މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށްފަހު ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެއްކޮށް އާންމުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގީ ރިޕޯޓް ރައީސްއަށް އަރުވާފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ރައީސަށް އެރުވީ ކޮން ދުވަހަކުކަމެއް އެ ކޮމިޝަނަކުން ނުބުނެއެވެ.
އެފަހުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި ރިޕޯޓް އާންމުކުރަން އަންގަވާފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒު އެ ކޮމިޝަން އުފެއްދެވީ މިދިޔަ މަހުގެ 27 ގައެވެ.
އެ ކޮމިޝަނުން މިމަހުގެ އެއްވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ނިންމައި ދެ ހަފުތާ ދުވަހުގެ ތެރޭގައި ރިޕޯޓް ރައީސަށް އެރުވޭނެ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެންމެ ފަހުން އޭނާ އާއެކު ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ރައުދު އަހްމަދު ޒިލާލް އާ ވެސް އެކޮމިޝަނުން ވަނީ ސުވާލުކޮށްފައެވެ. ރައުދުގެ އިތުރުން އެ މައްސަލައިގައި ސުވާލުކޮށްފައި ވަނީ ކޮން ބަޔަކާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުން އެ ކޮމިޝަނުން ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ މައްސަލައާ ގުޅުން ހުރި ތަންތަނަށް ޒިޔާރަތްކޮށް ގުޅުން ހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކޮށްފައި ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ޔުމްނު ވެއްޓިފައިވަނީ ރައުދު އާއެކު ފެންޓެނޯއީގައި އުޅެނިކޮށެވެ. އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫން މީހެއްގެ ބައިވެރިވުން ނެތް ކަމަށެވެ. ނަމަވެސް ޔުމްނުގެ އާއިލާއިން ވަނީ ރައުދުގެ އިތުރުން ހަތަރު މީހުން އެގޭގައި ތިބި ކަމަށް ޔުމްނު އާ ހަވާލާދީ ބުނެފައެވެ.
އެ މައްސަލައިގައި ރައުދު ހައްޔަރުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު