އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރަކީ ޕާކިސްތާނެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން ނިއުކުލިއަރ ހަތިޔާރު ލިބިފައިވާ ހަމައެކަނި ގައުމަކީވެސް ޕާކިސްތާނެވެ. އެކަމަކު އެއީ އިގްތިސާދީ ބާރެއް ނޫނެވެ. އިގްތިސާދީ ގޮތުން ބަލިކަށިކަން ބޮޑެވެ. އީރާނަކީ ޕާކިސްތާނާއެކު ސަރަހައްދީ އިމަކުން ގުޅިފައިވާ ގައުމެކެވެ. ދެގައުމުގެ ގުޅިފައިވާ ދިގު ބޯޑަރެއް އެބައޮތެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު އީރާނާއި އިޒްރޭލުގެ ހަނގުރާމަޔަކީ ޕާކިސްތާނަށް ކިހައިވަރެއްގެ ވޭނެއް ހެއްޔެވެ. އަވަށްޓެރިޔާގެ ހައްގުގައި މިހަނގުރާމައިގެ ތެރެއަށް ޕާކިސްތާނު ވަދެފާނެ ހެއްޔެވެ. އީރާނަށް އަސްކަރީގޮތުން އެހީތެރިކަން ފޯރުކޮށްދީފާނެ ހެއްޔެވެ. މި ސުވާލުތައް ދިވެހިން އެބަކުރެއެވެ. ޕާކިސްތާނުގެ ޕޮޒިޝަނަކީ ކޮބައިކަން ދެނެގަންނަން އެބަ ބޭނުންވެއެވެ. އެންމެނަށްވެސް އެނގޭނޭ ފަދައިން އީރާނާއި ޕާކިސްތާނުގެ ގުޅުމަކީ މިހާތަނަށް އަބަދުވެސް ވަރަށް އަޑިގުޑަންކޮށް އޮންނަ ގުޅުމެކެވެ. އިސްލާމީ ބޮޑު ދެބާރެއްގެ މެދުގައި އޮންނަންވީ ދެނެގަތުމެއް ނޯވެއެވެ.

ދެ ގައުމު އަންނަނީ ކައިރިއަށް ޖެހެމުން

އެންމެފަހުން ހުސްވި އަހަރުވެސް އިރާނާއި ޕާކިސްތާނު ވަނީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް މިސައިލް ހަމަލާތަކެއް ބަދަލުކޮށްފައެވެ. އީރާނުން ގެންދިޔައީ ޕާކިސްތާނުގެ އިމުގައި އުސްވެގެންވާ ވަރުގަދަ ފާރެއް ގާއިމުކުރަމުންނެވެ. ޕާކިސްތާނު މީހުންނަށް ނުވަދެވޭނޭހެންނެވެ. އީރާނުން އަބަދުވެސް ޕާކިސްތާނަށްވުރެ ގާތްގުޅުންތަކެއް ބާއްވަމުން އަންނަނީ އިންޑިޔާއާއެކުގައެވެ. އެކަމަކު އެއީ މާޒީއެވެ. އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މިކަން މުޅިން ބަދަލުވެގެން ހިގައިދާނެއެވެ. މިހާރުވެސް ކޮންމެވެސް މިންވަރަކަށް ބަދަލުވެއްޖެއެވެ. އީރާނުގެ އެކުވެރިކަމުގެ މައްޗަށް އިންޑިޔާއިން އިޚުތިޔާރުކުރީ އިޒްރޭލެވެ. އިޒްރޭލުގެ އުދުވާން ކުށްވެރިކުރަން އިންޑިޔާ ބޭނުމެއް ނުވިއެވެ. ނުވިތާކަށް އީރާނަށް ހަމްދަރުދީ ފާޅުކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފަހަރަކުވެސް އީރާނުގެ ވެރިޔަކަށް ނުގުޅުއްވައެވެ. ޕާކިސްތާނު މުޅިން ތަފާތެވެ. ޚާރިޖީ ސިޔާސަތުގައި ޕާކިސްތާނުގެ ހިކުމަތްތެރިކަން ވަރަށް ބޮޑެވެ.

