ރާއްޖޭގެ އިގުތިސޯދު އޮތީ ވަރުގަދަކޮށް ކަމަށާއި ރާއްޖޭގެ އިގުތިސޯދަކީ އޭޝިއާ ސަރަހައްދުގެ އެންމެ ވާދަވެރި އަދި އިންވެސްޓަރުންނަށް އެންމެ ބޮޑަށް ހުޅުވާލެވިފައިވާ މާކެޓު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކުގައި އޮތް މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓުމެންޓު ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވަނީ ރާއްޖޭގެ އިގުތިސޯދު ފަސް ޕަސަންޓުގައި މިއަހަރު ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ އިންވެސްޓަރުންނަށް އޮތް ސްޓްރެޓެޖިކް ފުރުސަތެއްގެ ގޮތުގައި ބެލުމަށް ވަހީދު އެދިވަޑައިގެންފައިވެއެވެ.
ރާއްޖެއަކީ ދުނިޔޭގެ އެންމެ ނަން ހިނގާ ފަތުރުވެރިންގެ މަންޒިލުކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް ސަރުކާރުން ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށެވެ.
އެގޮތުން 2040 ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރު ގާއިމުކޮށް، ދެމެހެއްޓެނިވި އާބަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ކަމަށެވެ.
ވަހީދު ވިދާޅުވީ، އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިގުތިސޯދެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖެއަކީ، އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، އެއީ ރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދެކުމަށް ވެސް ފޯރަމްގެ ބައިވެރިންނަށް، ވަހީދު ވަނީ ގޮވާލައްވައިފައެެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު