ބައެއް ކުންފުނިތަކާއި މުއައްސަސާތައް އަދި އޮޑިޓް ކުންފުނިތަކުގެ އޮޑިޓް ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އޮޑިޓާ ޖެނެރަލްގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ އޮޑިޓާ ޖެނެރަލް އޮފީހުގެ ފައިނޭންޝަލް ރިޕޯޓުގައި މައްސަލައެއް ފާހަގަނުވި ނަމަވެސް އެ އޮފީހުގެ ޕާފޯމަންސާ ގުޅޭ ގޮތުން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

އެގޮތުން އަބަދު އެއް މުވައްޒަފުންތަކެއް އެއްތާކަށް ގޮސް އޮޑިޓްކުރާތީ އެކަން އެއްގޯސްވެފައިވާ ކަމަށާއި އޮޑިޓްގެ ކަންކަން ދަނީ އެންމެ ރަނގަޅަށްތޯ ވެސް ބަލަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އަޅުގަނޑުމެން އެބަޖެހޭ ވަރަށް ފުންކޮށް އޮޑިޓާ ޖެނެރަލް އޮފީހުގެ ޕާފޯމަންސާ ދޭތެރޭ ވިސްނާލަން، އެއީ ބައެއް މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތައް އެބަ ނުކުމޭ ގަނޑުކޮށް ފަސް އަހަރުގެ ރިޕޯޓު އެއްކޮށްވެސް،" ނާޒިމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސުންގަޑި ދީފައިވާ ވަރަށް ގިނަ ރިޕޯޓުތައް ވަގުތު ޖެހިގެންދިޔައިރުވެސް ނުނިމި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓެއް ހިމެނޭ ކަމަށެވެ. އެ އޮޑިޓުގެ އެކި ބައިތައް ވަކި ވަކިން އަންނަން ފަށާފައިވާއިރު މުވައްޒަފުން ނެގުމާއި އައްޑޫގައި ފެނަކައިން ކޮށްފައިވާ މަސައްކަތުގެ އޮޑިޓު މިހާރު އާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ފެނަކައިގެ އޮޑިޓުތައް ބަރާބަރަށް ނުލިބޭތީ އެންވަޔަރަމެންޓް މިނިސްޓްރީން އެ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުތައް ނުނިމި ލަސްވާތީ، ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް، ކަރަންޓު ފޯރުކޮށްދިނުމަށް ކުރާ ހޭދަ ކުޑަކުރުމަށް ބޭރުގެ އެހީ ދޭ ފަރާތްތަކާއެކު ކުރާ މަސައްކަތްތަކަށް ބުރޫ އަރާކަން މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ވޯލްޑް ބޭންކުގެ އެހީގައި ގއ.، ގދ.ގައި ހިންގާ މަޝްރޫއެއްވެސް މިހާރު ވަނީ ހުއްޓިފައި ކަމަށް. އޮޑިޓް ބަރާބަރަށް ނުކުރެވޭތީ އޭގެ ނަތީޖާ މި ފެންނަނީ،" ނާޒިމު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމު ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނަމަވެސް އޮޑިޓް މަސައްކަތް ހިނގާ ގޮތް އެނގެންޖެހޭ ކަމަށެވެ.

އެގޮތުން އޮޑިޓަކީ އޮޑިޓު ފާމުން ނުވަތަ އޮޑިޓަރު ޖެނެރަލް ކިތަންމެ ބޭނުންވިޔަސް ނިންމޭނެ އެއްޗެއް ނޫން ކަމަށާއި ފެނަކައިގެ އޮޑިޓުވެސް ނުނިމޭ އެއް ސަބަބަކީ އެކަމަށް ބޭނުންވާ ޑޮކިއުމަންޓުތައް ފެނަކައިން ނުލިބުން ކަމަށް ވިދާޅުވި އެވެ.

"އޮޑިޓުތައް ނުނިމޭ މައްސަލަ އެގޮތަށް ބަލަންޏާ ކަމާބެހޭ މުއައްސަސާތައް ހާއްސަކޮށް މިނިސްޓްރީ އޮފް ފިނޭންސާ، ޕީސީބީ އާ މިކަހަލަ އިދާރާތަކާ އެކީ މި މައްސަލަ ހައްލުވާނީ،" ޝަމްހީދު ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވަނީ އޮޑިޓް އޮފީސް އޮޑިޓް ކުރަން އެ ކޮމެޓީން ހަވާލުކުރި ކޭޕީއެމްޖީން ތައްޔާރު ކުރި ރިޕޯޓުގައިވާ ބައެއް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

އެގޮތުން އޭނާ ވިދާޅުވީ މިދިޔަ އަހަރު 621 އޮޑިޓް ރިޕޯޓް ފުރިހަމަ ކުރާނެ ކަމަށް އޮޑިޓާ ޖެނެރަލް ޔަގީންކަން ދެއްވި ނަމަވެސް ފުރިހަމަކޮށްފައި ވަނީ 189 ރިޕޯޓު ކަމަށެވެ. އެއީ 30 ޕަސެންޓް އޮޑިޓް ކަމަށާއި ހަވާލުކޮށްފައިވާ ހާއްސަ 18 އޮޑިޓުގެ ތެރެއިން ނިމިފައިވަނީ 9 އޮޑިޓް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޮޑިޓް އޮފީހަށް ދިމާވެފައިވާ ގޮންޖެހުންތައް އެ ކޮމެޓީއާ ހިއްސާކުރުމުން އެކަންކަމަށް ހައްލު ހޯދައިދީފައިވާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން ނުލިބޭ މައްސަލައަށް ހައްލު ހޯއްދަވައިދެއްވިކަން ފާހަގަކުރެއްވި އެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ މައިގަނޑު މައްސަލައަކީ ހަދަންޖެހޭ އޮޑިޓުގެ އަދަދު މާބޮޑަށް ގިނަވުން ކަމަށާއި އެ އޮޑިޓުތައް ބަންދު ދުވަސްތައް ހިމަނައިގެން ދުވާލަކަށް ދެ އޮޑިޓް ހެދިޔަސް ނުނިމޭނެ ކަމަށެވެ.

"600-700 އޮޑިޓް އަހަރެއްގެ ތެރޭ ހަދަންޖެހޭއިރު ދުވާލަކު ދެ އޮޑިޓު ހަދަން އެބަޖެހޭ. އެމްއެންޑީއެފް އާއި ޕޮލިސް ނެރެގެންވެސް މިކަން ނުކުރެވޭނެ. އެހެންވީމާ އުސޫލެއް މީގައި ކަނޑައަޅައި ގޮތްތަކެއް ނިންމައިގެން މިކަން ކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވަނީ ކަންބޮޑުވުންތައް ހައްލުކުރުމަށް އޮޑިޓާ ޖެނެރަލް ކޮމެޓީއަށް ހާޒިރުކޮށްގެން މައްސަލަތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ދުވަހެއް ކަނޑައަޅަން ހުށަހަޅުއްވައިފަ އެވެ.