އީރާނާއި އިޒްރޭލުގެ މެދުގައި މިހާރު ކުރިއަށްދާ ހަގުރާމައިގައި އިންޑިޔާގެ ޕޮޒިޝަނަކީ ކޮބައިހެެއްޔެވެ. އިންޑިޔާގެ ސިޔާސަތަކީ ކޮބައި ހެއްޔެވެ. އިންޑިޔާއަކީ ދުނިޔޭގެ ބޮޑު ބާރެކެވެ. އޭޝިޔާ ބައްރުގެ އެންމެ ބޮޑު ދެވަނަ ބާރެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. އެހެންވީމާ މި މައްސަލައިގައި އިންޑިޔާގެ ޕޮޒިޝަނަކީ ކޮބައިކަން ބަލަން އެބަޖެހެއެވެ. ދެނެގަންނާން އެބަޖެހެއެވެ. މިކަމުގެ މުހިންމުކަން އިތުރުވެގެން ދިޔައީ ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން، އެސްސީއޯގެ ގައުމުތަކުން އިޒްރޭލުގެ އުދުވާން ކުށްވެރިކުރުމާއެކު މި ހަގުރާމަ ހުއްޓައިލުމަށް ގޮވާލި ގޮވާލުމުގައި އިންޑިޔާ ބައިވެރިނުވުމުންނެވެ. އިންޑިޔާއަކީ މި ޖަމާއަތުގެ ބައިވެރިއެކެވެ. ރަޝިޔާ، ޗައިނާ، އީރާން އަދި ޕާކިސްތާނަކީވެސް މި ޖަމާއަތުގެ ބައިވެރިންނެވެ. ހަގީގަތަކީ މިއީ ކަމަށްވާއިރު އިޒްރޭލު ކުށްވެރި ކުރުމުގައި ފަސްޖެހި ފަހަތުފަޔަށް ބުރަވެ ތިމަންނާމެންގެ ވިސްނުމެއް ނޫނޭ ބުނެފައި އިންޑިޔާ ރެކިގަތީ ކީއްވެބާވައެވެ.

ހަމައެކަނި އީރާނުގެ މައްސަލައިގައި އިޒްރޭލް ކުށްވެރިކުރަން ފަސްޖެހުނީއެއް ނޫނެވެ. ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމު ވަގުތުން ހުއްޓާލައި މަސްރަހު ހިމޭންކުރުމަށް ގޮވާލައި މިހަފުތާގައި އދ.ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރަށްވެސް އިންޑިޔާ ވޯޓެއް ނުދެއެވެ. ވޯޓުދިނުމުން އެކަހެރިވެގަތީއެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ. އިންޑިޔާއިން ފާޅުގައި އިޒްރޭލަށް ތާއީދުކުރަނީ ހެއްޔެވެ. އިޒްރޭލުގެ ފަޅިއަށް އެރީހެއްޔެވެ. އެހެންކަމަށް ވަންޏާ ވަރަށްވެސް އެހެން ކަހަލަ ނިންމުމެކެވެ. އިންޑިޔާގައި 300 މިލިޔަން މުސްލިމުން އެބަތިއްބެވެ. ދުނިޔޭގައި މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތީ އިންޑިޔާގައެވެ. ވިސްނައިލާއިރު ބުއްދިއަށް އަންނަ ގޮތަކީ މިއެވެ. އިންޑިޔާއިން ވަކިކޮޅަކަށް އަރަނީއެއް ނޫނެވެ. ވަކިކޮޅަކަށް ނާރާކަން ދައްކަން ބޭނުންވަނީއެވެ. އެގޮތަށް ބޭނުންވާ ތިން ހަތަރު ސަބަބެއް އެބައޮތެވެ. އިޒްރޭލަކީ އިންޑިޔާގެ ނުހަނުގާތް މިތުރެކެވެ. އީރާނަކީވެސް ނުހަނު ބޮޑު ރަހުމަތްތެރިއެކެވެ. އަނެއްކޮޅުން އިޒްރޭލުގެ ބަލަދުވެރިޔާ އެމެރިކާއަކީވެސް އިންޑިޔާއަށް ނުހަނު މުހިންމު ގައުމެކެވެ.

