މީގެކުރިން އިޒްރޭލުން އީރާނަށް ދީފައިނުވާ ކަހަލަ ހަމަލާތަކެއް މިއަދު އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ފަށައިފައެވެ. އަމާޒަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާއި ގުޅުންހުރި ތަންތަނާއި ނިއުކުލިއަރ ސައިންޓިސްޓުންނެވެ. އަދި އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުންނެވެ. މިއީ ކުއްލި ގޮތަކަށް ހަމަލަދީފައި ދެން ހިމޭންވެގަތުން ހިމެނޭ ކަހަލަ އޮޕަރޭޝަނެއް ނޫނެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނާ ގޮތުން މި ހަމަލާތައް ވަރަށް ގިނަ ދުވަހަށްވެސް ދެމިގެން ހިނގައިދާނެއެވެ. މާނަޔަކީ އިޒްރޭލުން އީރާނާ ދެކޮޅަށް މި ފެށީ ހަގުރާމަައެކެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި މިއަދުގެ ހަމަލާގައި ބޭނުންކުރީ 200 ޖެޓެވެ. މި އޮޕަރޭޝަނަށް ދީފައިވާ ނަމަކީ އޮޕަރޭޝަން ރައިޒިން ލަޔަންއެވެ. ހޭލައިގަތް ސިންގާއެވެ. އީރާނުގެ ވެރިރަށް ތެހެރާންވެސް ހިމެނޭ ގޮތުން އީރާނުގެ ކަންކޮޅުތަކުގައިވާ ސަތޭކަ އަމާޒަކަށް މިހާތަނަށް 330 ހަމަލާ ދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެއެވެ.

އެންމެ ވަރުގަދަޔަށް ހަމަލަދިނީ ނަތާންޒަށް

އިޒްރޭލުން އެންމެ ބޮޑަށް ހަމަލަދިން އެއްތަނަކީ ވެރިރަށް ތެހެރާނާ 150 މޭލު ދުރުގައިވާ ނަތާންޒް ނިއުކުލިއަރ ރިއެކްޓަރެވެ. މިތަނުގެ އެއްބައިވަނީ ބިމުގެ ވަރަށް އަޑީގައެވެ. އަނެއްބައި ވަނީ ބިމުން މަތީގައެވެ. ނަތާންޒް ރިއެކްޓަރަށް ގެއްލުންތަކެއް ލިބިފައިވާކަން އީރާނުންވެސް ވަނީ ޔަގީންކޮށްދީފައެވެ. މިއީ ޔުރޭނިއަމް މުއްސަނދި ކުރުމާބެހޭ އެންމެ މުހިންމު މަރުކަޒެވެ. މިތަނަށް ގެއްލުންތަކެއް ލިބިފައިވާކަން އީރާނުން ވަނީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާއަށްވެސް އަންގައިފައެވެ. އެކަމަކު މިތަނުގެ ވަށައިގެން އެޓަމިކް ރޭޑިއޭޝަނުގެ އަސަރު ފެތުރިފައިވާކަން އަދި ޔަގީނެއް ނޫނެވެ. މާނައަކީ ނިއުކުލިއަރ ލެބޯޓަރީތަކަށް ގެއްލުން ނުވުމެވެ. ނަތާންޒަކީ އީރާނުގެ ހަމައެކަނި ނިއުކުލިއަރ މަރުކަޒެއް ނޫނެވެ. މި މަރުކަޒު ފިޔަވައި ނިއުކުލިއަރ އެހެން މަރުކަޒަކަށް ގެއްލުން ނުލިބޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އިޒްރޭލުން ބޭނުންކުރީ ހަމައެކަނި ޖެޓްތަކެއް

