އެމެރިކާގެ ރިޔާސަތަށް ޑޮނަލްޑް ޓްރަމްޕު ހޮވުމަށްފަހު އޭނާ އީރާނުގެ ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީއަށް ސިޓީއެއް ފޮނުއްވިއެވެ. އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހުއްޓާލުމާބެހޭ ގޮތުން ދެގައުމުގެ މެދުގައި ސީދާސީދާ މަޝްވަރާތަކެއް ފެށުމަށެވެ. އެމެރިކާގެ ހުށައެޅުން ގަބޫލުކޮށް މި މަޝްވަރާތައް އީރާނުން ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ބާރަވަނަ ދުވަހު ފަށައިފައެވެ. މިއީ ސިލްސިލާ މަޝްވަރާތަކެކެވެ. މިހާރު ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުން މިއީ އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާން ވާވައްދައި އޮޅުވައިލުމަށްޓަކައި ކުޅުނު ކުޅިވަރެކެވެ. އީރާނު ގަބޫލުކުރަމުން އައީ އެމެރިކާޔާއި އީރާނުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާހައި އިރަކު އެމެރިކާއިންވެސް އަދި އިޒްރޭލުންވެސް އީރާނަށް އަސްކަރީ ހަމަލައެއް ނުދޭނޭ ކަމުގައެވެ. އެފަދަ ހަމަލައެއްގެ ބިރުއޮތީ މަޝްވަރާތައް ހުއްޓިއްޖެނަމައެވެ. އެކަމަކު ހަގީގަތަކީ ކޮބައިތޯއެވެ. ފަރުދާގެ ފުރަގަހުގައި އިޒްރޭލުން ދިޔައީ އަސްކަރީ އޮޕަރޭޝަނަކަށް ތައްޔާރުވަމުންނެވެ.

އެކަމަށްނެގީ ގާތްގަޑަކަށް ދެމަހެވެ. ފުރިހަމައަށް ރާވައިގެން ތައްޔާރުވެގެން އިޒްރޭލުން ވަނީ މިއަދު އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ފެންނަގޮތުން މިއީ ނިމުމެއް ނޫނެވެ. ފެށުމެކެވެ. އީރާނާ ދެކޮޅަށް އިޒްރޭލުން އޮޕަރޭޝަން ރައިޒިން ލަޔަންގެ ނަމުގައި ހަމަލާތަކެއް ފެށުމާއެކު އީރާނަށް އަމާޒުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް މިސައިލެއް ފޮނުވާލައްވައިފިއެވެ. ޓުވިޓަރ ގައެވެ. ވިދާޅުވިއެވެ. މިހާރު އަހަރެމެންގެ ހުށައެޅުން ގަބޫލު ކުރާށެވެ. މި ބުނަނީ ކީކޭތޯއެވެ. މާނަ ވަރަށްވެސް ސާފެވެ. ނިއުކުލިއަރ މަޝްވަރާތަކުގައި އެމެރިކާއިން ހުށައަޅަމުންއައި ހުށައެޅުންތައް ގަބޫލު ކުރާާށެވެ. އެހެންނޫނީ ބޮޑުވެގެންވާ ހަލާކާއި މުސީބާތާ ކުރިމަތިލާށެވެ. ކޮންމެއަކަަސް ޓްރަމްޕުގެ މި މެސެޖުން ސާފުވީ ކަމަކީ ކުރިން ދެންނެވި ނިއުކުލިއަރ މަޝްވަރާތަކަކީ އޮޅުވައިލުމެއް ކަމެވެ. ވަގުތު ހޯދުމެއް ކަމެވެ. އިޒްރޭލާއި އެމެެރިކާއަކީ އެކައްޗެއް ކަމެވެ. ދެހަށިގަޑެއްގައިވާ އެއްފުރާނައެއް ކަމެވެ.