އެމެރިކާގެ މުހިންމުކަން ޚާއްސަކޮށް މިދަނޑިވަޅުގައި ބޮޑެވެ. އެހެންވީމާ އިންޑިޔާ ކުޅެމުންދާ ކަމަށް ފެންނަނީ ތިލަފަތް ހަމަހަމަކުރުމާއި އެއްވެސް ބަޔަކު ރުޅިއަރުވާނުލައި ކޮންމެ ދިމާލަކުންވެސް ނެގެންއޮތް އެންމެ ބޮޑު މަންފާ ނެގުމުގެ ކުޅިވަރެކެވެ. ތަފްސީލަށް ބަލައިލަމާބަހީއެވެ. އެމެރިކާ ރުއްސުމަކީ މިވަގުތު އިންޑިޔާގެ މަގުސަދެކެވެ. އިންޑިޔާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލުން ނަގާ ޑިއުޓީ ހަތާވީސް ޕަސަންޓަށް ބޮޑުކުރުމަށް ރައީސް ޓްރަމްޕު ވަނީ ނިންމަވައިފައެވެ. މި ނިންމެވުން ބަދަލުކުރުމާމެދު ދެގައުމުގެ މެދުގައި މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. ކުރިއަށް އޮތް ޖުލައިމަހު އެމެރިކާއިން ނިންމުންތަކެއް ނިންމާނެއެވެ. އެހެންވީމާ އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކައިގެން، ބަޔާންތައް ނެރެގެން އަދި ވޯޓުދީގެން އެމެރިކާގެ ނުރުހުން ލިބިގަނެ ކުރިން މިދެންނެވި ޑިއުޓީގެ ކަންތައް ނުރައްކަލުގެ ތެރެއަށް ގަންބައިލަން އިންޑިޔާ ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ. ޗައިނާއާ ކުރިމަތިލުމުގައިވެސް އެމެރިކާއަކީ އިންޑިޔާއަށް މުހިންމު ގައުމެކެވެ.

އެހެންވީމާ ބޮޑުމަންޒަރަކީ މިއެވެ. ހަމަޔާއި އިންސާފުގެ ވާހަކަ ދައްކައިގެން ލިބޭނޭ މޮޅެއް ނެތްކަމަށް އިންޑިޔާއިން ގަބޫލުކުރަނީއެވެ. މަސްލަހަތުގެ މައްޗަށް އިންސާފު އިސްކުރަން ބޭނުންނުވީއެވެ. މިކަމުގެ ސަބަބުން ލިބޭންއޮތް ގެއްލުންތައްވެސް ބޮޑެވެ. އީރާނުގެ ނުރުހުމާއި ރުޅި އިންޑިޔާއަށް އަމާޒުވުމަކީ ކުޑަކަމެއް ނޫނެވެ. އިންޑިޔާއަކީ އީރާނުގެ ތެލާއި ގޭސް އިމްޕޯޓްކުރާ ގައުމެކެވެ. އެ ވިޔަފާރީގައި އީރާނަކީ އިންޑިޔާގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ފަހަރުގައި އިންޑިޔާއިން ހިސާބުޖަހަނީ ކަމަށް ވެދާނެއެވެ. އީރާނު ކިތަންމެ ރުޅިއަޔަކަސް ކުރެވޭނޭ ކަމެއް ނެތެވެ. ތެލާއިގޭސް ޖެހޭނީ ވިއްކާށެވެ. ހުޅަގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާހެދި އީރާނަށް އިންޑިޔާއާ ދެކޮޅަށް ކަމެއް ކުރާކަށް ނުކެރޭނެއެވެ. ހަގީގަތަކީ އެއީ ކަމަށް ވެދާނެއެވެ. އެކަމަކު އެހެން ކަންކަމާމެދުވެސް ވިސްނައިލުން ހުއްޓެވެ. އިންޑިޔާއިން އެދަނީ އީރާނުގެ އިރުދެކުނުގެ އައްސޭރީގައި ވަރުގަދަ ބަނދަރެއް ތަރައްގީ ކުރަމުންނެވެ. ޗާރުބަހާރު ބަނދަރެވެ.

