ކޮންމެ ރަށެއްގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބޭ ކައުންސިލަރުންނަކީ ސިޓިން އެލަވަންސެއް ދޭ ބަޔަކަށް ބަދަލުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށް ޕީއެންސީން މިއަދު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އެއާއެކު މެންބަރުންގެ މެދުގައި ހޫނު ބަހުސެއް ވަނީ ހިނގައިފަ އެވެ. އެމްޑީޕީ މެންބަރުން އެކަމާ ދެކޮޅަށް ވާހަކަދެއްކި އިރު ޕީއެންސީ މެންބަރުން އެކަމަށް ތާއީދުކުރެއްވި އެވެ.
ސިޔާސީ މުވައްޒަފުން ކުރާ ހަރަދު މާބޮޑު: އެމްޑީޕީ މެންބަރުން
އެ ގަރާރަށް ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ކައުންސިލަރުން ގިނަވެގެން ހަރަދުބޮޑުވުމުގެ ޝަކުވާކުރާއިރު މިދިޔަ އަހަރަށްވުރެ މި އަހަރު ދައުލަތުގެ ޕޭރޯލް ބޮޑު ކަމަށެވެ.
"..މިދިޔަ އަހަރަށްވުރެ މި އަހަރު މިދިޔަ އަހަރަށްވުރެ މި އަހަރު ދައުލަތުގެ ޕޭރޯލް 400 މިލިއަނަށްވުރެ ބޮޑު. ކޮބާތޯ ހަރަދު ކުޑަކުރުން. ކޮބާތޯ ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދު،" މީކާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާ ތަނުގައި އެ މީހުންގެ ފަރާތުން ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބުމުންވެސް ކުންފުނިތަކުގެ މަތީ މަގާމުތަކަށް ބޮޑު މުސާރައަށް އެ މީހުން ލައިގެން ތިބެ ހަރަދުކުޑަކުރުމުގެ ވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ.
ހަނިމާދު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އޭނާގެ ވާހަކަ ފެއްޓެވީ "ހުދުމުހުތާރު ވެރިކަމެއް ކުރަަން ބޭނުންވާ މީހުން ރައްޔިތުންގެ ވޯޓުން ހޮވާ މީހުން ބައިތިއްބާކަށް ބޭނުމެއް ނުވާނެ،" އޭ ވިދާޅުވަމުންނެވެ.
އޭނާ ވިދާޅުވީ ކައުންސިލަރުން މަދުކުރުމަކީ ސިލްސިލާއެއްގެ ފެށުން ކަމަށާއި ކިތަންމެ ކުޑަ ރަށެއް ނަމަވެސް ބޮޑު ރަށެއްގައި ހުންނަ ހުރިހާ މައްސަލައެއް ހުންނާނެ ކަމަށާއި ރަށުގެ ކަންކަން ނިންމަން ފަސް ކައުންސިލަރުން ތިބުމަކީ އަޖައިބުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ހަރަދު ކުޑަކުރަން ކައުންސިލަރުން މަދުކުރާއިރު މިދިޔަ އަހަރާ ހަމައަށް ކައުންސިލަރެއްގެ މުސާރައަކީ 12،000 ރުފިޔާ ކަމަށާއި އެއީ އާދައިގެ އޮފީހެއްގައި އުޅޭ މީހަކަށްވެސް ލިބޭވަރުގެ މުސާރައެއް ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހަރަދުބޮޑުވަނީ ދައުލަތުގެ ތެރޭގައި ވައްކަން ގިނަވެގެންކަމަށެވެ.
