އަނިޔާވެރި އިޒްރޭލާއި އިރާނާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ރާއްޖޭ ޓެނިސް ޓީމުގެ 11 މެންބަރަކު ޖޯޑަންގައި ތާށި ވެއްޖެއެވެ.
ޖޯޑަންގައި މިމަހުގެ 16 އިން 21 އަށް ކުރިއަށްގެންދިއުމަށް ރާވާފައި އޮތް ބިލީ ޖީން ކިންގް ކަޕް (ދި ވޯލްޑް ކަޕް އޮފް ޓެނިސް) ގައި ވާދަކުރަން، ރާއްޖޭގެ ޓެނިސް ޓީމުގެ 11 މެންބަރުން ޖޯޑަންއަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހު އެވެ. ޓީމުގެ މެންބަރުންގެ ގޮތުގައި ތިބީ، ހަތަރު ކުޅުންތެރިންނާއި ދެ އޮފިޝަލުންގެ އިތުރުން ބެލެނިވެރިންނެވެ.
ޓީމު ޖޯޑަންއަށް ދަތުރުކޮށްފައި ވަނީ ހަނގުރާމަ ފުރަތަމަ ފެށި ދުވަސްވަރުއެވެ. އޭރު ހަނގުރާމައިގެ ކަންކަން އެންމެ ވަރުގަދަކޮށް ފެށިފައި ނެތުމުގެ ސަބަބުން ޓީމު ޖޯޑަންއަށް ދިޔައީ އަވަހަށް އަނބުރާ އާދެވޭނެ ކަމަށް ބަލައިގެންނެވެ.
އެހެން ނަމަވެސް ހަނގުރާމަ ހޫނުވެ، ޖޯޑަންގެ ވައިގެ ސަރަހައްދު ބަންދުކުރުމާއެކު ޓީމަށް މިހާރު ތިބީ ފުރޭނެ ގޮތެއް ނެތިފައެވެ.
ޓީމު ތާށިވެފައި ތިބީވެސް ނުރައްކާތައް ކުރިމަތިވަމުންދާ ހިސާބެއްގައެވެ. އެގޮތުން ޓީމު ތިބޭ ސަރަހައްދަށްވެސް އިންޓަސެޕްޓް ކުރާ މިސައިލްތައް ވެއްޓޭތީ، އެ ސަރަހައްދުގެ އެލާމްތައް އަޅަމުންދެއެވެ.
ޓީމުން ފުރަތަމަ ސައުދީ އެމްބަސީއާވެސް ވާހަކަ ދައްކައި، އެއްގަމު މަގުން ސައުދީއަށް ދާން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އޭގެ ފަހުން ވައިގެ މަގުން ރާއްޖެ އަންނަން މަސައްކަތް ކޮށްފައިވާ އިރު، ފްލައިޓްތައް ޖޯޑަން އިން އެއްކޮށް ކަހަލަ ގޮތަކަށް ކެންސަލްވަމުން ދިއުމުން، ޓީމަށް ޔަގީން މަގެއް ހޯދަން އުނދަގޫވިއެވެ.
ރޯޔަލް ޖޯޑަން އެއާލައިނުން ދުބާއީ އަށް ދަތުރުތަކެއް ކުރަމުންދާތީ އެ ފްލައިޓްތަކަށް މަސައްކަތްކޮށް، ހުކުރު ދުވަހަށް ޓީމު ޓިކެޓް ނަގާފައިވާ އިރު، ޓީމުގެ ފަރާތުން ނޫސްތަކާ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނީ އެކަމުގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ޓީމުން އަމިއްލައަށް ފައިސާ ދައްކައިގެން ޓިކެޓް ނެގީ ބޮޑު ހަރަދެއް ކޮށްގެންކަމަށްވީ އިރު، އެ ހަރަދު ހަމަޖައްސަންވެސް އަންނަނީ ބަލަމުންނެވެ.
ޓެނިސް ޓީމުގައި ހުރީ އިރާނުގެ ކޯޗެއް ކަމަށްވުމުން، ދުބާއީ އަށް ދިއުމުގެ ވިސާ އޭނާ އަށް ހަމަޖެހިފައި ނުވާތީވެ، އޭނާ ދާނީ ތުރުކީ އަށެވެ. ޓީމަށް އެނބުރި އާދެވެން އޮތީ އެ ފްލައިޓްތައްވެސް ކެންސަން ނުވެއްޖެ ނަމައެވެ.
މުޙައްމަދު ޝަމްޢޫން
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