ޕާކިސްތާނުން އިޚުތިޔާރުކުރީ ގާތްކަން

ޕާކިސްތާނު ވަނީ އިޒްރޭލުގެ އުދުވާން ކުށްވެރިކޮށްފައެވެ. ނިއުކުލިއަރ ހަކަތަ ލިބިގަތުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް ބުނެފައެވެ. މިދަނޑިވަޅުގައި އީރާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނޭ ކަމަށްވެސް ވަނީ ބުނެފައެވެ. ނިކަމެތިވެ ދެރަކަން ލިބިފައިވާ ވަގުތެއްގައި ބުނެލާ ހެޔޮބަހަކީ ވަރަށް މުހިންމު އެއްޗެކެވެ. ފޯރުކޮށްދޭ އެހީތެރިކަމުގެ އަގުވެސް ބޮޑުވާނެއެވެ. އެހެންވީމާ އީރާނު މިހާރު އެއޮތީ ޕާކިސްތާނާމެދު ނުހަނު ބޮޑަށް ހިތްހަމަޖެހިގެންނެވެ. އިންޑިޔާއާމެދު ނުރުހިގެންނެވެ. ގާތްވަމުންދާ މިގުޅުމުގެ ތެރެއިން ޕާކިސްތާނުން ކުރާނޭ ކަމަށް އަދި ކުރާ ކަމަށް ފެންނަނީ ބައިނަލްއަގުވާމީ ފޯރަމްތަކުގައި އީރާނަށް ތާއީދުކުރުމާއި އަސްކަރީ ޓެކްނޮލޮޖީއާއި ހާޑްވެއަރ ފޯރުކޮށްދިނުމެވެ. އެކަން އެބަކުރެއެވެ. ކުރަންވެސް ޖެހޭނެއެވެ. ޕާކިސްތާނުގެ އެއްފަޅީގައި އެއޮތީ އިންޑިޔާއެވެ. އީރާނު ބަލިވެ ނިކަމެތިވެގެން ޕާކިސްތާނުގެ އަނެއްފަޅިން އިޒްރޭލު އައިސް ބޯޑަރުގައި ފޭލިގެޖެހީމާ ދެނޯއެވެ. އެއީ ޕާކިސްތާނުން ފުރުސަތުދޭނޭ ކަމެއް ނޫނެވެ. ދެވޭނޭ ކަމެއްވެސް ނޫނެވެ.

ހަނގުރާމައިގެ ތެރެއަށް ޕާކިސްތާނު ވަނުމުގެ ސުވާލު

ވަނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު ސީދާގޮތެއްގައި ވަނުމަކީ ވަރަށް އެހެންކަހަލަ ހާލަތެެއް މެދުވެރިވެގެން ނޫނީ ކައިރިކަމެއް ނޫނެވެ. އެއީ އެހެން މައުޒޫއަކަށްވާތީ ދޫކޮށްލީއެވެ. އެހެނެއް ނޫނެވެ. އަސްކަރީ ހާޑްވެއަރ އީރާނަށް ފޯރުކޮށްދީގެން އެހީތެރިވެދާނެއެވެ. ފެންނަ ފެނުމުގައި މިހާރުވެސް އެކަންތައް ފެށިއްޖެއެވެ. ޚާއްސަކޮށް އީރާނުގެ ވައިގެ ދިފާއީ ނިޒާމު ތަރުތީބު ކުރުމުގައެވެ. އަދި އީރާނުގެ ސިސްތާން ބަލޫޗިސްތާނުގައިވާ މުހިންމު ތަންތަން ހިމާޔަތް ކުރުމުގައެވެ. ޕާކިސްތާނުގެ އެހީތެރިކަން ފުޅާވުމާއި ނުވުން ބިނާވާނީ މިކަމުގައި ޗައިނާ ގެންގުޅޭ ސިޔާސަތެއްގެ މައްޗަށެވެ. އީރާނު ބަލިވުމަކީ ޗައިނާ އެދޭގޮތެއް ނޫނެވެ. ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނު ކޮރިޑޯގެ ތެރެއިން މިހާރުވެސް ޗައިނާގެ ހާޑްވެއަރ އީރާނަށް ލިބެން ފަށައިފިއެވެ. މިއީ ވައިގެ ދިފާއަށް ޚާއްސަ ތަކެއްޗެވެ. އިންޑިޔާގެ އޯބިޓުން ނެއްޓި ޗައިނާގެ އިގްތިސާދީ ކަމަރުގެ ތެރެއަށް އީރާން ވަނުމަކީ ޗައިނާގެ ބޭނުމެކެވެ. ފަރުދާގެ ފުރަގަހުގައި ތިބެގެން ޕާކިސްތާނު މެދުވެރިކޮށް ކަންކަން ފަހިކޮށްދީގެން މިފުރުސަތުގެ ބޭނުން ޗައިނާއިން ހިފާނޭކަމަށް ފެނެއެވެ.

