ޑިޒައިނަރު ގައުރީ ޚާންގެ މުންބާއީގައި ހުންނަ "ޓޯރީ" ރެސްޓޯރަންޓުގައި އޭނާގެ ފިރިމީހާ ޝާހުރުކް ޚާން އަދި ދަރީންނަށް ހާއްސަ ސިއްރު ދޮރެއް ހުރިކަން ހާމަވެއްޖެއެވެ. ރެސްޓޯރަންޓުގެ ހެޑް ޝެފް ސްޓެފަން ގަޑިޓް ވަނީ މި ސިއްރު ދޮރާ ބެހޭ މައުލޫމާތު ހާމަކޮށްފައެވެ.

ސްޓެފަން ގަޑިޓް ބުނެފައިވާ ގޮތުގައި މި ދޮރު ބޭނުންކުރެވެނީ ހަމައެކަނި ޚާން އާއިލާއަށާއި މަދު ސެލެބްރިޓީންނަށެވެ. އަދި ޝާހު އާއިލާ އަބަދުވެސް މި ރެސްޓޯރަންޓުގައި ކައިބޮއި އުޅޭ ކަމަށް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވާގޮތުގައި އަބްރާމް ޚާން އެންމެ ގިނައިން ކަނީ ސޫޝީއެވެ. ޝާހު އެންމެ ގިނައިން ކަނީ ލޭމް ޗޮޕްސް އެވެ. ގައުރީ އެންމެ ގިނައިން ކަނީ ތައިކަރީ އެވެ.

ސުހާނާ އަދި އާރްޔާން އެ ތަނުގައި ރައްޓެހީންނާއެކު ވަގުތު ހޭދަކުރާ ކަމަށްވެސް ސްޓެފަން ބުނެފައިވެއެވެ. ފަހަކަށް އައިސް ޝާހުގެ މެނޭޖަރު ޕޫޖާ ދަދްލާނީގެ އުފަންދުވަސްވެސް ރެސްޓޯރަންޓުގައި ފާހަގަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ޝާހު މިހާރު ވަނީ ސިއްދާތު އާނަންދުގެ "ކިންގް" ފިލްމުގެ ޝޫޓިން ފަށައިފައެވެ. މި ފިލްމުގައި ސުހާނާ ފުރަތަމަ ފަހަރަށް ތިއޭޓަރ ފިލްމެއްގައި ފެނިގެންދާނެއެވެ. އަބީޝެކް ބައްޗަންވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ގައުރީގެ "ޓޯރީ" ރެސްޓޯރަންޓު ހުޅުވީ މިދިޔަ އަހަރުގެ ވެލެންޓައިންސް ޑޭގައެވެ. މި ރެސްޓޯރަންޓަކީ ބޮލީވުޑުގެ މަޝްހޫރު ތަރީންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. ރެސްޓޯރަންޓު ހުޅުވުޅުވުމުގެ ރަސްމިއްޔާތުގައި ސުސާނެ ޚާން، މަހީޕް ކަޕޫރު، ބަވާނާ ޕާންޑޭ، ނީލަމް ކޮތާރީ އަދި ސީމާ ސަޖްދޭ ފަދަ މަޝްހޫރު ތަރިން ބައިވެރިވިއެވެ.