ފިލިޕީންސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އުރީދޫ ނޭޝަން އަދި ފިލިޕީނޯސް އިން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (ފިމްބާ)ގެ ފަރާތުން ފޯރިގަދަ އެމްއެލްބީބީ ކޮމިއުނިޓީ ކްލޭޝް މުބާރާތެއް ބާއްވައިފިއެވެ.

ފިލިޕީންސް ކޮމިއުނިޓީގެ 150 އަށްވުރެ ގިނަ މީހުން ބައިވެރިވި މިނިވަން ދުވަހުގެ މި ހަރަކާތުގައި ސަގާފީ ހަރަކާތްތަކާއި ލަކީޑްރޯ އަދި އީސްޕޯޓްސް ކުރިއަށް ގެންދިޔައެވެ.

ކޮމިއުނިޓީ ޑްރިވެން އީސްޕޯޓްސް މުބާރާތް ކުރިއަށް ގެންދިޔައީ މާލޭގެ އޯޓީޕީ ރެސްޓޯރަންޓުގައި 12 އަދި 13 ޖޫންގައެވެ. އެ މުބާރާތުގެ އެއް ވަނަ ހޯދުމަށް 70 އަށްވުރެ ގިނަ ކުޅުންތެރިން ހިމެނޭ ގޮތަށް ޖުމުލަ 12 ޓީމެއް ވަރުގަދަ ވާދަވެރި ކުޅުމެއް ދެއްކި އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ "ތާސްޑޭ ކްލަބް" އިންނެވެ. އެ ޓީމަށް އިނާމު ފައިސާގެ ގޮތުގައި 7،500 ރުފިޔާ އާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 5ޖީ އެއާފައިބާއެއް ލިބުނެވެ. ދެ ވަނަ ހޯދި ''ވޮރިއާސް ޕީއެޗް'' އަށް 4،500 ރުފިޔާގެ ފައިސާގެ އިނާމެއް ދިން އިރު، ތިންވަނަ ހޯދި މަލިގްނޯ ޓީމަށް ދިނީ 3000 ރުފިޔާ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އުރީދޫ ނޭޝަންގެ މި ހާއްސަ އެޑިޝަނަކީ ހަމައެކަނި މުބާރާތެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ މުޖުތަމައުގެ ތެރޭގައި އެއްބައިވަންތަކަމާއި ހުނަރުވެރިކަމާއި ސަގާފީ ފަހުރު ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.

ޓެކްނޮލޮޖީ އާއި އީސްޕޯޓްސްގެ ބާރުން ތަފާތު މުޖުތަމައުތަކަށް އެއްބައިވަންތަކަށް އުފައްދާދީ ގުޅާލުމަކީ އުރީދޫ ފަހުރުވެރިވާ ކަމެއް ކަމަށްވެސް ބުންޏެވެ.