ރައްޔިތުންނަށް އޮޅުވާލައިގެން، އާންމުރައްޔިތުން ހަނާކުރަން ވިސްނައިދިން ވިސްނައިދިނުން ތަހުގީގު ކުރުމަށް ގޮވާލަން.. މީނާގެ އަތެއް މިކަމުގަ ނުވޭބާ
ވާފިރު ޢަލީ - 1 އަހަރު ކުރިން