އެކްޓަރު ސަލްމާން ޚާން އޭނާގެ އާ ފިލްމުގެ ލީޑިން އެކްޓްރެސްގެ ގޮތުގައި ޗިތްރަންގަދާ ސިންގް ހަމަޖައްސައިފިއެވެ. މިއީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މިލިޓަރީ އެކްޝަން ޑްރާމާ ފިލްމެކެވެ.

ފިލްމުގެ ވާހަކަ ބިނާވެފައިވަނީ "އިންޑިއާސް މޯސްޓް ފިއަރލެސް 3" ނަމަކަށް ކިޔާ ވާހަކައެއްގެ މައްޗަށެވެ. ސަލްމާން ފެނިގެންދާނީ ކާނަލް ބީ. ސަންތޯޝް ބާބުގެ ރޯލުންނެވެ.

މިއީ ސަލްމާން ފުރަތަމަ ފަހަރަށް ހަގީގީ ކެރެކްޓަރެއް ކުޅޭ ފިލްމެވެ. އަދި މިއީ އޭނާ ފުރަތަމަ ފަހަރަށް އާމީ އޮފިސަރެއްގެ ރޯލު ކުޅޭ ފިލްމުވެސް މެއެވެ.

ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ. ފިލްމުގެ ޝޫޓިން 70 ދުވަހަށް ދެމިގެންދާނެ ކަމަށާއި ފިލްމުގައި ޒުވާން ތިން އެކްޓަރަކުވެސް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ޗިތްރަންގަދާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ހައުސްފުލް 5" އިންނެވެ.