އިއްޔެއަކީ އީރާނާއި އިޒްރޭލުގެ ހަނގުރާމައިގެ ހަތަރުވަނަ ދުވަހެވެ. ދެފަރާތަށް ލިބެމުންދާ ގެއްލުންތަކާއި މަރުވަމުންދާ މީހުންގެ އަދަދު ގިނަގުނައެވެ. އަސްކަރީ ތަންތަނާއި މަދަނީ ތަންތަނެވެ. އެހެންވީމާ ގެއްލުމުގެ ވާހަކަތަކާއި ހަމަލަތަކުގެ ވާހަކަ ނުދައްކައި މިދުވަހުން ބަލައިލާނީ މައިދާނުން ބޭރުގެ ކަންކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި ވާހަކަފުޅަކުން އެމެރިކާ ހަގީގަތުގައިވެސް ހަނގުރާމައިގެ ތެރެއަށް ވަދެއްޖެކަމަށް ފެނެއެވެ. އޭނާ ވިދާޅުވިއެވެ. އީރާނުގެ ޖައްވުގެ ކޮންޓްރޯލް "އަހަރެމެން" ނަގައިފީމެވެ. ކޮން އަހަރެމެންނެެއް ހެއްޔެވެ. އެއީ އިޒްރޭލާއި އެމެރިކާގެ ވާހަކައެވެ. ދެބައިމީހުން ވީމާ އަހަރެމެންނަކަށް ވީއެވެ. ކޮންމެއަކަސް އަހަރެމެންނޭ ވިދާޅުވެފައި އީރާނާއި މަޝްވަރާކުރަން ނާއިބުރައީސް ޖޭޑީ ވޭންސް އެބަފޮނުވަމޭ ވެސް ވިދާޅުވެއްޖެއެވެ. އަނެއްކޮޅުން ސުލްހަ ގެނައުމުގެ މެދުވެރިއެއްގެ ރޯލް އަދާކުރަން ރަޝިޔާ ތައްޔާރު ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. އީރާނުގެ ޖަވާބަކީ ކޮބައިހެއްޔެވެ. އީރާނުން ބުންޏެވެ. ޑިޕްލޮމަސީއަށް މިތިބީ ދޮރު ހުޅުވައިގެންނެވެ. އެކަމަކު އިސްވެ އިޒްރޭލުގެ އުދުވާން ހުއްޓައިނުލާހާ ހިނދަކު އީރާނުގެ ރައްދު ހަމަލާތަކަށް ނިމުމެއް ނުގެންނާނަމެވެ. އަމާނެއް ނުދޭނަމެވެ.
ޓްރަމްޕު ދައްކަވަނީ ކޮންވާހަކަތަކެއް؟
ހަނގުރާމަައިގެ ތެރޭގައި މިހާރު އެންމެ ގިނަބަޔަކު ޝައުގުވެރިވާ ކަމަށް ފެންނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދައްކަވާ ވާހަކަފުޅުތަކަށެވެ. ދެފަހަރަކު އެކައްޗެއް ވިދާޅެއް ނުވެއެވެ. ކޮންމެފަހަރަކުވެސް ވިދާޅުވަނީ ކުރިން ވިދާޅުވި އެއްޗަކާ މުޅިން ޚިލާފު ވާހަކަފުޅެކެވެ. ހަނގުރާމަ ހުއްޓާލަން އިލްތިމާސް ކުރައްވާނަމޭ އެއްފަހަރު ވިދާޅުވެއްޖެއެވެ. ވަރަށް އަވަހަށް ސުލްހަ އަތުވެދާނެއޭވެސް ވިދާޅުވެއްޖެއެވެ. ހަމަލަތައް ވަގުތީގޮތުން ހުއްޓާލާނީ ނޫންކަމަށާއި ދެންދުވަހަކުވެސް ހަމަލާތަކެއް ނުހިގާނޭ ބީދަޔަކުން ދާއިމީ ސުލްހައެއް ގެންނާނީއޭވެސް ވިދާޅުވެއްޖެއެވެ. ހަމައެޔާއެކު އިޒްރޭލާ ބައިވެރިވެގެން ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެފާނެޔޭ ވިދާޅުވުމުގެ އިތުރަށް އީރާނުގެ ޖައްވު މިހާރު އޮތީ ެައަހަރެމެންގެ ކޮންޓްރޯލް ދަށުގައޭވެސް ވިދާޅުވެއްޖެއެވެ. އެންމެފަހުން އަދި އެހެނެއް ނޫނޭ، އީރާނުގެ ވެރިރަށް ތެހެރާނުގައި ދިރިއުޅޭ ދިހަ މިލިޔަނަށްވުރެ ގިނަ މީހުން އަވަހަށް އެރަށުން ފައިބާށޭވެސް ވިދާޅުވެއްޖެއެވެ. ކޮންމެއަކަސް މިއީ އެމެރިކާގެ ރައީސެވެ. ދުނިޔޭގެ އެންމެ ބާރުގަދަ މަގާމުގައި ހުރި މީހާއެވެ. އޭނާގެ ބަސްމަގު އެނބުރެމުންދާ ވަހުތާނެކޭ ތަފާތެއް ނެތީމާ މިކަން ވެފައިވަނީ ވަރަށް ގިނަބަޔަކަށް ބޮޑުވެގެންވާ ޖޯކަކަށެވެ.
ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުން ހުއްޓުވުމުގެ ބިލެއް
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ރުހުންނެތި އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕަށް ހަނގުރާމަ އިއުލާން ނުކުރެވޭ ގޮތަށް އޭނާގެ ބާރު ހަނިކުރުމުގެ ބިލެއް ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ތޯމަސް މެސީ ވަނީ މަޖިލީހުގެ ތިރީގެޔަށް ހުށައަޅުއްވައިފައެވެ. ހަމަ މިކަހަލަ ބިލެއް މަޖިލީހުގެ މަތީގެޔަށްވެސް ވަނީ ހުށައެޅިފައެވެ. ރިޕަބްލިކަން ޕާޓީއަކީ ރައީސް ޓްރަމްޕުވެސް ނިސްބަތްވާ ޕާޓީއެވެ. ގާނޫނުހަދާ މަޖިލީހުގެ ދެގޭގައިވެސް އަޣުލަބިއްޔަތު އޮތީ އެޕާޓީއަށެވެ. ކޮންމެއަކަސް މި ބިލްތަކުގައި ވަނީ މަޖިލީހުގެ ރުހުންނެތި އެމެރިކާއިން މިހަނގުރާމައިގެ ތެރެއަށް ވަދެގެން ނުވާނެ ވާހަކައެވެ. ހަމަލަދީގެން ނުވާނެ ވާހަކައެވެ. މަޖިލީހުން މިބިލް ފާސްކުރިއަސް ރައީސް ޓްރަމްޕު ބޭނުމިއްޔާ ބިލް ވީޓޯ ކުރެވިދާނެއެވެ. އެކަމަކު އެގޮތަށް އަމަލުކުރަން ޖެހިލުންވާނެއެވެ. އެއީ މިހަނގުރާމަޔާ ދެކޮޅުހަދާ މެންބަރުން މަޖިލީހުގައި ގިނަކަމުންނެވެ. މަޖިލީހުގައި އެކަންޏެއް ނޫނެވެ. އާއްމު ރައްޔިތުންގެ ތެރޭގައިވެސް ގިނައީ ހަނގުރާމަޔާ ދެކޮޅު މީހުންނެވެ.