އީރާނާއި އެމެރިކާގެ މަންދޫބުންގެ މެދުގައި މިހާތަނަށް ފަސްބުރެއްގެ މަޝްވަރާތައް ވަނީ ބޭއްވިފައެވެ. އޮމާނުގެ ވެރިރަށް މަސްކަތުގައި ހަވަނަ ބުރުގެ މަޝްވަރާތައް ކުރިއަށްއޮތް އާދީއްތަ ދުވަހަށް ވަނީ ތާވަލް ކުރެވިފައެވެ. އީރާނަށް އިޒްރޭލުން މިއަދު ދޭންފެށި ހަމަލާތަކަށްފަހު ރައީސް ޓްެރަމްޕު ވިދާޅުވިއެވެ. އުންމީދަކީ އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. އެކަމަކު ދެން އަލަކުން މި މަޝްވަރާތައް އީރާނުން ކުރިއަށް ގެންދާނެ ކަމަކަށް ނުބެލެވެއެވެ. ނުވިސްނެއެވެ. ސަބަބެއް ނެތުމުންނެވެ. މަޝްވަރާތަކަކީ އެމެރިކާއިން ދިން ލޮޓިއެއްކަން ޔަގީންވުމުންނެވެ. އިޒްރޭލުން ކުރިކަމެއްކުރީ އެމެރިކާގެ ފުރިހަމަ އެއްބާރުލުން އޮވެގެންކަން ޔަގީންވުމުންނެވެ. އެމެރިކާގެ ރައީސް ޓްރަމްޕު އެބަވިދާޅުވެއެވެ. އިޒްރޭލުގެ އޮޕަރޭޝަނުގައި ތިމަންނާމެން ބައިވެރިއެއް ނުވަމެވެ. އެމެރިކާއިން އަޑަށް ބާރުލާފައި އެމީހުންގެ ބައިވެރިވުން ދޮގުކުރިޔަސް މުޅިދުނިޔެ މިއޮތީ މަންޒަރު ދެކޭށެވެ. ވާނުވާ ބެލުމުގައެވެ.

އެމެރިކާގެ ބައިވެރިވުމެއްނެތި މިވަރުގެ ކަމެއް އިޒްރޭލަށް ކުރެވޭނެކަން ކުޑަކުއްޖަކުވެސް ގަބޫލެއް ނުކުރާނެއެވެ. އީރާން އޮތީ އިޒްރޭލާ ނުހަނު ދުރުގައެވެ. އެހާދުރުގައިވާ ގައުމަކާ ދެކޮޅަށް ހަގުރާމަމަތީ ޖެޓް ބޭނުންކޮށްގެން އެހާ ފުޅާކޮށް އެހާ ފުރިހަމައަށް އޮޕަރޭޝަނެއް ހިންގުމަކީ އިޒްރޭލް ގިނިކަންޏާ ކުރެވޭނެ ކަމެއް ނޫނެވެ. ވަރަށް ކުޑަކުޑަ ގައުމެކެވެ. ވަަސީލަތްތައް ވަކި އިމެއްގައި ހިފެހެއްޓިފައިވާ ގައުމެކެވެ. އެހެންވީމާ ދުރުރާސްތާގެ ހަމަލައެއް ރާވައި ތަންފީޒުކުރުމާއި ވައިގެތެރޭގައި ޖެޓުތަކަށް ތެޔޮއެޅުމާއި އީރާނުގެ ވައިގެ ދިފާއީ ނިޒާމު ގަޑުބަޑުކުރުމާއި ވަގުތުން ވަގުތަށް ސެޓެލައިޓުން ހަގުރާމައިގެ މައިދާނާއި އަމާޒުތައް ސާފުކުރުމަކީ އެމެރިކާގެ ބައިވެރިވުމެއްނެތި އިޒްރޭލަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރަން ހިތަށް އަރުވާނޭ ކަމެއްވެސް ނޫނެވެ. މުޅިން ޔަގީން ކަމެކެވެ. އޮޕަރޭޝަން ރައިޒިން ލަޔަންއަކީ އެމެރިކާގެ ފުރިހަމަ ބައިވެރިވުން އޮތް އޮޕަރޭޝަނެކެވެ.

ޑްރޯނާއި މިސައިލާއި ރޮކެޓުން ހަމަލާދިނުމަކީ މިއަދުގެ ދުނިޔޭގައި ކޮންމެ ބަޔަކަށްވެސް ކުރެވިދާނޭ ކަމެކެވެ. ކުރަމުން އަންނަ ކަމެކެވެ. އެކަން ޔަމަނުގެ ހޫސީންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތުންނާއި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުން އެދަނީ ސާބިތުކޮށްދެމުންނެވެ. ޕައިލެޓުން ތިބެގެން އުދުހޭ ހަގުރާމަމަތީ ޖެޓް ބޭނުންކޮށްގެން ގައުމުތަކުގެ ވައިގެ ސަރަހައްދަށްވަދެ ހަމަލާދިނުމަކީ ކޮންމެ ކޮންމެ ބަޔަކަށް މިހެން ތިބެފައި ކުރެވޭ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. ޕާކިސްތާނާ ދެކޮޅަށް އޮޕަރޭޝަން ސިންދޫރުގެ ނަމުގައި ހުސްވި މެއިމަހު އިންޑިޔާއިން ހިންގި އޮޕަރޭޝަނުގައި މިކަންވަނީ ސާބިތުވެފައެވެ. ޕާކިސްތާނުން ވަނީ އިންޑިޔާގެ ހައެއްކަ ޖެޓް ވައްޓާލައިފައެވެ. ކަންއޮތީ މިހެންނެވެ. އެކަމަކު އިޒްރޭލުން އީރާނާ ދެކޮޅަށް ބޭނުންކުރަނީ ޑްރޯނެއް ނޫނެވެ. ދިގުރާސްތާގެ ރޮކެޓެއް މިސައިލެއް ނޫނެވެ. ހަމަސީދާ ޖެޓެވެ. މިފަހަރަކީ އިޒްރޭލުން މިކަންކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައިވެސް ހަގުރާމަމަތީ ޖެޓް ބޭނުންކޮށްގެން އީރާނުގެ އެތައް ތަނަކަށް އިޒްރޭލުން ވަނީ ހަމަލަދީފައެވެ. އޭގެފަހުން މިއަދު ދިން ހަމަލާތަކުގައި ދުއިސައްތައެއްހައި ޖެޓް ބޭނުންކުރިއެވެ. އެންމެ އެއްޗެއް ގެއްލުނު ކަމުގެ ރިޕޯޓެއް ނެތެވެ. ވައްޓައިލެވުނު ކަމަށް އީރާނަކުންވެސް ނުބުނެއެވެ. އީރާނުގެ ތެރޭގައި އުދުހޭނެ ވަރަކަށް އުދުހި ނިއުކުލިއަރ މަރުކަޒުތަކާއި ވައިގެ ދިފާއީ މަރުކަޒުތަކާއި ނިއުކުލިއަރ ސައެންޓިސްޓުންގެ ގެދޮރާއި އަސްކަރީ ކޮމާންޑަރުންގެ ގެދޮރަށް ހަމަލަދީ އެތައް ބަޔަކު ޝަހީދުކޮށް ހަދާނެ އެއްޗެއް ހަދައިފައި ބަޗައިގެން އެދިޔައީއެވެ. މިހިސާބުން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. އީރާނާއި އިޒްރޭލަކީ އިމުން ގުޅިފައިވާ ދެ ގައުމެއް ނޫނެވެ. އީރާނަށް ވާސިލްވުމަށްޓަކައި އަރަބި ގައުމުތަކުގެ ވައިގެ ސަރަހައްދު އިޒްރޭލަށް ބޭނުންވެއެވެ. ބޭނުންވާނެއެވެ. ޖޯޑަންއާއި ސައޫދީ އަރަބިޔާއެވެ. ސީރިޔާއާއި އިރާގެވެ. މިތަނުން ސީރިޔާ އާއި އިރާގަކީ އެމެރިކާއާއި އިޒްރޭލުން ސުންނާފަތިކޮށްފައިވާ ގައުމުތަކެކެވެ. މިހާރަކު އާރެއް ބާރެއް ނެތެވެ. އެކަމަކު ޖޯޑަނާއި ސައޫދީ އަރަބިޔާ ތަފާތެވެ.

އެހެންވީމާ ސުވާލަކީ މިއެވެ. އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކުން އިޒްރޭލަށް މިކަމުގައި އެއްބާރުލުން ދެނީހެއްޔެވެ. އިޒްރޭލުގެ ޖެޓުތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު އޮތީ ސިއްރިޔާތުގައި ހުޅުވާލައިފައި ހެއްޔެވެ. މީގެ ސާފު ޖަވާބެއްނެތެވެ. އެނގޭ މިންވަރަކީ އިޒްރޭލަށް ހަމަލާދިނުމަށްޓަކައި މިދެންނެވި ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އީރާނަކަށް ނޯންނަ ކަމެވެ. އެ ގައުމުތަކުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އީރާނުގެ ޑްރޯންތަކާއި މިސައިލްތައް ވައްޓައިލުމަށް ފޫގަޅައިގެންތިބޭ ކަމެވެ. އެންމެފަހުން މިއަދުވެސް ޖޯޑަން ވަނީ އީރާނުގެ ޑްރޯންތަކަށް ހަމަލަދީ ހުރަސްއަޅައިފައެވެ. މިއީވެސް އިޒްރޭލުގެ އޮޕަރޭޝަނުގައި އެމެރިކާގެ ބައިވެރިވުންއޮތް މިންވަރު ދޭހަކޮށްދޭ ކަމެކެވެ. އަރަބި ގައުމުތަކުގެ މައްޗަށް އޮތީ އިޒްރޭލުގެ ނުފޫޒެއް ނޫނެވެ. އެމެރިކާގެ ނުފޫޒެވެ. އެގޮތުން އީރާނާ ދެކޮޅަށް އިޒްރޭލާ ގުޅިގެން އެމެރިކާއިން ހިންގާ ހަރަކާތްތަކުގައި ބޭނުންކުރަމުންދާތީ ފެންނަނީ މި ނުފޫޒެވެ