ގުޅުން ބަދަހިކުރުމުގެ ފައިދާތައް

އީރާނާއެކު ޕާކިސްތާނުން ގުޅުން ބަދަހިކުރުމުގެ ސިޔާސީ ފައިދާއަކަށްވާނީ އީރާނުގެ ތާއީދު ލިބިފައިވާ ފަރާތްތަކުގެ އެއްބާރުލުމާއި ދެނެގަތުން ޕާކިސްތާނަށް ލިބުމެވެ. އީރާނުގެ ސިޔާސީ މިތުރުންކަމުގައި ހިމެނޭ ގައުމުތައް ވަރަށް މަދެވެ. އެގިންތިއަށް ފެތޭ އޮތީ އިރާގު އެކަންޏެވެ. އެތަނުންވެސް ފެންނަނީ ޖަމާއަތްތަކެކެވެ. ލުބުނާނުންވެސް ފެންނަނީ ޖަމާއަތްތަކެކެވެ. ޔަމަނުންވެސް ފެންނަނީ ޖަމާއަތެކެވެ. ހޫސީންނެވެ. ފަލަސްތީނުންވެސް ފެންނަނީ ޖަމާއަތެކެވެ. ހަމާސްއެވެ. ކޮންމެއަކަސް މިދެންނެވި ފަރާތްތަކުގެ ރުހުމާއި އިތުބާރު ޕާކިސްތާނަށް ލިބުމަކީ މައްސަލަތައް ހައްލުކުރުމުގައި ޕާކިސްތާނުގެ ދައުރު ފުޅާވެ ބައިނަލްއަގުވާމީ ހައިސިއްޔަތު އުފުލިގެންދާނޭ ކަމެކެވެ. ހަމައެޔާއެކު އެމެރިކާއާއި އިޒްރޭލުން މެދުއިރުމަތި ބައްޓަންކުރުމަށް ބޭނުންކުރާ އުކުޅުތައް ނާކާމިޔާބުކޮށްލުމުގައި ޕާކިސްތާނަށް ކުރިއަށްވުރެ ބޮޑު ނުފޫޒެއްވެސް ލިބިގެންދާނެއެވެ. އީރާނާއި ޕާކިސްތާނުގެ ގުޅުން ބަދަހިވުމުގެ އިގްތިސާދީ ފައިދާއަކަށްވާނީ އިރާނުގެ ގޭހާއި ތެލުގެ ވަސީލަތްތައް ކުރިއަށްވުރެ ހެޔޮކޮށް ޕާކިސްތާނަށް ލިބުމުގެ ފުރުސަތު ފަހިވުމެވެ.

