ޗެންނާއީގެ ޓެކް ސްޓާޓްއަޕް ކުންފުންޏެއް ކަމަށްވާ އަގިލިސިއަމްއިން އެ ކުންފުނީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި 25 މުވައްޒަފަކަށް ހުންޑާއީ ކްރެޓާ އެސްޔޫވީ ކާރު ހަދިޔާކޮށްފިއެވެ.

ދަ ހިންދޫ ބިޒްނަސްލައިންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ކުންފުނީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި 500 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވިއެވެ. މި ހަފުލާ ބޭއްވީ ޗެންނާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ހުންނަ ކުންފުނީގެ އޮފީހުގައެވެ.

އަގިލިސިއަމްގެ ރަސްމީ ލިންކްޑްއިން ޕޯސްޓެއްގައި މި ހަފުލާގެ ފޮޓޯތައް ހިއްސާކޮށްފައިވެއެވެ.

"އަހަރެމެންގެ ކާމިޔާބީގެ ވާހަކައަކީ ތިޔައިން ކޮންމެ މުވައްޒަފެއްގެ ވެސް ވާހަކައެވެ. ތިޔަ މުވައްޒަފުންގެ އެއްބާރުލުން ނެތްނަމަ އަހަރެމެން މިތާ ނުތިބޭނެއެވެ. އަހަރެމެންނާއެކު ފުރަތަމަ ދުވަހުން ފެށިގެން ތިބި މުވައްޒަފުންނަށް އެސްޔޫވީ ކާރު ހަދިޔާކުރުމަކީ ލިބުނު ޝަރަފެކެވެ" އަގިލިސިއަމްގެ ފައުންޑަރ އަދި ސީއީއޯ ރާޖް ބާބު ވިދާޅުވެފައިވެއެވެ.

މި ކުންފުނިން ވަނީ ކާރު ހަދިޔާކުރުމުގެ އިތުރުން ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށް ޕަރފޯމަންސް ބޭސްޑް މުސާރައިގެ ކުރިއެރުން ވެސް ދީފައެވެ.

މި ހަބަރު އިންޓަނެޓުގައި ވައިރަލް ވެ، ގިނަ ބަޔަކު ވަނީ މި ކުންފުންޏަށް ތައުރީފުކޮށްފައެވެ.