އެމެރިކާޔާ ނުލައި އިޒްރޭލުގެ މަގުސަދު ފުރިހަމައެއް ނުވާނެ
ހަނގުރާމައިގައި އިޒްރޭލުގެ އެންމެ ބޮޑު މަގުސަދަކީ އީރާނުގެ ފޯޑޯވް ނިއުކުލިއަރ ރިއެކްޓަރު ހަލާކު ކުރުމެވެ. މިއީ ބިމުގެ ވަރަށް އަޑީގައިވާ މަރުކަޒެކެވެ. ފައްކާކުރެވިފައިވާ ޔުރޭނިއަމް ބަހައްޓާތަނަކީ މިއީ ކަމަށް ބެލެވެއެވެ. މިތަން ހަލާކުކޮށްލެވޭ ވަރުގެ ހަތިޔާރެއް އިޒްރޭލުގެ އަތުގައި ނެތެވެ. އަދިއެވަރުގެ ހަތިޔާރެއް އެހިސާބަށް އުފުލުމުގެ ގާބިލްކަމެއްވެސް ނެތެވެ. އެ ހަތިޔާރު ހުރީ އަދި އެހަތިޔާރު އުފުލުމާއި ބޭނުންކުރުމުގެ ކެރިކުޅަދާނަކަންހުރީ އެމެރިކާގެ ކިބައިގައެވެ. މިކަމަށް ޚާއްސަ ހަތިޔާރަކީ ގާތްގަޑަކަށް ސާދަހާސް ކިލޯގެ ބަރު ބިޔަ ބޮމެކެވެ. އެބޮން އުފުލެނީ ބީ ޓޫ މަރުކާގެ ބޯޓުގައެވެ. ކޮންމެއަކަސް އެމެރިކާއިން މިހަތިޔާރާއި މިބޯޓު ބޭނުންކުރާނެ ކަމުގެ ސިގްނަލް ރައީސް ޓްރަމްޕުވެސް އަދި ނާއިބުރައީސް ޖޭޑީ ވޭންސް ވެސް ވަނީ ދެއްްވައިފައެވެ. މިކަމަށް ބާރުލިބޭ ބީދަޔަކުން ޖަރުމަންވިލާތުގެ ޗާންސެލަރުވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.
ޓްރަމްޕަށް އޭނާގެ އިންޓެލިޖެންސް އިދާރާގެ ރިޕޯޓުވެސް ކަމަކު ނުދިޔަ
އިރާނުން ނިއުކުލިއަރ ބޮން އުފައްދަން މަސައްކަތް ނުކުރާކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ގަބާޑް ވަނީ ވިދާޅުވެފައެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމަކީ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ގުޅުންހުރި ޕްރޮގްރާމެއް ނޫންކަމަށް އޭނާ ވަނީ ޔަގީންކޮށް ދެއްވައިފައެވެ. ބަލަ ކަލޭގެ އިންޓެލިޖެންސް ޗީފުވެސް ބުނަނީ މިހެން ނޫންހޭ، އެހެންވީއިރު ކަލޭ ތިޔަ ދައްކަނީ ކޮންވާހަކައެއްހޭ ރިޕޯޓަރުން ސުވާލުކުރީމާ ޓްރަމްޕު ވިދާޅުވިއެވެ. އޭނާ ކޮންމެ އެއްޗެއް ބުންޏަސް މަށަށް ވަރިހަމައެވެ. "އައި ޑޯންޓް ކެއަރ" އެވެ. މަ ގަބޫލުކުރާ ގޮތުގައި އީރާން އެއޮތީ ނިއުކުލިއަރ ބޮން އުފެއްދުމާ ވަރަށް ގާތުގައެވެ. އީރާނުން ނިއުކުލިއަރ ބޮން ހަދަން ނޫޅޭކަން ޔަގީންކުރެވޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް ޗީފް ވިދާޅުވީ މިހާރަކު ނޫނެވެ. އެހެން ވިދާޅުވީ މީގެ ތިންމަސް ކުރިން މާޗް މަހުގެ ތެރޭގައެވެ. ޓްރަމްޕުގެ ވެރިކަމުގެ މިދައުރު ފެށުނުފަހުންވެސް ދެމަސް ފާއިތުވީ ފަހުންނެވެ. އެއީ އެމެރިކާއިން އެއްކުރި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބޮޑު ރިޕޯޓެއްވެސް ޓްރަމްޕަށް ހުށައެޅުމަށްފަހު ވިދާޅުވި ވާހަކަފުޅެކެވެ.
ތެހެރާނުން މީހުން ފޭބުމަށް ގޮވަައިލުމުގެ ބޭނުމަކީ ކޮބާ؟
އީރާނުގެ ވެރިރަށް ތެހެރާން ގާޒާއަކަށް ހަދައިލާނެ ކަމަށާއި މަރުން ސަލާމަތްވާން ބޭނުން ބަޔަކު އަވަހަށް ތެހެރާނުން ފޭބުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގޮވާލައިފައެވެ. އޭނާގެ ބައެއް ވަޒީރުންވެސް ވަނީ މި ގޮވައިލުން ތަކުރާރުކޮށްފައެވެ. އެވަރަކުން އަދި ނުނިމެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް ވަނީ މިގޮވައިލުން ތަކުރާރު ކުރައްވައިފައެވެ. ބޭނުމަކީ ކޮބައިބާވައެވެ. ބޭނުން ވަރަށް ސާފެވެ. އީރާނުގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ބިރުދެއްކުމެވެ. މިއީ ހަމަކޮންމެ ތަނެއްގައިވެސް ޒަޔަނިސްޓުންގެ އަމަލު ހުންނަ ގޮތެވެ. ގާޒާގެ ރައްޔިތުންވެސް އެތަނުން ފައިބާށޭ، މިތަނުން ފައިބާށޭ ބުނެ އިންޒާރުދެއެވެ. ދާދިފަހުން ލުބުނާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެކިހިސާބުތަކުން މީހުން ފޭބުމަށްވެސް އެންގިއެވެ. މިއީ އިޒްރޭލުގެ ސައިކޮލޮޖިކަލް ހަނގުރާމައިގެ ބައެކެވެ. މިކަމަށް އިތުރުވީ އެއްޗަކީ ރައީސް ޓްރަމްޕުގެ ބައިވެރިވުމެވެ. މީގެ ޖަވާބުގައި އީރާން ބުނީ ކީކޭ ހެއްޔެވެ. އީރާނުން ބުންޏެވެ. ފައިބަންވީ ތެހެރާނަކުން ނޫނެވެ. މީހުން ފައިބަންވީ އިޒްރޭލުގެ ޓެލަވީވުންނެވެ. އަހަރެމެން މިކަން ހުއްޓައިލާނީ ޓެލަވީވް މުޅިން ސުންނާފަތިކޮށްފައެވެ. ފެންނަ ފެނުމަށް ތެހެރާނަކަށްވުރެ ޓެލަވީވުގެ ހާލަތު ރަގަޅެއް ނޫނެވެ. ޓެލަވީވުގެ ބޮޑުބައެއްވެސް ވަނީ ވީރާނާވެފައެވެ.
އިމާދު ލަތީފު
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮބާ ފަސް ވަނަ ދުވަސް. ނެތް ރިޕޯޓެއް. ދެން ވަން އޮންލައިން އިން ލިޔާނީ ޓްރަމްޕް އެހެން ބުނުމުގެ މާނައަކީ ކޮބާ؟ ލިޔުމުގައި އޮންނާނީ އެންމެ ބަހެއް ހައެއްކަ އިބާރާތުން ފޮނިތޮޑި ކާރޫފޫލާފައި އާޓިކަލް ދިގުކޮށްލާފައި. ކޮންޓިނިއުޓީ އެއް ނެތް. އެހެން ނޫސްތަކުގައި މި ހަނގުރާމައިގެ ހަބަރުތަކާއި ރިޕޯޓްތައް ވަރަށް ތާޒާކޮށް އެބަގެނެސްދޭ. ލައިވް އަޕްޑޭޓްސް ވެސް ގެނެސްދޭ. ވަން އޮންލައިން މިކަމާ ވިސްނާ
ނައްކޮ - 1 އަހަރު ކުރިން
މިތަން ހަލާކުކޮށްލެވޭ ވަރުގެ ހަތިޔާރެއް އިޒްރޭލުގެ އަތުގައި ނެތެވެ. އަދިއެވަރުގެ ހަތިޔާރެއް އެހިސާބަށް އުފުލުމުގެ ގާބިލްކަމެއްވެސް ނެތެވެ. އެ ހަތިޔާރު ހުރީ އަދި އެހަތިޔާރު އުފުލުމާއި ބޭނުންކުރުމުގެ ކެރިކުޅަދާނަކަންހުރީ އެމެރިކާގެ ކިބައިގައެވެ. މިއީ ކޮން ރިސާޗެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެއްތޯ؟ ކާކު ބުނި ވާހަކަ އެއް ތޯ؟ މުޅިން މި ކަހަލަ ވާހަކަ ދައްކައިގެން މި އުޅެނީ
ޝާހިދު - 1 އަހަރު ކުރިން