މިދިޔަ އަހަރުވެސް އައިލެންޑް އޭވިއޭޝަނަށް 2.8 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެކުންފުނީގެ އޮޑިޓް ރިޕޯޓު ދައްކާގޮތުން މިދިޔަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާއެވެ. އެއިން ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ދައްކަނީ 171 މިލިއަން ރުފިޔާއެވެ.

އަދި އެ ކުންފުނީގެ ފައިނޭންސިން ހަރަދުތަކާއި ޓެކްސްއަށް ދައްކާފައިވާ ފައިސާ ކެނޑުމުން 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

އޮޑީޓް ރިޕޯޓް ދައްކާގޮތުން އައިލެންޑް އޭވިއޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަކުންނެވެ. އެގޮތުން 1.6 ބިލިއަން ރުފިޔާ ޑޮމެސްޓިކް ދަތުރުތަކުން ލިބިފައިވެއެވެ.