އިންޓަނެޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދީ، އެންމެންނަށް ވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދަސްކޮށްދޭން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ސިޔާސަތު" ޕްރޮގްރާމުގައި ޓެކްނޮލޮޖީއާ ގުޅޭގޮތުން މިރޭ ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހަމައެކަނި ކޮމްޕިއުޓަރު ތައާރަފުކުރުމުގެ ސަބަބުން ވެސް މުޖުތަމައުގެ ތަފާތުތައް ބައެއް ގައުމުތަކުގައި ބޮޑުވެގެންދިޔަ ތަން ފެނިގެންދިޔަ ކަމަށެވެ.

މިހާރު ކުރިއަރާފައިވާ ޓެކްނޮލޮޖީތައް އައުމުން އެ ތަފާތު އިތުރަށް ބޮޑުވެގެންދިޔަ ނުދިނުމަށްޓަކައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމެއް ކަމަށާއި އެ މަސައްކަތް މިހާރުން މިހާރަށް ފަށަން ޖެހިފައިވާ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އެގޮތުން ކުރެވިދާނެ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ލަފާކުރެވެނީ ޓެކްނޮލޮޖީ ލިޓްރަސީ، އޭއައި ލިޓްރަސީ ހުރިހާ ރައްޔިތުންނަށް ވެސް ފޯރުކޮށްދިނުން. އެއީ އަސާސީ ތައުލީމުގެ ބައެއްގެ ގޮތުގައި މިހާރު އަޅުގަނޑުމެން ދަސްކުރަން ޖެހޭ އެއްޗެއް މިއީ. ކިހިނެއްތޯ އަޅުގަނޑުމެން ކޮމްޕިއުޓަރު ބޭނުންކުރާނީ، ޓެކްނޮލީގެ ބޭނުންކުރާނީ، އޭއައިގެ ބޭނުން ހިފާނީ. އެގޮތަށް އެކަން ކުރެވޭނީ އިންޓަނެޓުގެ ހިދުމަތް ވެސް ހުރިހާ ރައްޔިތުންނަށް ހިލޭ ލިބޭނެ ގޮތެއް ވެގެން މުސްތަގުބަލުގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ޓެކްނޮލޮޖީއާއެކު ވަޒީފާތަކަށް އަންނަ ބަދަލުތައް ވެސް ބަލަން ޖެހޭ ކަމަށާއި އިގުތިސާދަށް ބޭނުންވާ އެކިއެކި ރޮނގުރޮނގުން އޭގެ އަސަރުކުރާނީ ކިހާވަރަކަށްތޯ ބަލައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އިންޑަސްޓްރިއަލް ގައުމުތަކުގައި ގާތްގަނޑަކަށް ހުރިހާ ވަޒީފާތަކުގެ ދެބައިކުޅަ އެއްބައި ވަޒީފާތަކުގައި އޭއައިގެ ބޭނުން ކުރެވޭނެ ކަމަށް މިހާރު އަންދާޒާކުރަމުންދާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މިހާރު އަޅުގަނޑުމެންގެ އިގުތިސާދަށް ބޭނުންވާ އެކިއެކި ރޮނގުރޮނގުން ކިހާވަރަކަށްތޯ އޭގެ އަސަރުކުރަމުންދާނީ، ކޮން ކަހަލަ ވަޒީފާތަކެއްތޯ ގެއްލިގެންދާނީ، ކޮން ކަހަލަ ވަޒީފާތަކެއްތޯ އޭއައި އާއި ރޮބޮޓިކްސްގެ ސަބަބުން އުވިގެންދާނީ، އަދި ކޮން ކަހަލަ ކަންތައްތަކެއްތޯ ކުރެވޭނީ. އަދި މަސައްކަތުގެ ބާޒާރަށް ކުދިން ނެރޭ އިރުގައި، އެ ކުދިންގެ ކޮންކަހަލަ ސްކިލްތަކެއްތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު އިތުރަށް ވިދާޅުވީ ވަޒީފާތަކަށް ކުރާނެ އަސަރުތަކާއެކު ޕޮލިސީތައް ހެދުން ފަދަ ކަންކަމަކީ ލަސްކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި ސްކޫލު ދައުރުން ފެށިގެން މަސައްކަތް ފަށައި، ވަޒީފާގައި މިހާރު ތިބި މީހުންނަށް ވެސް ފޯކަސްކުރަން ޖެހޭ ކަމަށެވެ.