ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހުރުކް ޚާން އޭނާގެ އާ ފިލްމު "ކިންގް" ގެ ޖަލު މަންޒަރުތައް ނަގަން ފަށައިފިއެވެ. މި މަންޒަރުތައް ނަގަނީ މުންބާއީގެ މެހްބޫބް ސްޓޫޑިއޯގައެވެ. މި މަންޒަރުތަކުގައި 200 އަށްވުރެ ގިނަ ސްޓަންޓްމަނުން ބައިވެރިވާކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

ފިލްމު ޑައިރެކްޓްކުރާ ސިއްދާތު އާނަންދު ވަނީ މި މަންޒަރުތަކަށް ބައިނަލްއަގްވާމީ ތިން އެކްޝަން އެކްސްޕާޓުން ގެނެސްފައެވެ. މި މަންޒަރުތަކުގައި ޝާހު ފެނިގެންދާނީ ނުބައި މީހުންގެ ގްރޫޕަކާ ހަނގުރާމަކުރާ ތަނުންނެވެ. ޝާހު ވަނީ މި މަންޒަރުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"ކިންގް" ގައި ޝާހު ފެނިގެންދާނީ ރަހުމުކުޑަ އެސެސިންއެއްގެ ރޯލުންނެވެ. ސުހާނާ ޚާން، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ އަދި އަނިލް ކަޕޫރު ފަދަ މަޝްހޫރު އެކްޓަރުން ފެނިގެންދާނެއެވެ. އަބީޝެކް ބައްޗަން ފެނިގެންދާނީ މައިގަނޑު ވިލަންގެ ރޯލުންނެވެ.

ފިލްމުގެ ޝޫޓިން 100 ދުވަހަށްވުރެ ގިނަ ދުވަހަށް ދެމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމު ނެރެން ހަމަޖައްސާފައި އޮތީ އަންނަ އަހަރުއެވެ. ފިލްމުގެ މިޔުޒިކް ކޮމްޕޯސްކުރަނީ ސަޗިން-ޖިގަރުއެވެ. އަދި ބެކްގްރައުންޑް މިޔުޒިކް ކޮމްޕޯސްކުރަނީ އަނިރުދް ރަވިޗަންދަރުއެވެ.

މި ފިލްމަކީ ޝާހުގެ ދަރިފުޅު ސުހާނާ ފުރަތަމަ ފަހަރަށް ތިއޭޓަރ ފިލްމެއްގައި ފެނިގެންދާނެ ފިލްމެވެ.