މިއީ ޕާކިސްތާނު ބައިޕާސްކޮށްފައި މެދުތެރޭ އޭޝިޔާގެ ގައުމުތަކަށް ވިޔަފާރި ފުޅާކުރުމަށް އިންޑިޔާއިން ހިންގާ ވަރަށް ބިޔަ މަޝްރޫއެކެވެ. ބިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ. މިބަނދަރުގެ ސަބަބުން އަފްޣާނިސްތާނާއި ތުރުކުމަނިސްތާނާއި އާމީނިޔާ ކަހަލަ ގައުމުތަކަށް ސީދާގޮތެއްގައި މުދާ ފޯރުކޮށްދީ ވިޔަފާރި ހިންގުމަށް އިންޑިޔާއަށް މަގުފަހިވާނެއެވެ. މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަަށް ގޮންޖަހައި ޕާކިސްތާނުގެ ގުވަދާރު ބަނދަރުގެ ހައިސިއްޔަތު ކުޑަކޮށްލުމަށް އިންޑިޔާއިން ހިންގާ މަޝްރޫއެކެވެ. އީރާނު ރުޅިއެރުވުމުގެ ނަތީޖާއަކަށް ވާނީ މި މަޝްރޫއު ހުއްޓުމެވެ. މިއީ އީރާނަށްވުރެ ބޮޑަށް އިންޑިޔާއަށް މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު މިހާރުވެސް އޮތީ ނުރައްކަލުގެ ތެރޭގައެވެ. ޗާރުބަހާރު މަޝްރޫއު ހިންގުމުގެ ނަމުގައި އީރާނަށް އެތެރެވެފައިވާ އިންޑިޔާގެ އިންޖިނޭރުންނާއި ތަޖުރިބާކާރުންގެ ތޮފި އަޅައިގެންތިބެ އީރާނުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ތަކާއިބެހޭ ސިއްރު މައުލޫމާތު އެއްކޮށް އެ މައުލޫމާތު އިޒްރޭލުގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑަށް ފޯރުކޮށްދިނުމުގެ އެތައްއެތައް ކަމެއް ފަޅާއަރައި އިންޑިޔާގެ އެތައް ބަޔަކު އީރާނުން ވަނީ ހައްޔަރުކޮށްފައެވެ.

ދެންއޮތީ އިޒްރޭލުގެ ވާހަކައެވެ. އިޒްރޭލުގެ އަސްކަރީ އުފެއްދުންތައް އެންމެ ގިނައިން އިމްޕޯޓްކުރާ ގައުމަކީ އިންޑިޔާއެވެ. އިޒްރޭލުގެ އުފެއްދުންތަކަށް އޮތް އެންމެ ބޮޑު މާރުކޭޓަކީ އިންޑިޔާއެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުމަށް ފާއިތުވި ދެއަހަރު އެކަނިވެސް އެތައްސަތޭކަ ޓަނެއްގެ ގޮވާތަކެއްޗާއި ކުރުރާސްތާގެ މިސައިލް އިންޑިޔާއިން ވަނީ އިޒްރޭލަށް ވިއްކައިފައެވެ. އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް އިންޑިޔާއިން ހިންގި އޮޕަރޭޝަނުގައި އިންޑިޔާއިން އެންމެ ގިނައިން ބޭނުންކުރީވެސް އިޒްރޭލުގެ ޑްރޯނެވެ. އަދި ހަގުރާމައިގައި އިންޑިޔާއަށް ފާޅުގައި ތާއީދުކޮށް އެއްބާރުލުން ދިން ހަމައެކަނި ގައުމަކީވެސް އިޒްރޭލެވެ. އެހެންވީމާ މިކަންކަމަށް ރިއާޔަތްކޮށްފައި މިދަނޑިވަޅުގައި އިޒްރޭލް ކުށްވެރިކުރަން ރުހެވޭނޭ ބާވައެވެ. ޕާކިސްތާނު ކުށްވެރިކޮށް އިންޑިޔާ ކޮޅަށް އަރަން އީރާނުވެސް ބޭނުންވީކީ ނޫންވިއްޔާއެވެ. އެހެންވީމާ ކަމަކަށް ކަމެކެވެ. ކޮންމެއަކަސް އިންޑިޔާގެ ނެގިމަޑުވެފައިވާ ސިޔާސަތުން މިފެންނަނީ މަޖުބޫރީ ހާލަތެއް މެދުވެރިވެފައިވާ މަންޒަރެވެ. އެއީ ބޮޑުބާރެއްގެ ގޮތުގައި އިންޑިޔާގެ މޮޅުކަމެއް ނޫނެވެ. ނިކަމެތި ކަމެވެ. އެއިން ދައްކައިދެނީ ސުޕަރ ޕަވަރެއް ނޫންކަމެވެ. ވާންކައިރިވެސް ނުވާކަމެވެ.