ފެނަކަ ކޯޕަރޭޝަނުގެ 2022 އަދި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓު ނުނިމޭތީ އެހީ ދޭ ބޭރުގެ ޖަމާއަތަކާ ގުޅިގެން ކުރިއަށްގެންދަން އޮތް މަޝްރޫއެެއް މަޑުޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން އެންވަޔަރަމެންޓު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފިއެވެ.

ފެނަކައިގެ އޮޑިޓު ރިޕޯޓުތައް ނުނިމި އޮތުމުން ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ސަރުކާރުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކަށް ބުރޫ އަރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ މިނިސްޓްރީން ފެނަކައަށް ފޮނުވާފައިވާ ސިޓީ ވަނީ މަޖިލީހަށް ފޮނުވައިފައެވެ.

އެ ސިޓީގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފެނަކައިގެ އޮޑިޓު އަދި އެހެން ބައެއް ތަންތަނުގެ އޮޑިޓު ލަސްވުމުގެ ކަންބޮޑުވުން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ކުރިންވެސް ވަނީ ފާޅުކޮށްފައެވެ. އަދި އެކަން ފާހަގަކޮށް ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޮޑިޓުތައް ނުނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އިދާރާތަކުން ލިބެންޖެހޭ އެހީތައް ލިބުން ހުއްޓުމަކަށް އަންނަ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި، އޮޑިޓު އޮފީހުގެ މަސައްކަތްތަކާ ގުޅޭ މައްސަލައަކަށް ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ފެނަކައިގެ އޮޑިޓު ނުނިމޭތީ، ވޯލްޑް ބޭންކުގެ އެހީގައި ގއ. އަދި ގދ. ގައި ހިންގާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އެ މައްސަލައަށް ބަހުސްކުރަން ހުޅުވާލުމާއެކު އެންމެ ކުރިން ވާހަކަދެއްކެވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ. ގަފޫރު ވިދާޅުވީ "މުޅި ދައުލަތް ނެރެގެން ވެސް ފެނަކަ އޮޑިޓު ކުރެވޭތޯ ބަލަން ވެއްޖެ" ކަމަށެވެ.

މި ސަރުކާރަށް ދެ އަހަރުވާން ކައިރިވެފައިވާ އިރު، ފެނަކަ އޮޑިޓު ނުކުރެވި އޮތުމުން ގަފޫރު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފެނަކަ އޮޑިޓުކުރުމަކީ އޮޑިޓު އޮފީހުން ކުރަންޖެހޭ ކަމެއް ނޫން ނަމަވެސް އެކަން ކުރަން ނިންމީ މަޖިލީހުން އެދުމުން ކަމަށެވެ. ކުންފުނީގެ ރަސްމީ އޮޑިޓު އޮންނަންޖެހޭނީ ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

ގަފޫރު ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކޮމިޓީއަށް ހާޒިރުކޮށް އެ ކުންފުނީގެ އޮޑިޓު ލަސްވާ މައްސަލައިގައި ކަންހިނގާ ގޮތް ސާފު ކުރުމަށް ހުށަހަޅުއްވައިފައެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ދެން އެ މައްސަލައަށް ވާހަކަދެއްކެވި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ޝަރީފް ވަނީ ފެނަކައިގެ ލިޔެކިޔުންތައް ނައްތާލައި ފޮރުވާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

"މިވާ ގޮތަކީ ކުރީގައި މި ކަންކަން ނިންމާފައި ހުރި ގޮތަކީ މިތަނުގައި މި ޑޮކިޔުމެންޓުތައް ވެސް ނެތީ. އެ ހުރިހާ އެއްޗެއް ނައްތާލާފައި، ހުރިހާ އެއްޗެއް ފޮރުވާފައި، ދެންހުރި އެއްޗެއް ކޮށާލާފައި، ދެން ހުރި އެއްޗެއް ހިފައިގެން ގެއަށް ގޮސް މި ތިބީ. އެ ތަނުގައި ނެތީ ޑޮކިޔުމެންޓު،" އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ އޮޑިޓު ނުނިމިގެން އުޅެނީ ފެނަކަ އިން އެއްބާރުލުން ނުދޭތީ ނޫން ކަމަށާއި ކުރީ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ނެތިގެން ކަމަށެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދުދެއްވައި ގަފޫރު ވިދާޅުވީ ލިޔެކިޔުންތައް ނެތް މުއާމަލާތަކީ 'ވަގު' މުއާމަލާތްތައް ކަމަށް ބަލައި އޮޑިޓު ކުރިއަށްގެންދެވޭނެ ކަމަށެވެ.

"ޑޮކިއުމަންޓް ހުށަހަޅުއްވަން ވަކި މުއްދަތެއްދީފަ އެކަން ނުކުރީމަ އޭގެ މާނައަކީ އެއީ ވަގަށް ކޮށްފަ އޮތް ކަމެކޭ، އޭގަ ޖަހާނީ ވަގު، ޖަހާފަ ކުރިއަށް ދެވޭނެ، އެހެންވީމަ އޮޑިޓު ނުކުރެވެންޖެހޭ ސަބަބެއް ނޫން އެއީ، ހުންނަންޖެހޭ ޑޮކިއުމަންޓާއި ލިޔެކިޔުން ނެތިއްޔާ ކުރަންޖެހޭނެ ގޮތްވެސް އޮންނާނެ އޮޑިޓުގައި ލިޔެފައި،" ގަފޫރު ވިދާޅުވިއެވެ.

"ހަމަ ނުކުރަންވެގެން، ބޮލަށް ކެނޑުމުގެ ބަހަނާ ދައްކައިގެން ތިބޭކަށް ނުޖެހޭނެ އެއްވެސް ބަޔަކު. އެއީ އެކަން ކުރަމުން އަންނަ އުސޫލު ދުނިޔޭގައި ވެސް މި ގައުމުގައި ވެސް،"

ގަފޫރު ވިދާޅުވީ ޑޮކިއުމަންޓް ނެތް ކަމަށްބުނެ ދައްކާ ބަހަނާއަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.