"ދައުލަތުގެ ހަރަދުބޮޑުވަނީ ދައުލަތުގެ ވައްކަން ބޮޑުވެގެންދާތީ، އިންތިހާއަށް ވައްކަން ދައުލަތުގެ ތެރޭގައި އަށަގެންފައިވާތީ، ވައްކަމާއި ކޮރަޕްޝަނާ ފަސާދައިން މުޅި ދައުލަތް ފޯވެފައި މި އޮތީ،" ގަފޫރު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމް ފުރަތަމަ ގެނައުމުގައިވެސް އިހުލާސްތެރިކަމެއް ނެތް: ޕީއެންސީ މެންބަރުން
އެމްޑީޕީ މެންބަރުންގެ ވާހަކަތަކަށް ރައްދުދެއްވައި ގަރާރު ހުށަހެޅި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް އެންމެ ފުރަތަމަ ގެނައީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އޮތް ތާއިދު ގެއްލުވާލަން ކަމަށެވެ.
"ފުރަތަމަ މި ނިޒާމު ގާނޫނު އަސާސީގެ އަށްވަނަ ބާބު އެކުލެވިގެން އައިއިރު އޭރުގެ ސަރުކާރާ ދެކޮޅު މީހުންގެ ވިސްނުން އޮތް ގޮތެއް އަޅުގަނޑުމެން އެބަޖެހޭ ބަލަން. މީ ކިހިނެތް ކިހިނެތް އުފެދިގެން އައި ނިޒާމެއްތޯ،" އެ ގާނޫނު ޑްރާފްޓް ކުރީ ރައީސް މައުމޫނުގެ ސަރުކާރާ ދެކޮޅު މެންބަރެއްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.
"މީގެ ބޭނުމަކީ އޭރު އެމްޑީޕީ އުފައްދަންވެގެން މަސައްކަތްކުރި އިރު އެ ބޭފުޅުންގެ ވިސްނުމަކީ ރައީސް މައުމޫނުގެ މުޅި ވެރިކަން ނަގަހައްޓަމުން މި ގެންދަނީ އެޓޯލްސް މިނިސްޓްރީގެ ތެރެއިން މަރްހޫމް އަބްދުﷲ ހަމީދު، މަރުހޫމް ހަމީދުގެ ވަރުކޮށައި ނުލައި އަތޮޅުތެރޭގައި ރައީސް މައުމޫނަށް އޮތް ތާއީދު ގެއްލުވާނުލެވޭނެކަން އެމްޑީޕީއަށް ވިސްނިގެން ވުޖޫދަށް އުފަަންކުރި އިސްލާހެއް މިއީ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭރު ރައްޔިތުންނަށް ވިސްނައިދިނީ ރަށްތައް ހިންގަންޖެހޭނީ މައި ސަރުކާރުން ނޫން ކަމަށެވެ.
ޝުޖާއުގެ ވާހަކައިގައި އޭނާ ވަނީ ކައުންސިލަރުންގެ މުސާރައަށް ހޭދަކުރަންޖެހޭ އަދަދުވެސް ހާމަކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި 300 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކައުންސިލަރުންގެ މުސާރައަށް ހޭދަކުރަންޖެހޭ ކަމަށެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ލާމަރުކަޒީ ގާނޫނު އެންމެ ފުރަތަމަ އުފަންކުރީ އޭރުގެ ސަރުކާރަށް ޖެއްސުންކުރަން ކަމަށާއި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ބޭނުންވި ނަމަވެސް މިހާރު އޮތް ގޮތް ކަމުނުދާ ކަމަށެވެ.
ކޮންމެ ރަށެއްގައި ފަހެއް ނުވަތަ ހަތް ކައުންސިލަރުން ތިބޭއިރު އެ މީހުން ކުރާނެ މަސައްކަތްތަކެއް ނޯންނަ ކަމަށާއި ހުރިހާ މަސައްކަތްތައް ކަހަލަ ގޮތަކަށް ކުރަނީ ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ގިނަ ކައުންސިލަރުން ސޮއިކޮށްފައި ނޫނީ ފިންގާ ޖަހާފަ ދަނީ ގެއަށް، ދެން ނުއެއް ފެނޭ. ދެން ފިންގާ އައުޓްކުރަން އަންނަންޏާ އަންނަންވީ، މިކަހަލަ ގޮތަކަށް ކަންތައްތައް އޮތީ،" ސައުދުﷲ ވިދާޅުވި އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް