ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި އަންނަ މީހުންނަށް ދިމާވެދާނެ ސިއްހީ މައްސަލަތަކަށް އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް ހާއްސަ ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި އޮންނަ ސަރަހައްދުގައި ގާއިމުކޮށްފައިވާ އެ ކްލިނިކުގެ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 8:00 އަށް ލިބެން ހުންނާނެ ކަމަށެވެ. އަދި ބަލި މީހުންގެ ރައްކާތެރިކަމަށް އިސްކަންދީ، ބޭރުގައި ހާއްސަ އިންތިޒާމެއްގެ ދަށުން މަޑުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ކްލިނިކް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ނޭވާލާ ނިޒާމާ ގުޅުންހުރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމާއެކު އެފަދަ ބަލިތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވުން ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކްލިނިކުން އިސްކަންދޭނެ ކަމަށް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހައްޖުވެރިން އެނބުރި އަންނައިރު ދަތުރުމަތީގައި މާސްކު އެޅުމާއި އަމިއްލަ ސާފުތާހިރުކަން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. އަދި އެނބުރި އައުމަށްފަހު 14 ދުވަހުގެ ތެރޭގައި ހުމާއި ކެއްސުން ނުވަތަ ނޭވާލުމުގައި ދަތިކަން ކުރިމަތިވެއްޖެނަމަ، ލަސްނުކޮށް ފްލޫ ކްލިނިކަށް ދިއުމަށް ވެސް އެދިފައިވެ އެވެ.