ގުޅުން ބަދަހިކުރުމުން ލިބިދާނެ ގެއްލުންތައް

އިތުރު މާރުކޭޓެއްގެ ދޮރުހުޅުވި ވިޔަފާރީގެ މުއާމަލާތު އިތުރުވެގެން ދިއުމުގެ ފައިދާއޮތް ފަދައިން ގެއްލުންތަކެއްވެސް އެބައޮތެވެ. އެހެންވީމާ ދެންެއޮތީ ގެއްލުމުގެ ވާހަކައެވެ. ޕާކިސްތާނަށް މާލީގޮތުން އެންމެ ބޮޑަށް އެހީތެރިވަމުންދާ ދެ ގައުމަކީ ސައޫދީއަރަބިޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. ދަރަނީގެ އެކި ދަންތުރަތަކުން އަބަދުވެސް ޕާކިސްތާނު މިންޖުކޮށްދޭ ބަޔަކީ އެއީއެވެ. މިދެންނެވި ދެގައުމަކީ އީރާނުގެ މިތުރުންނެއް ނޫނެވެ. ހަތުރުންނެވެ. ބޮޑުކޮށެވެ. އެހެންވީމާ އީރާނާއި ޕާކިސްތާނުގެ ގުޅުން ބަދަހިވުމަކީ ސައޫދީންނާއި އެމިރޭޓްސްއިން ރުހުމުގެ ލޮލަލުން ބަލާނޭ އަދި ބެލޭނޭ ކަމެއްކަމުގައި ނުފެނެއެވެ. ނުވިސްނެއެވެ. އެދެގައުމުގެ ނުރުހުން އަމާޒުވުމުގެ މާނަޔަކީ މިހާރު އެފަރާތުން ލިބޭ މާލީ އެހީތެރިކަމަށް ހުރަސްއެޅުމެވެ. އެއީ ވަރަށްބޮޑު ގެއްލުމެކެވެ. ދެންއޮތް ގެެއްލުމެއް ކަމުގައި ފެންނަނީ އެމެރިކާޔާއި ޔޫރަޕުގެ އިއްތިހާދުން ޕާކިސްތާނާ ދުރަށް ޖެހުމެވެ.

އެމެރިކާޔާއި ވިލާތުން ނުރުހުމުގެ ބިރު

އީރާނަކީ ނަންހުސްކޮށް އެކިކަންކަމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިފައިވާ ގައުމެކެވެ. އެކަމުގެ މުގުލުގައި ތިބީ އެމެރިކާޔާއި ޔޫރަޕުގެ އިއްތިހާދެވެ. އެހެންވީމާ ސިޔާސީގޮތުން އީރާނާއި ކައިރިއަށް ޖެހެމުންދާ ބަޔަކާ އެމީހުން ދާނީ ދުރުވަމުންނެވެ. މިވަގުތު ޕާކިސްތާނަކީ އެމެރިކާއާއި ޔޫރަޕުގެ އިއްތިހާދާ ދުރު ގައުމެއް ނޫނެވެ. ގާތް ގައުމެކެވެ. ދާދިފަހުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ޕާކިސްތާނަށް ދިން ލޯނަކީ މިކަން ފެނިގެންދިޔަ ކަމެކެވެ. އަދި އިންޑިޔާ އާއި ޕާކިސްތާނުން ދާދިފަހުން ކުރި ހަނގުރާމައިގައިވެސް ހުޅަގުގެ ރައުޔު ބޮޑަށް އެކުވަމުން ދިޔައީ ޕާކިސްތާނާއެވެ. ހަގީގަތަކީ މިއީ ކަމަށްވިޔަސް ޕާކިސްތާނަށް އިގްތިސާދީގޮތުން ލިބޭ ދެރައެއް ފޫބައްދައިދިނުމަށް ޗައިނާ ފޫގަޅައިގެން އޮތިއްޔާ، އަދި ޗައިނާއިން ބާރުކޮށް ޕާކިސްތާނުގެ އަތުގައި ހިފައިގެން އޮތިއްޔާ ކޮން ބިރެއްހެއްޔެވެ. ކޮން ފިކުރެއް ހެއްޔެވެ. ކޮން އެމެރިކާއަކާއި ވިލާތެއް ހެއްޔެވެ. ކޮންމެއަކަސް ޕާކިސްތާނުގެ މިސްރާބު މިހާރު ހުރީ މިދިމާލަށް ކަމަށް ވަރަށް ބޮޑަށް ހީކުރެވެއެވެ.