އިރާންގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާ ދީފިއެވެ.
އިރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރްބީއައި އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ ޓީވީ ޗެނަލް، ޚަބަރު ނެޓްވޯކް އަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.
އިޒްރޭލުން ހަމަލާދީފައިވަނި އެ ޓީވީ ޗެނެލްގެ ލައިވް ބްރޯޑްކާސްޓިން ކުރިއަށް ދަނިކޮށެވެ. އިޒްރޭލުން އެ އިމާރާތަށް ހަމަލާދިން ވަގުތު ލައިވް ހޯސްޓު ކުރަމުން ދިޔައީ އިރާންގެ މަޝްހޫރު ޕްރެޒެންޓަރު ސަހަރު އެނާމީއެވެ.
އޭނާ ޕްރޮގްރާމް ހުށަހަޅަމުން ދިޔަ ވަގުތު ބާރުގަދަ އަޑެއް އިވުނެވެ. އަދި އެ ސްޓޫޑިއޯއިން ދުން އަރަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. އަދި އެ ޓީވީގެ ސްޓޫޑިއޯގެ ސީލިންގެ ބައިތައް ފައިބައިގަންނަ މަންޒަރު ވެސް ފެނުނެވެ.
އެ ހަމަލާ އަމާޒުވުމާއެކު އެނާމީ ގޮނޑިން ތެދުވެގެން ދުއްވައިގަންނަ މަންޒަރު ވެސް ފެނެއެވެ. އަދި އެ ވަގުތު ސްޓޫޑިއޯގައި ތިބި ބައެއް މީހުން ހަޅޭލަވާ އަޑުވެސް އިވިގެން ދެއެވެ.
އައިއާރްއައިބީ ހިންގާ އިމާރާތަކީ ހަތަރު ބުރީގެ އިމާރާތެކެވެ. އެ ޓީވީ ހިންގާ އިމާރާތުގައި 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރިއެވެ. އަދި އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވެއެވެ.
އެ ހަމަލާގައި އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.
އެ އިމާރާތައް އިޒްރޭލުން ހަމަލާ ދީފައި މިވަނީ އިރާންގެ ޕްރޮޕެގެންޑާ ފަތުރާ އަނގަތަކަށް ހަމަލާދީ ހުއްޓުވާނެ ކަމަށް ބުނެ އިޒްރޭލްގެ ދިފާއީ ވަޒީރު އިޒްރޭލް ކަޓްޒް އިންޒާރު ދީފައިވަނިކޮށެވެ.
އިޒްރޭލުގެ ހަމަލާތަކަށް ފަހު، އެ ޓީވީ ޗެނަލުން މިހާރު ވަނީ އަނެއްކާ ވެސް ބްރޯޑްކާސްޓް ކުރަން ފަށައިފައެވެ.
އައިއާރްއައިބީ އަކީ އިރާންގެ އެންމެ ގިނަ މީހުން ބަލާ އަދި އިރާނުގައި އެންމެ މަގުބޫލު ޓީވީ ޗެނެލްއެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