އީރާނަށް ހަމަލަދިނުމަށް އިޒްރޭލުން ބޭނުންކުރީ 200 ޖެޓްގެ ބޮޑު ފްލީޓެއް ކަމަށް ވަންޏާ ދެން އުފެދޭ ސުވާލުތަކެއް އެބަ ހުއްޓެވެ. އެ ޖެޓުތައް އީރާނާ ހަމައަށް އުދުހުނީ އެހެން ކޮންކޮން ގައުމުތަކެއްގެ ވައިގެ ސަރަހައްދު ހުރަސްކޮށްފައި ބާވައެވެ. ފަހަރުގައި އެއީ ސީރިޔާއާއި އިރާގުގެ ވައިގެ ސަރަހައްދު ކަމަށް ވެދާނެއެވެ. އިޒްރޭލުގެ ޖެޓުތައް ހުއްޓުވުމުގެ ގާބިލުކަން އެ ގައުމުތަކުގައި މިހާރަކު ނެތެވެ. ފަހަރުގައި އިޒްރޭލުގެ ޖެޓުތައް ނައްޓާލީ ގަލްފުގެ އަނގަމަތީގައިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުން ކަމަށްވެސް ވެދާނެއެވެ. އެހެންކަމަށް ވަންޏާ މި އޮޕަރޭޝަނުގައި އެމެރިކާ އެ އޮތީ ބައިވެރިވެފައެވެ. އެކަމަކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެބަ ވިދާޅުވެއެވެ. އިޒްރޭލުގެ ރައިޒިން ލަޔަން އޮޕަރޭޝަނުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އޭނާ އެހެން ވިދާޅުވިޔަސް މިއީ ޕްލޭން ކުރުމުން ފެށިގެން ތަންފީޒު ކުރުމާ ހަމައަށް އެމެރިކާގެ ބައިވެރިވުން ނެތި އިޒްރޭލަށް ކުރެވޭނޭ ކަހަލަ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑު ކަމެކެވެ.

ނިއުކުލިއަރ ސައިންޓިސްޓުންނާއި އަސްކަރީ ކޮމާންޑަރުން މެރުން

ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މި އޮޕަރޭޝަނުގައި އީރާނުގެ ނިއުކުލިއަރ ސައިންސްވެރިންނާއި އަސްކަރިއްޔާގެ ކޮމާންޑަރުން މެރުމަކީ އިޒްރޭލުގެ އަމާޒުތަކެކެވެ. ބޮޑުވަޒީރު ނަތަންޔާހޫ ބުންޏެވެ. އީރާނުގެ ނިއުކުލިއަރ ސައިންސްވެރިންގެ ތެރެއިން ހަ މީހަކު ދުނިޔެއިން ވަކިކޮށްލެވިއްޖެއެވެ. މީގެ އިތުރަށް އީރާނުގެ އިންގިލާބީ ގާޑުންގެ އެންމެ އިސް ކޮމާންޑަރު ހުސައިން ސާލިމީ ވަނީ އަވަހާރަވެފައެވެ. އަދި އީރާނުގެ ރެގިއުލަރ އާމީގެ އެންމެ ސީނިއަރ އޮފިސަރު ކަމަށްވާ މޭޖަރ ޖެނެރަލް މުހައްމަދު ބާގިރީވެސް ވަނީ އަވަހާރަވެފައެވެ. މި ބޭބޭފުޅުން އަވަހާރަކޮށްލީ އެ ބޭފުޅުން ތިއްބެވި ގޭގެޔާއި މަރުކަޒުތަކަށް ހަމަލަދީގެންނެވެ. ޚާއްސަގޮތެއްގައި ވެރިރަށް ތެހެރާނަށް ދިން ހަމަލާތަކުގައެވެ. އިޒްރޭލުގެ މި އުދުވާނުގެ ރައްދު އީރާނުން ދީފި ހެއްޔެވެ. އީރާނުގެ އަމަލުތައް ހުރީ ކޮންގޮތަކަށް ހެއްޔެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުން ސަތޭކައަށްވުރެ ގިނަ ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައިވެއެވެ.

އިރާނުގެ ރައްދަކީ ކޮބާ؟

މި ހަމަލާ ދިނީ އިރާގާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެންނެވެ. މި ހުރިހާ ޑްރޯންތައް އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލާފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ޖޯޑަންގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ޑްރޯންތައް ވައްޓައިލި ކަމަށް ވަނީ ޖޯޑަންގެ ވައިގެ ދިފާއީ ބާރުތަކުންނެވެ. އިޒްރޭލާ ދެކޮޅަށް ޑްރޯން ފިޔަވައި އެހެން ވަސީލަތެއް ހަތިޔާރެއް އީރާނުން ބޭނުންކުރިކަން އަދި ކަށަވަރެއް ނޫނެވެ. ކޮންމެއަކަސް އީރާނުން އަދި މިއަށްވުރެ ފުޅާކޮށް ވަރުގަދަކޮށް ހަމަލަދޭނެއެވެ. ދޭންވެސް މަޖުބޫރެވެ. މިކަން އެމެރިކާއަށް އެނގޭތީ ތޯއްޗެކެވެ. ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިއެވެ. އިޒްރޭލުން މިޒާތުގެ ކަމެއްކުރާކަށް އެމެރިކޭ ނޭދެއެވެ. ބޭނުމެއް ނޫނެވެ. އެކަމަކު އިޒްރޭލަކީ އެމެރިކާގެ ބަސްއަހާވެސް ބައެއް ނޫނެވެ. މިހާރު އެ އޮތީ ހަމަލައަކަށް ތައްޔާރުވެގެންނެވެ. އެހެންވީމާ މެދުއިރުމަތި އެ އޮތީ ހުޅުފަޅައިގެންދާން ތައްޔާރުވެފައެވެ. މިހެން ވިދާޅުވެފައި ޓްރަމްޕުގެ އަމުރަށް މެދުއިރުމަތީގައިވާ އެމެރިކާގެ އެމްބަސީތަކުގައި ކޮންމެހެން ތިބެން ލާޒިމު މީހުން ފިޔަވައި އެހެން މީހުންނާއި އެ މީހުންގެ އާއިލާގެ މެންބަރުން ވަނީ އެމެރިކާއަށް ގެންގޮސްފައެވެ.

ބޮޑު ހަގުރާމައެއް ފެށެނީ

މިއީ ހަގުރާމައެއް ފެށޭނެކަން ކަށަވަރުކަމުގެ އަލާމާތެއް ކަމަށް ތަޖުރިބާކާރުންވެސް ވަނީ ބުނެފައެވެ. ދެން އޮތީ އިޒްރޭލުގެ މި އުދުވާނަށް ދުނިޔެ އިން ބުނީ އަދި ބުނަނީ ކީކޭތޯ ބެލުމެވެ. އަރަބި އަދި އިސްލާމީ ހުރިހާ ގައުމަކުންވެސް އިޒްރޭލުގެ މި އުދުވާން ވަނީ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށްފައެވެ. ޗައިނާއާއި ރޫސީވިލާތުންވެސް މެއެވެ. އަނެއްކާވެސް ރާގާއި ބަސްމަގު ތަފާތީ ހުޅަގުގެ ގައުމުތަކުގައެވެ. އިޒްރޭލާ އެއްކޮޅަށް އެންމެ ސާފުކޮށް ބަސްބުނި ބަޔަކަށް ފާހަގަ ކުރެވެނީ ޖަރުމަންވިލާތެވެ. އެ މީހުން ބުންޏެވެ. މިއީ އިޒްރޭލުގެ ސަލާމަތަށްޓަކައި ކުރާން ޖެހުނު ކަމެކެވެ. ގޯހީ އީރާނެވެ. މިހެން ބުނެފައި ޖަރުމަނުގައި ތިބޭ ޔަހޫދީންނާއި ޔަހޫދީންގެ ފައްޅިތަކުގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް ވަނީ އަޅައިފައެވެ