މިއަހަރު އޮގަސްޓް މަހު އިންޑިއާ، ޓަމިލް ނާޑޫގެ މަހަބަލިޕޫރަމްގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފިރިހެން އޯޕަން ބައިގައި ރާއްޖެއިން ވާދަކުރާ ތިން އެތުލީޓުންގެ ގޮތުގައި އަހުމަދު އާގިލް (އަންމަޑޭ)، އިސްމާއީލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) ހޮވިއްޖެއެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ރާއްޖެއިން ދާ އެތުލީޓުން ކަނޑައެމަށް ބޭއްވި ޓްރަޔަލްސްތައް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ފެށީ ބުރާސްފަތި ދުވަހުއެވެ. އެ ޓްރަޔަސްގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ދާ ރާއްޖޭގެ ޖޫނިއާ ސްކޮޑުވެސް އެކުލަވައިލައިފައިވެއެވެ.

ފިރިހެން އޯޕަން ބައިން ޖުމުލަ ފަސް އެތުލީޓެއްގެ މެދުގައި ޓްރަޔަލް ކުރިއަށް ގެންގޮސްފައިވާ އިރު، ފައިނަލަށް ދިޔައީ ކޮލިފައިވި ތިން އެތުލީޓުންގެ އިތުރުން ނަޖާހު މުހައްމަދެވެ.

ފައިނަލް ހީޓުގެ އެއްވަނަ އަންމަޑޭ ހޯދީ 14.00 ގެ ސްކޯއަކާ އެކުގައެވެ. ދެވަނައިގައި ސްމައިލީ ނިންމާލި އިރު، އޭނާގެ ސްކޯއަކީ 9.13 އެކެވެ. ތިންވަނަ ހޯދި ހޫބްސް، 8.46 ގެ ސްކޯއަކާއެކު ނިންމާލި އިރު، ނަޖާހަށް ހޯދުނީ 4.60 ގެ ސްކޯއެކެވެ.

ޖޫނިއާ ސްކޮޑު ނަގަން ބޭއްވި ޓްރަޔަލްސްތަކުގެ ފައިނަލް ހީޓުގައި ވާދަކޮށްފައިވަނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދު، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ.

ފައިނަލް ހީޓުގެ އެއްވަނަ ހޯދީ ޔަސީނެވެ. އޭނާ 8.33 ސްކޯއެއް ހޯދި އިރު، ދެވަނައަށް ދިޔަ ކަޔާން ޒަކީ ވަނީ 6.34 ގެ ސްކޯއެއް ހޯދައިފައެވެ.

ޖޫނިއާ ތިން އެތުލީޓުންގެ ސްކޮޑެއް އެކުލަވާލި އިރު، ތިންވަނައަށް ދިޔައީ ކަޔާން އަރީފެއވެ. އޭނާގެ ސްކޯއަކީ 6.24 އެކެވެ.