އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލަޔާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ހިގާއްޖެއެވެ. ފީފާޔަކުން ގާތްގަޑަކަށް ހަ ޑޮލަރުގެ އުފުލުމެކެވެ. އީރާނުން ދެން ކަންކަން ކުރާގޮތަކުން އަދިމިއަށްވުރެވެސް މައްޗަށް އަގުތައް އުފުލިގެން ހިގައިދާނެއެވެ. އެއީ ނުހަނު ކައިރިކަމެކެވެ. ތެލުގެ އަގު މިއަދު އުފުލިފައިވާ ހިސާބަށް ބަލާއިރު މިއީ ފާއިތުވި ފަސްމަސް ދުވަހުގެ ރިކޯޑެކެވެ. މިވަރަށް ތެލުގެ އަގު އުފުލިގެން ދިއުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ ސަބަބަކީ އީރާނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ނެރޭ އެއްގައުމު ކަމަށްވުމެވެ. ދުނިޔޭގެ ޖުމްލަ އުފެއްދުމުގެ ގާތްގަޑަކަށް ފަސް އިންސައްތަ ހިއްސާކުރަނީ އީރާނުންނެވެ. އެހެންވީމާ އީރާނުގެ ތެލުގެ ކާރުޚާނާއަށް އަރާ ލޮޅުމެއް ދުނިޔޭގެ ތެލުގެ ބާޒާރުން ހިއްސާކުރާނެއެވެ. ދެވަނަ ސަބަބަކީ އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކަކީވެސް ތެޔޮއުފައްދާ ގައުމުތައް ކަމަށްވުމެވެ. ސައޫދީއަރަބިޔާއާއި އެމިރޭޓްސްއެވެ. ކުވޭތާއި ގަތަރު އަދި އިރާގެވެ. އޮމާނެވެ.

މިދެންނެވި ގައުމުތަކަކީ އެމެރިކާގެ ބައިވެރިންނެވެ. އެތަންތަނުގައި އެމެރިކާގެ ސިފައިން އެބަތިއްބެވެ. މަރުކަޒުތައް އެބަހުއްޓެވެ. އީރާނަށް ހަމަލަދިނުމުގައި އިޒްރޭލުގެ ބައިވެރިޔަކީ އަދި މިތުރަކީ އެމެރިކާއެވެ. އެހެންވީމާ އައު ހަގުރާމައެއް ކުރެވޭއިރު މައިދާނުގެ ތެރޭގައި މިދެންނެވި ގައުމުތައް ހިމެނިދާނެއެވެ. ތެލުގެ ކާރުޚާނާއަކީ މިސައިލްތަކާއި ރޮކެޓްތަކާއި ޑްރޯންތަކުގެ އަމާޒުފަތްގަޑަކަށް ވެދާނެއެވެ. އެހެންވެއްޖެނަމަ ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންތައް އަރާނެއެވެ. ބޮޑުކޮށެވެ. ތިންވަނަ ސަބަބަކީ ހޮރުމުޒް ކަނޑުއޮޅިއެވެ. މިއީ ދުނިޔޭގެ ތެލުގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަޑަކަށް ތިރީސް އިންސައްތަ ދަތުރުކުރާ މަގެވެ. ދުވާލަކު ގާތްގަޑަކަށް 21 މިލިޔަން ފީފާގެ ތެޔޮ މިމަގުން ދަތުރުކުރެއެވެ. އީރާން އޮތީ ހޮރުމުޒް ކަނޑުއޮޅީގެ އަނގަމަތީގައެވެ. ގަލްފުގެ އިރުމަތީ އައްސޭރިޔަކީ އީރާނެވެ. އެހެންވީމާ މި ކަނޑުއޮޅި ބަންދުކުރުމަކީ އީރާނަށް ކުރެވިދާނެ ކަމެކެވެ. ކުރާނެވެސް ކަމެކެވެ. އެހެންވެއްޖެނަމަ ދުނިޔެ ތެލަށް ޖެހޭނެއެވެ. ރަނާއި ޖަވާހިރަށްވުރެވެސް ތެލުގެ އަގުބޮޑުވެގެން ހިގައިދާނެއެވެ.

މިއަދު މިފެނުނީ އެކަމުގެ އަލާމާތްތަކެވެ. މިއީ ނިމުމެއް ނޫނެވެ. ފެށުމެކެވެ. ތެޔޮ އިމްޕޯޓްކުރާ ހަމަކޮންމެ ގައުމަކަށް މިކަމުގެ އުދާސްތައް އިހުސާސްކުރެވޭނެއެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. އެހެނީ ތެލަކީ ދުނިޔޭގެ އިގްތިސާދަށް ހަކަތަ ލިއްބައިދޭ ވަސީލަތެވެ. އެޔާނުލައި އެއްބަޔަކަށްވެސް ނޫޅެވޭނެއެވެ. މުސްތަހީލު ކަމެކެވެ. ކޮންމެއަކަސް މެދުއިރުމަތީގައި ހަގުރާމައިގެ ހުޅުގަޑު ރޯވެ އަނދަންފެށީމާ އެކަމުގެ ގެއްލުމާއި ދެރަ މާދުރުދުރުގައިވާ ގައުމުތަކަށްވެސް ފޯރާނެއެވެ. ބޮޑުކޮށެވެ. އެހިސާބަށް މިކަން ގެންދިޔުމާއި ނުގެންދިއުމުގެ ތަޅުދަނޑިއޮތީ އީރާނުގެ އަތުގައެވެ. ކަންކަން ފުރޮޅެމުން ބަދަލުވަމުންދާނީ އީރާނުން އަމަކުރާ ގޮތެއްގެ މައްޗަށެވެ. ބަދަލުހިފުމަށްޓަކައި އީރާނުން އަޅާ ފިޔަވަޅުތަކެއްގެ މައްޗަށެވެ. މި ލިޔުން ލިޔާއިރު އީރާނުން އަދި މާކަބޮޑު ރައްދެއް ނުދެއެވެ. އެކަން ހަމަ ހިނދުކޮޅެއްގެ ތެރޭގައިވެސް ބަދަލުވެދާނެއެވެ. މާދަމާގެ އިރު އަރާއިރު ބޮޑު ހަނގުރާމައެއް ފެށިފައިވެސް އޮވެދާނެއެވެ.

ދެންވާނީ މިހެންނޭ، އެހެންނޭ ބުނާކަށް މިދަނޑިވަޅުގައި ފަސޭހައެއް ނޫނެވެ. ލަފާކޮށްފައި އެއްޗެއް ބުނަން ފަސޭހައެއް ނޫނެވެ. ކަންކަން ލަފާކުރަން ބޭނުންކުރަނީ ލޮޖިކެވެ. އޮންނަނީ ނުކުމެދާނެ ނަތީޖާތަކަށް ރިއާޔަތް ކުރުމެވެ. އެކަމަކު ކަންކަން ބަދަލުވަނީ ގިނަފަހަރަށް ލަފާކުރާ ގޮތްގޮތަކަށް ނޫނެވެ. މިކަން ޔުކްރޭނުގެ ހަގުރާމަޔާއި ޕާކިސްތާނާއި އިންޑިޔާގެ ހަގުރާމައިންވެސް ފެނިއްޖެއެވެ. ދުރުރާސްތާގެ ވިސްނުމަށްވުރެ ބޮޑަށް ގައުމުތަކުގެ ލީޑަރޝިޕުން މިހާރު އިސްކަންދެނީ ކުރުރާސްތާގެ ވިސްނުމަށް ކަމަށް ފެނެއެވެ. އެހެންވީމާ އިޒްރޭލާއި އީރާނުގެ ކަންތައް ދެން ފުރޮޅިގެންދާނީ މިވެނިގޮތަކަށްކަން ލަފާކުރަން ވަރަށް ދައްޗެވެ. ހަގީގަތަކީ މިއީ ކަމަށްވިޔަސް ކަންކަން ލަފާކުރުމަކީ ނެތްކަމެއް ނޫނެވެ. އޮތްކަމެކެވެ. އެގޮތުން އީރާނުން ދެން އަމަލުކުރާނޭ ނުވަތަ ކުރެވިދާނޭ ގޮތްގޮތާމެދު ވިސްނުން ހިންގައިލާންޖެހެއެވެ. އީރާނުން ކޮންމެ ކަމެއް ކުރިއަސް ކުރާނީ ހިސާބު ޖަހައިފައެވެ. ނަތީޖާއާ ދޭތެރޭ ވިސްނައިފައެވެ.

ބަދަލު ހިފުމަށްޓަކައި އީރާނަށް ވަރަށް ގިނަ ކަންކަން ކުރެވިދާނެއެވެ. އެތައްހާސް ޑްރޯނަކާއި މިސައިލާއި ރޮކެޓުން އިޒްރޭލަށް ހަމަލަދެވިދާނެއެވެ. ގެއްލުންތަކެއް ދެވިދާނެއެވެ. އެކަމަކު އޭގެފަހުން ދެނޯއެވެ. ވިސްނައިލާންޖެހޭ ނުގުތާއަކީ އެއީއެވެ. އެންމެ އެތިފަހަރަކުން ބާރުކަނޑުވައިލެވޭނަމަ މައްސަލައެއް ނެތެވެ. އެކަމަކު އެއީ ކުރެވޭނޭ ކަމެއް ނޫނެވެ. އެމެރިކާގެ ކިބައިން ބަދަލު ހިފުމަށްޓަކައި އަރަބި ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލަދީފިނަމަ ޔަގީނާގާތަށް ގަބޫލުކުރެވޭ ގޮތުން އެގައުމުތަކުން އީރާނާ ދެކޮޅަށް ހަގުރާމަ އިއުލާން ކުރާނެއެވެ. އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރިއަސް އެކަންއޮތީ އެހެންނެވެ. ސަބަބަކީ އެ ކަނޑުއޮޅިއަކީ މިދެންނެވި ގައުމުތަކުގެ ވައިނޮޅި ކަމަށްވުމެވެ. އީރާނާ ދެކޮޅަށް އެންމެން ތެދުވެގަންނައިރު އީރާނު އޮތީ ގިނިކަންޏާއެވެ. އަވަށްޓެރިންގެ ތެރޭގައި ހެޔޮއެދޭ ގާތް މިތުރުންތަކެއް ނެތެވެ. އިސްލާމީ ގައުމުތައްވެސް ހިމެނޭގޮތުންނެވެ. ޕާކިސްތާނާއި ތުރުކީއާއި އަޒަބައިޖާނުވެސް ހިމަނައިގެންނެވެ.

ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. ޗައިނާއާއި ރޫސީވިލާތުން އީރާނަށް މަދަދު ކުރާނެއެވެ. އެހީވާނެއެވެ. ދިފާއުކޮށްދޭނެއެވެ. އެއީ އީރާނުގެ މިތުރުންނެވެ. އެކަމަކު މިއިން ގައުމަކުން އީރާނުގެ ދިފާއުގައި ހަގުރާމައެއްގެ ތެރެއަށް ވަނުން ގާތެއް ނޫނެވެ. ޗައިނާއަކީ އަރަމުން އަންނަ ބާރެކެވެ. މިވަގުތު ސީދާގޮތެއްގައި އައު މައްސަލައެއްގެ ތެރެއަށް ވަދެގަތުމަކީ ޗައިނާގެ މަސްލަހަތެއް ނޫނެވެ. ދެންއޮތީ ރޫސީވިލާތެވެ. ޔުކްރޭނުގެ ހަގުރާމަޔާހެދި ރޫސީވިލާތް އެއޮތީ ކަރުތާފެނަށް ގެނބިފައެވެ. ނޭޓޯގެ ގައުމުތަކުގެ އެހީތެރިކަމާއެކު ޔުކްރޭނުން ރަޝިޔާއަށް ދެމުންގެންދާ ހަމަލަތައްވެސް އެއުޅެނީ ނުހުއްޓުވިގެންނެވެ. އެހާލަތުގައި އީރާނުގެ ދިފާއުގައި ރަޝިޔާއަށް ކުރެވޭނެ މާގިނަކަންތައްތަކެއް ނުހުންނާނެއެވެ. ގަބޫލުކުރެވޭ ގޮތުން ރަޝިޔާ ބަލާނީ އެގައުމަށް ފައިދާވާގޮތަށް ޑީލެއް ހެދޭތޯއެވެ.

މިކަންކަމާމެދު އީރާނުންވެސް ވިސްނާނެއެވެ. ވިސްނަން ޖެހޭނެއެވެ. އެއްފަހަރާ އެތައް ގައުމަކާ ދެކޮޅަށް ގިނިކަންޏާ އޮވެގެން ހަގުރާމަކޮށް ނެރެވޭނީ ކޮން ނަތީޖާއެއްތޯ ބެލުމަށް ހިސާބުޖަހާނެއެވެ. އެހެންވީމާ އީރާނުން ކޮންމެ ފިޔަވަޅެއް އެޅިޔަސް މިދަނޑިވަޅުގައި އަޅުގަޑު ގަބޫލުކުރާހިތް އޮތީ އެފިޔަވަޅުވާނީ ދުރުވިސްނުމަކުން ވިސްނާފައި ކަމަށެވެ. ޖަޒުބާތުގައި ޖެހިގެން ރުޅިވެރިކަން އިސްކޮށްގެން އަޅާ ފިޔަވަޅަކަށް ނުވާނޭ ކަމުގައެވެ. މިހެން ދަންނަވާއިރުވެސް އެނގެއެވެ. އީރާނުގެ ކުރިމަތީގައި މާގިނަ ގޮތްތަކެއް ނެތެވެ. ލެޑީމާ އޮތީ ލެޑުމެވެ. އެކަމަކު އެއީ އެންމެ ބުއްދިވެރިގޮތް ބާވައެވެ. އީރާނަކީ މެދުއިރުމަތީގައިވާ އެންމެ ދުވަސްވީ އެންމެ ހައިބަތުބޮޑު ދައުލަތެވެ. އެކަން ދެމެހެއްޓިފައި އޮތީ ހިކުމަތްތެރިކަމާއެކު ކަންކަން ކުރުމުގެ އާދާތަކުގެ ތެރެއިންނެވެ. އެހެންވީމާ ދެންވާ އެއްޗެއް ބަލަންތިބެމާ ބަހީއެވެ. މުޅި ދުނިޔެ އޮތީ އިންތިޒާރުގައެވެ.