މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތް ވަނަ ސަމިޓު ޝަރަފުވެރި ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޔުނައިޓަޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި މަހުގެ 18 އަދި 19 އަށް ކުރިއަށްދާ އެ ސަމިޓުގެ އިފުތިތާހީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރާނީ ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ތައައްސުބުތައް ނައްތާލުމާއި އަންހެން ކުދީންނަށް ތައުލީމު ދިނުމަށް އެއްބާރުލުން ދިނުމާއި އަންހެނުން ބާރުވެރިކުރުމާއި ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި އެ ދާއިރާ އިން ގާބިލުކަން އިތުރުކުރުމުގެ މައްޗަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި، މިދިޔަ އަހަރު ޓެންޒޭނިޔާގައި ބޭއްވި މެކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024ގެ 11 ވަނަ އަހަރީ ކޮންފަރެންސަށްފަހު ލިބިފައިވާ ކުރިއެރުންތަކާއި ކުރެވުނު މަސައްކަތްތައްވެސް ސަމިޓުގެ ބައިވެރިން މުރާޖައާ ކުރާނެއެވެ.

މިދިޔަ އަހަރުގެ ލުމިނަރީގެ ކާމިޔާބު މަޝްވަރާތަކަށްފަހު ރައީސްގެ އަނބިކަނބަލުންނަށް ވަނީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަ" ޕްރޮގްރާމުގެ އެންބެސެޑަރުކަން ދެއްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެކަމަނާ ގެންދަވަނީ، ދަރިމައިވުމުގެ ސިއްހަތާއި އެމްބްރިއޮލޮޖީގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ސިއްހީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާ އިން ގާބިލުކަން އިތުރުކުރުމަށްޓަކައި މެކް ފައުންޑޭޝަނާއެކު ވަރަށް ގާތުން މަސައްކަތް ކުރައްވަމުންނެވެ.

މީގެ އިތުރުން، ހަކުރުބައްޔާއި ލޭ މައްޗައް ދިއުމުން ރައްކާތެރިވުމާއި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް މެކް ފައުންޑޭޝަނާއެކު އެކަމަނާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.