އަހްމަދާބާދުގައި އެއާ އިންޑިއާ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި ޕައިލެޓް ސުމީތު ސަބަރްވާލް ވަނީ މި ހާދިސާ ހިނގުމުގެ ތިން ދުވަސް ކުރީން ވަޒީފާއިން ވަކިވެ ގެއަށް އަންނަން ބޭނުންވާ ކަން އޭނާގެ ބަލި ބައްޕަގާތު ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

56 އަހަރުގެ ކެޕްޓަން ސަބަރްވާލްއަކީ ވަރަށް ތަޖުރިބާކާރު ޕައިލެޓެކެވެ. އޭނާ ދިރިއުޅެމުން އައީ މުންބާއީގެ ޕަވާއީ ސަރަހައްދުގައި އޭނާގެ ބައްޕައާއެކުއެވެ. ބައްޕައަކީ ކުރީން ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

ސަބަރްވާލްގެ އާއިލާގެ ގާތް މީހެއް ކަމަށްވާ ލަންޑޭ ބުނެފައިވަނީ "ސުމީތު ވަނީ ތިން ދުވަސް ކުރީން އޭނާގެ ބައްޕައަށް ގުޅައި، އުދުހުން ހުއްޓާލައި ބައްޕަ ބަލަން ގެއަށް އަންނަން ބޭނުންވާ ކަމަށް ބުނެފައި" ކަމަށެވެ.

ސަބަރްވާލްގެ ގާތް މީހެއް ކަމަށްވާ ވިންގް ކޮމާންޑަރ (ރިޓަޔަރޑް) ސަންޖޭ ޕާއީ ބުނެފައިވަނީ ސަބަރްވާލްއަކީ ރަނގަޅު މީހެއް ކަމަށެވެ. އަދި އެންމެން ވެސް މިހާރު ތިބީ ޝޮކެއްގައި ކަމަށެވެ.

"އޭނާ މަރުވި ހަބަރުން އަހަރެމެން އެންމެނަށްވެސް ލިބުނީ ޝޮކެއް. ގިނަ ބަޔަކު އޭނާގެ އާއިލާއާ ބައްދަލުކުރަން އައި. އޭނާ ދުނިޔޭގައި ނެތްކަން ގަބޫލުކުރަން އުނދަގޫ" ޕާއީ ބުނެފައިވެއެވެ.

މި ހާދިސާގައި ވެއްޓުނު ބޯޓަކީ ބޯއިންގ 787 ޑްރީމްލައިނަރ (އޭއައި171) އެކެވެ. މި ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫ މެންބަރުން ތިއްބެވެ. މި ބޯޓު ވެއްޓުނީ އަހްމަދާބާދުގެ ސަރްދާރު ވަލަބްބާއީ ޕަޓެލް އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކުޑައިރުކޮޅެއޮޅެއްގެ ތެރޭގައި މެޑިކަލް ކޮލެޖެއްގެ ސަރަހައްދަށެވެ. މި ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ.