ހަތް ގައުމެއްގެ އެންޓި ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އެއް މަސްދުވަހުގެ އޮޕަރޭޝަންގައި 2.91 މިލިއަން ރުފިޔާގެ ސްކޭމް މައްސަލަ ރާއްޖެއިން ހުށަހަޅާފައިވާ ކަމަށާއި އެއިން %21 ރިކަވާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށާއި އަދި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަންގައި ރާއްޖޭން 199 ސްކޭމްގެ މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ، އެ މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ބުނީ މި އޮޕަރޭޝަނުން ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ފްރޮންޓިއާ+ ނެޓްވޯކުގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފްރޮންޓިއަރ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފައްދާފައިވާ ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގް، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ރާއްޖެ ހިމެނެއެވެ.
މި ނެޓްވޯކަކީ އޮޅުވާލައިގެން ހިންގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމަށް އުފައްދާފައިވާ ނެޓްވޯކެކެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގި ފްރޮންޓިއަރ+ގެ ފުރަތަމަ އޮޕަރޭޝަން އެވެ.
އޮޕަރޭޝަން ފްރޮންޓިއާ+ ގެ މައުލޫމާތު ހިއްސާކުރުމަށް މި މަހުގެ 3 ވަނަ ދުވަހު ހޮންކޮންގް ގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
އާއިޝަތު މާހާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް