މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވާން އެދިއްޖެއެވެ.

އެ ސްކޭމްތައް ހިންގަމުންދަނީ ކަސްޓަމްސްއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ، މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ގެންނަ ތަކެތި ޑެލިވާކޮށްދިނުމުގައި ލަސްތަކެއް އުޅެދާނެ ކަމަށްބުނެއެވެ. އެ ސްކޭމް ހިންގަނީ އެސްއެމްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެންނެވެ.

ކަސްޓަމްސް އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ސާވިސްއަށް ފައިސާތަކެއް ދައްކަން އޮތް ކަމަށްބުނެ ފޮނުވަނީ ސައްހަ މެސެޖުތަކެއް ނޫން ކަމަށެވެ.

ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށާއި އެފަދަ ލިންކުތަކަށް ސަމާލުވުމަށް އެދޭ ކަމަށް އެ ސާވިސް އިން ބުންޏެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮންމެ ހަފުތާއަކު ވެސް ސްކޭމްގެ އެތައް މައްސަލައެއް އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅައެވެ. އެގޮތުން މިދިޔަ އަޟްހާ އީދު ބަންދުގައި ވެސް ސްކޭމްތަކުން ދެ ލައްްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 75،776 ރުފިޔާއެވެ. އެ ހަފުތާގައި ހުށަހެޅިފައިވަނީ ޖުމުލަ 35 މައްސަލައެވެ.

މިދިޔަ މަހުގެ 27 އިން މި މަހުގެ ދެވަނަ ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ވެސް ސްކޭމްގެ 35 މައްސަލަ ހުށަހަޅައިފައިވެއެވެ. އެއީ، އީ-ކޮމާސް ސްކޭމްގެ 18 މައްސަލަ، ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ އަށް މައްސަލަ، ވިޝިން ސްކޭމްގެ ފަސް މައްސަލައިގެ އިތުރުން ފިޝިން ލިންކް ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ ދެ މައްސަލައެވެ.

އެ ހަފުތާގައި ސްކޭމްކޮށްގެން އެކި މީހުންގެ އަތުން 673،402 ރުފިޔާ ފޭރިގެންފައިވާ އިރު، 142،851 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.