ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް، އެ މައްސަލަ ތަހުގީގުކުރުމަށް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ދާއޫދު މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

"2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓު ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަހުގީގަށް ދޮގު ބަޔާނެއްދީފައިވާ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު އެ މަގާމުން ވަކިކުރައްވައިފި،" ހީނާ ވިދާޅުވިއެވެ.

ދާއޫދަކީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ރައުދު އަހުމަދު ބޭބެއެވެ. އެ މައްސަލައިގައި ފުލުހުން އަދި ރިޔާސީ ކޮމިޝަނުން ވެސް ދާއޫދާ ވަނީ ސުވާލުކޮށްފައެވެ.

ރިޔާސީ ކޮމިޝަނުން އިއްޔެ އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައުދުގެ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުއްޓެވެ. ދާއޫދާއި އޭނާގެ ރައްޓެހިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރިކަން ކޮމިޝަނުން ފާހަގަކުރިއެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން މިނިސްޓަރަކަށް ގުޅާފައި ނުވާނެ ކަމަށް ދާއޫދުގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، ދާއޫދު ގުޅި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކޮމިޝަނަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަށް މިނިސްޓަރު އިހުސާން ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހާދިސާ ހިނގި ދުވަހުގެ މެންދުރުފަހު 3:47 ގައި ދާއޫދު ގުޅުމުން އެއް މިނެޓުގެ ކޯލެއް ނަގާފައިވާނެ ކަމަށާއި އެ ފޯނަށް ޖަވާބުދީ އާންމު އުސޫލުން އައިޑީކާޑު ނަންބަރު ފޮނުވުމަށް އެދިފައިވާނެ ކަމަށެވެ.

"އެ ކޯލުގައި ހަނދާންވާ ގޮތުން ދާއޫދު އަހުމަދު ބުނެފައިވަނީ 'ކޮއްކޮ ހައްޔަރުކޮށްގެން ގޮސްފި' މިހެން ކަމަށާއި، މައްސަލައިގެ ވަކި ތަފްސީލެއް ނުދީ ދާއޫދު އަހުމަދު އެހެން ބުނުމުން ބަލާފައިވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީހަކަށް ގުޅި ހަަނދާނެއް ނުވާ ކަމަށާއި، ދާއޫދު އަހުމަދު ފޮނުވާފައިވާ މެސެޖުގައި އޮންނަނީ، "I couldn't find the physical ID, Are these details ok" މިގޮތަށް ކަމަށްވުމުން، ޖަވާބުގައި "OK" މިގޮތަށް ލިޔެފައިވާނެ..،" އިހުސާންގެ ބަޔާނުގައި ވިދާޅުވި ކަމަށް ރިޕޯޓުގައިވެއެވެ.

އެއަށްފަހު ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ފުލުހުން ތުހުމަތުކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އެކްސިޑެންޓެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެ ދާއޫދު މެސެޖުކުރެއްވުމުން އެކަން ބައްލަވައިލައްވާނެ ކަމަށް ވިދާޅުވެ މެސެޖެއް ފޮނުއްވާފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި ކަމަށެވެ.

އޭގެ ފަހުން އެ ރޭ 7:10 ގައި ގުޅި ނަމަވެސް އެ ފޯނު ކޯލަށް ޖަވާބުދެއްވިފައި ނުވާ ކަމަށާއި އެ ރޭ 9:10 ގައި ނޫސްވެރިން އޭނާގެ ގޭ ދޮދަށް ދިޔަ ކަމަށް ވިދާޅުވެ ދާއޫދުގެ މެސެޖެއް ލިބިވަޑައިގެންނެވި ކަމަށް މިނިސްޓަރު އިހުސާންގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެން ވިދާޅުވެ މެސެޖުކުރެއްވުމަށްފަހު ވެސް، ދާއޫދު ގުޅައި ނޫސްވެރިންގެ ވާހަކަ ހިއްސާކުރެއްވި ކަމަށާއި އެ ކޯލަށް ވާނީ 31 ސިކުންތު ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.

މިނިސްޓަރު ދެއްވި ބަޔާނުގައި ވިދާޅުވީ އޭގެ ފަހުން އެ ރޭ ދަންވަރު 1:43 ގައި ދާއޫދުގެ އިތުރު މެސެޖެއްގައި ވިދާޅުވެފައިވަނީ ފުލުހުން އޭނާގެ ކޮއްކޮ ހައްޔަރު ނުކުރާ ވާހަކަ ކަމަށާއި ކޮއްކޮ ތަހުގީގަށް އެއްބާރުލުން ދޭނަމަ، ހައްޔަރު ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ދާއޫދު ފޮނުވި އެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭޕްރީލް 19 ގެ ހެނދުނު 6:59 ގައި އެ މެސެޖަށް ރިޕްލައިކުރައްވަމުން، ކޮއްކޮގެ އެއްބާރުލުން ދިނުމަށް ދާއޫދުގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވިއެވެ.

ރިޕޯޓުގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތް ކުރިކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އޭނާއާ ދިމާވި މީހުންގެ ބަޔާނުން އެނގޭ ކަމަށެވެ. ނަމަވެސް ރައުދު، ދާއޫދާއި އޭނާގެ ރައްޓެހިންނާ ދިމާވިފަހުން ހާދިސާ ހިނގި ވަގުތުގެ އެއްވެސް ކަމެއް ހަނދާނެ ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

"ބައެއް މީހުންގެ ބަޔާނުން ދާއޫދާއި ރައުދު ބައްދަލުވެ ވާހަކަ ދެއްކި ކަމަށްވާ އިރު، ޔުމްނު ވެއްޓި ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރުވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ފެންނާާތީ މި ހާދިސާގައި ރައުދުގެ އިހުމާލާ އެއްވަރަށް އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި ދާއޫދާއި އެވަގުތު ރައުދުއާ ބައްދަލުވި މީހުންގެ ހިމެނޭ ކަމަށް ކޮމިޝަނަށް ފެންނާތީ، އެކަން ކަމާބެހޭ އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ފެނެއެވެ." ރިޕޯޓްގައިވެއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކުރިމަނަލް ކޯޓަށް ފޮނުވައިފައެވެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.